Advertisement

ދެ މެޗުގެ ސަސްޕެންޝަނަކާ އެކު އިންޑިއާގެ ކޯޗު ސްޓިމަކް އަށް 500 ޑޮލަރުގެ ޖޫރިމަނާއެއް

1 ޖުލައި 2023 - 11:32 0

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް: ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދެ މެޗުގެ ސަސްޕެންޝަނަކާ އެކު އިންޑިއާގެ ކޯޗު ސްޓިމަކް އަށް 500 ޑޮލަރުގެ ޖޫރިމަނާއެއް

1 ޖުލައި 2023 - 11:32 0

އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް އަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދެއްކި ދެ ވަނަ ރަތް ކާޑާ އެކު، އޭނާ ދެ މެޗަށް ސަސްޕެންޑްކޮށް، 500 ޑޮލަރުން ޖޫރިމަނާކުރަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނިންމައިފި އެވެ.

އެންމެ ފަހުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ދެކޮޅަށް ރަތް ކާޑު ހޯދި ސްޓިމަކް ވަނީ އެ ފަަހަރުގެ ފައިނަލުގައި ނޭޕާލް އަތުން އިންޑިއާ މޮޅުވި މެޗަށް ވެސް ސަސްޕެންޑްކޮށްފަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ސްޓިމަކަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އަދި ސަސްޕެންޝަނުން އެނބުރި އައި މެޗުގައި، ކުވެއިތާ ދެކޮޅަށް ސްޓިމަކަށް ރަތް ކާޑު ދެއްކީ ދެ ރީނދޫ ކާޑު ދެއްކުމަށް ފަހު އެވެ.

ތަކުރާރުކޮށް ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔައި، ޓަޗްލައިންގައި ހުރެ، އިދިކޮޅު ޓީމުގެ ކުޅުންތެރިންނާ ބަހުގެ ހަމަލާ ބަދަލުކުރާ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ ސްޓިމަކް ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދެއްކި ފުރަތަމަ ރަތް ކާޑުގެ ދިފާއުގައި މީޑިއާ އިންޓަވިއުއެއް ވެސް ދީފަ އެވެ.

ސާފް އިން ބުނީ ސްޓިމަކްގެ މައްސަލަ މި ފަހަރު، ޑިސިޕްލިނަރީ ކޮމިޓީން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ނިންމީ، ކުވެއިތު މެޗުގައި ރަތް ކާޑު ދެއްކުމުން، ދަނޑުން ފައިބައިގެން ދަމުން، ސްޓިމަކް، އެ މެޗުގެ ރެފްރީ، ބަންގްލަދޭޝްގެ އަލަމްގީރް އަށް ބޭއަދަބީ ބަހުން މުއާމަލާތުކޮށްފައިވާތީ އެވެ.

ސްޓިމަކްގެ މައްސަލަ ބެލުމަށް ފަހު، ސާފް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ އޭނާގެ ސަސްޕެންޝަން ދެ މެޗަށް ބަދަލުކުރާށެވެ. މިއާ އެކު، އިންޑިއާ އިން މިރޭ ސާފް ޗެމްޕިއަންޝިޕް ސެމީ ފައިނަލުގައި ލެބަނަންއާ ކުޅޭ މެޗާއި އެ މެޗުން އިންޑިއާ މޮޅުވެއްޖެނަމަ ފައިނަލުގައި ވެސް ސްޓިމަކަށް ބެންޗުގައި ނީނދެވޭނެ އެވެ. އިންޑިއާ ފައިނަލަށް ގޮސްފިނަަމަ، ސްޓިމަކް ވެގެންދާނީ ސާފް ތާރީހުގައި ވެސް ޖެހިޖެހިގެން ދެ ފައިނަލުގައި ސަސްޕެންޝަނުގެ ސަބަބުން ބެންޗަށް ނާނދެވި ހުންނަން ޖެހޭ ފުރަތަމަ ކޯޗަށެވެ.

ކްރޮއޭޝިއާ ގައުމީ ޓީމާ އެކު، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ލޯ މެޑަލް ހޯދި، ސްޓިމަކް އަށް ބެންޗަށް ނުދެވޭއިރު، އޭނާގެ ޕްލޭނާ އެއްގޮތަށް ޓީމު ރޭވުމުގައި ހަރަކާތްތެރިވަނީ އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ އެވެ.