Advertisement

މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއް އެއާލައިން، ފްލައިނާސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

20 ޖޫން 2023 - 17:01 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ކުންފުނި 2007 ވަނަ އަހަރު ވުޖޫދަށް ގެނައި ފަހުން، 60 މިލިއަން ފަސިންޖަރުން އުފުލާފައިވެ އެވެ.


މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއް އެއާލައިން، ފްލައިނާސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

20 ޖޫން 2023 - 17:01 0

މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިން ފްލައިނަސް އިން ރާއްޖެއަށް ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.

ސައުދީއަރަބިއާގެ އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު 8:00ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާއިރު، އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓް އެއް ވަނީ ދީފަ އެވެ.

މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިންގެ ސްކައިޓްރެކްސް އެވޯޑް ޖެހިޖެހިގެން ފަސް އަހަރު ލިބިފައިވާ ފްލައިނަސްއިން ރިޔާދް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު ތިން ދަތުރުކުރުމަށް ހަމަޖެހިފައިވެ އެވެ. އެ ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ބޭނުންކުރާނީ 170 މީހުންގެ ޖާގައިގެ އެއަރބަސް 320 ނިއޯ އެވެ.

ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް، ސައުދިއަރަބިއާއިން ރާއްޖެއަށް ކަޑައަޅަޅާފައި ހުންނަވާ ސަފީރު، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއުގެ އިތުރުން ފަލައިނަސްގެ ސޭލްސް ވައިސް ޕްރެޒިޑެންޓް އަދި ކުންފުނީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފްލައިނާސްގެ ފްލައިޓް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނީ


ފްލައިނާސްގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ސައުދީ މާކެޓަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ރާއްޖޭގެ އެހެން އެއާޕޯޓުތަކަށް ވެސް ފްލައިނާސްގެ އިތުރުން އެހެން އެއާލައިންތަކުން ދަތުރުތައް ކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭގެ ސަބަބުން މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ފްލައިނާސް ސޭލްސްގެ ނައިބު ރައީސް، އަލެއިޑީ އަބްދުލެލައް ސުލައިމާން ވިދާޅުވީ ދިވެހިރާއްޖެއަށް ފްލައިނާސްގެ ސީދާ ދަތުރުތައް ފެށުމަކީ އެ އެއާލައިން އިން ހިންގަމުން އަންނަ އެކްސްޕޭންޝަން ޕްލޭން އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ފްލައިނާސް އިން ދުބާއީ، އިސްތަންބޫލް އަދި ދޯހާ ގެ އިތުރުން ދުނިޔޭގެ މަގުބޫލް 38 މަންޒިލަކަށް މިހާރު ވެސް ދަތުރުތައް ކުރެއެވެ. ކުންފުނި 2007 ވަނަ އަހަރު ވުޖޫދަށް ގެނައި ފަހުން، 60 މިލިއަން ފަސިންޖަރުން އުފުލާފައިވެ އެވެ.

އެމެރިކާގެ ވާޖިން އެޓްލާންޓިކް އެއާލައިން އިންވެސް މި އަހަރުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.