Advertisement

ފަސޫހާ ފަސްބެލުމެއް ނެތި ކުރިއަށް، 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އާކޮށްފި

5 ޖުލައި 2023 - 13:58 0

މިދިިޔަ އަހަރުގެ ނެޝަނަލް ގްރޯން ޕްރީ އިވެންޓްގައި ފަސޫހާ ދުވަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ


ފަސޫހާ ފަސްބެލުމެއް ނެތި ކުރިއަށް، 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އާކޮށްފި

5 ޖުލައި 2023 - 13:58 0

ދޮޅު މަސް ތެރޭގައި ރަނގަޅު ކުރިއެރުމަކާއިއެކު 800 މީޓަރު ދުވުމުގެ އަންހެން ގައުމީ ރެކޯޑް ފަސޫހާ އަހުމަދު އާ ކޮށްފިއެވެ.

ފަސޫހާ ފުރަތަމަ ގައުމީ ރެކޯޑު މުގުރާލީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ކުރިއަށްދިޔަ ގައުމީ ޓީމްގެ ޓައިމް ޓްޔަލްގަ އެވެ. އެފަހަރު 2 މިނެޓް 27.92 ސިކުންތުން ނިންމައިގެން ފަސޫހާ ހެދި ގައުމީ ރެކޯޑަކީ 13 އަހަރު ވަންދެން މުގުރާނުލެވި އޮތް ގައުމީ ރެކޯޑެކެވެ.

އަނެއްކާވެސް ހަމަ ގައުމީ ޓީމްގެ ޓައިމް ޓްރަޔަލްއެއްގައި ދުވެ ފަސޫހާ ގައުމީ ރެކޯޑު ހެދީ 2 މިނެޓް 21.83 ސިކުންތުންނެވެ. މިވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އުއްމީދީ ދުވުންތެރިންގެ ތެރޭގައި ފަސޫހާ ހިމެނެ އެވެ.

އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ ހެދުމުގެ ކުރިން މި ރެކޯޑު އޮތީ އާއިޝަތު ރީޝާ އަތުގަ އެވެ. ރީޝާ ވަނީ 2009 ވަނަ އަހަރު ޖަރުމަނުގެ ބަރލިންގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގައި ދުވެ 2 މިނެޓު 28 ސިކުންތުން ރޭސް ނިންމާ ރެކޯޑު ހަދާފަ އެވެ.

ފަސޫހާގެ އިތުރުން އެތުލިކްސް އެސޯސިއޭޝަންގެ ހުރިހާ އެތުލީޓުންވެސް މިވަގުތު ތައްޔާރުވަމުން އަންނަނީ މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްް (އައިއޯއައިޖީ)އަށެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ސްކޮޑުގެ ގިނަ ދުވުންތެރިންތަކެއް މިހާރުވެސް އަންނަނީ ރާއްޖެއިން ބޭރުގައި ތަމްރީންތައް ހަދަމުންނެވެ.

އޮގަސްޓް މަހު އޮންނަ އައިއޯއައިޖީއަށްފަހު ސެޕްޓެމްބަރު މަހު ޗައިނާގެ ހަންޒޫގައި އޮންނަ އޭޝިއަން ގޭމްސް ގައިވެސް ރާއްޖޭގެ އެތުލެޓިކްސް ޓީމުން ވާދަކުރާނެ އެވެ.