Advertisement

ކުޅުދުއްފުށީ އީދު ސަމާސާ: ހަ ވާ އެރުވުމުން ރައްޔިތުން ރަތަށް

29 ޖޫން 2023 - 13:47 6

އަހުމަދު ސައީދު

އަހުމަދު ސައީދު

ކުޅުދުއްފުށީ ކައުންސިލުން "ހަވާ" އަރުވާނެ ކަމަށް އިއުލާނުކޮށް ރޭގައި އެރުވި "ހަ ވާ" -- ފޮޓޯ ފޭސްބުކް/ ވާހިދު


ކުޅުދުއްފުށީ އީދު ސަމާސާ: ހަ ވާ އެރުވުމުން ރައްޔިތުން ރަތަށް

29 ޖޫން 2023 - 13:47 6

ބޮޑު އީދު ފާހަގަ ކުރުމަށް "ހަވާ" އަރުވާނެ ކަމަށް އިއުލާނުކޮށް ކުޅުދުއްފުށީ ގައި "ހަ ވާ" އެރުވުމުން، ކުޑަކުދިން މާޔޫސްވެ ރައްޔިތުން ރުޅިގަދަ ވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން މި އަހަރުގެ ބޮޑު އީދު ކުޅިވަރު ތަކުގެ ތެރޭގައި "ހަވާ" އެރުވުން އޮންނާނެ ކަމަށް ކުރިއާލައި އިއުލާނު ކޮށްފައިވެ އެވެ. "ހަވާ" އަރުވަން ހަމަޖައްސާފައި އޮތީ ރޭ 8:30 ގައި ހިއްކި ބިމުގައެވެ.

ދިހަ ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ކުޅުދުއްފުށީގެ އެންމެން ކަހަލަ ގޮތަކަށް ހަވާ ބަލަން ދިޔަ އެވެ. އެތައް ސަތޭކެ ކުޑަކުދިންނެއް ހަވާ ފެންނާނެ ކަމުގެ އުންމީދުގައި ތިއްބެވެ. އުމުރުން ދުވަސްވީ މީހުންނާއި ހާއްސާ އެހީއަށް ބޭނުންވާ ފަރާތްތަކުން ވެސް ތިބީ އެ އިންތިޒާރުގަ އެވެ. ކައިރި ރަށްރަށުން ލޯންޗު ކުއްޔަށް ހިފައިގެން ވެސް ކުޅުދުއްފުއްޓަށް ހަވާ ބަލަން ދިޔަ އެވެ.

"ހަވާ" އެރުވުމުގެ ކަންތައް ދިޔައީ އެއްވެސް މީހަކު ހީކުރި ގޮތަކަށް ނޫނެވެ. ހަވާ އަރުވަން ތާވަލްކޮށްފައި އޮތް ގަޑި ޖެހުނުއިރު ވެސް އަޑެއް، ކުލަކުލައިގެ މަންޒަރެއް ނާދެ އެވެ. އޭގެ ބަދަލުގައި ހިއްކި ބިމުގައި ހުރި ސްޓޭޖަކަށް ވާ ޖަހައި ދަމާފައި އެރުވީ އެކަކުން ހަޔަކަށް ނަމްބަރު ޖަހާފައި ހުރި ހަ ވަލެވެ. ހަވާ އެރުވުން ފެނުނީ މުޅިން އާ ގޮތަކަށެެވެ.

މިކަމާ ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ މީހުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި މިއީ ކައުންސިލުން ގަސްދުގައި ރައްޔިތުންނަށް އޮޅުވައިލި އޮޅުވައިލުމެކެވެ.

"ހަވާ އަރުވަން އިއުލާނު ކުރިއިރު ވެސް ސިޓީ ކައުންސިލަށް އެނގޭ މި ކިޔަނީ ކަނޑައެޅިގެން ދޮގުކަން.... ތުއްތު ކުދިންނާއި ބަލި މީހުން ވެލިގަނޑަށް އެއްކުރީ އޮޅުވައިލުމަކުން،" ފޭސްބުކް ގައި ހިޔާލުފާޅުކުރަމުން މުޖުތަބާ އަހުމަދު ނަމަކަށް ކިޔާ މީހަކު ބުންޏެވެ.

ކުޅުދުއްފުށީ ކައުންސިލް އިން ނެރުނު އީދު ކުރިވަރު ޝެޑިއުލް


ރައްޔިތުންގެ ހިތްހަމަނުޖެހުން އަމާޒުވުމުން، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ "ހަވާ" އެރުވުން ކުޅިވަރު ތާވަލުގައި ހިމެނީ "ހަ ވާ" އެރުވުން ކިޔާ ކުޅިވަރެއް ޝެޑިއުލްގައި ހިމެނުމަށް އެ ކުޅިވަރު އިންތިޒާމުކުރި ފަރާތުން އެދުމުން ކަމަށެވެ. އަދި އެއީ އަސްލު ހަވާ ކަމާމެދު ސުވާލު އުފެދި އޮޅުން އަރާފާނެތީ ކައުންސިލުން ނެރުނު ޝެޑިއުލްގައި "ހަ ވާ" ލިޔެފައިވާނީ ހ އާއި ވ އާ ދޭތެރޭ ހުސް ޖާގައެއް ދޫކޮށްފައި ކަމަށް އާތިފު ފޭސްބުކްގައި ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަކީ ކަންކަމަށް ހަޖޫ ޖެހުމުގެ އާދައެއް އޮންނަ ރަށެކެވެ. ކޮންމެ ބޮޑު އީދެއްގައި ކުޅުދުއްފުށީގައި ބާއްވާ މަށިމާލި ޕެރޭޑަކީ އޭގެ މިސާލެކެވެ. ނަމެވެސް މިފަހަރު އާ ގޮތަކަށް "ހަވާ" އަރެވުމުން އެއްވެސް މީހަކަށް ކަމުދިޔަ ކަމަކަށް ނުވި އެވެ.