20 ޖޫން 2023 - 13:01 1
ނަޖާހު މަސްއޫދު
20 ޖޫން 2023 - 13:01 1
އަރަބިއްޔާ ސްކޫލަށް މޫނު ބުރުގާ އަޅައިގެން ދިޔުން މަނާ ކުރުމުން، މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ދައުވާ ކުރި މީީހުންގެ ތެރެއިން އެކަކުގެ ދަރިފުޅަކީ މޫނު ބުރުގާ ނާޅާ ކުއްޖަކަށް ވާތީ އެ ކުއްޖާގެ ފަރާތުން ދައުވާ ކުރުމުގެ ހައިސިއްޔަތު ނެތް ކަމަަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
ސިވިލްކޯޓުން އެގޮތަށް ކަނޑައެޅީ މިދިޔަ ބުރާސްފަތިދުވަހު އެވެ.
މޫނު ބުރުގާ އަޅާ ބައެއް ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ އަރަބިއްޔާގެ ޔުނިފޯމް ކޯޑުގައި މޫނު ބުރުގާ ނުހިމެނޭ ގޮތް ހަދައި މޫނު ބުރުގާ އަޅައިގެން ދަރިވަރުން ނުފޮނުވުމަށް ސްކޫލުން އެންގުމުން، ބެލެނިވެރިންތަކެއް ސިވިލް ކޯޓަށް ޖުޑިޝަލް ރިވިއުގެ ދައުވާއެއް ހުށަހެޅީ، އެކަމުގެ ސަބަބުން އެ ކުދިންގެ ތައުލީމު އުނގެނުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ބުނެ އެވެ.
އެ ދައުވާ އަކީ ޖުޑިޝަލް ރިވިއުގެ ދައުވާއަކަށްވާއިރު، ދައުލަތުން އެ މައްސަލަ ބެލުމުގެ އިހްތިސާސްއާ މެދު ސުވާލު އުފައްދައި ސިވިލް ކޯޓުގައި ބުނެފައި ވަނީ، އެފަދަ ދައުވާ ކުރުމުގެ ހައްގު ލިބިގެން ވަނީ ދައުލަތުން އަޅާ އިދާރީ ފިޔަވަޅެއްގެ ސަބަބުން ސީދާ އަސަރު ފޯރާފައިވާ ފަރާތްތަކަށް ކަމަށް ސުޕްރީމް ކޯޓުގެ، މުހައްމަދު ހަލީމް އަދި އަސްއަދު ޝަރީފް ވ. ޔައުގޫބް އަބްދުﷲ ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެކަމަކު، މި މައްސަލައިގައި ހުށަހަޅާފައި އޮތް އެއްވެސް ލިޔުމަކުން ދައުވާ ކުރާ މީހުންނަކީ އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ކުދިންގެ ބެލެނިވެރިން ކަމެއް އަދި އެ މީހުންގެ ދަރިން މޫނު ބުރުގާ އަޅާ ކަމެއް ނޭނގޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
ދައުލަތުން ބުނި ގޮތުގައި، މި މައްސަލައިގައި ދައުވާ ކުރުމުގެ ހައްގު ލިބިގެން ވަނީ އަރަބިއްޔާ ސްކޫލު ކުދިންގެ ތެރެއިން މޫނު ބުރުގާ އަޅާ ކުދިންނާއި އެ ކުދިންނަށް އަމިއްލަ ނަމުގައި ދައުވާ ނުކުރޭ ހާލަތުގައި އެ ކުދިންގެ ބެލެނެވެރިންނަށެވެ. އެހެންވެ، ދައުވާ ކުރާ ތިން ބެލެނިވެރިންގެ ފަރާތުން ވަނީ އެ މީހުންގެ ދަރިން ތައުލީމު ހާސިލު ކުރަނީ އަރަބިއްޔާގައި ކަމާއި އެއީ ހަގީގަތުގައި ވެސް އެ މީހުންގެ ދަރިންކަން އެނގޭނެ ލިޔުންތައް ކޯޓަށް ހުށަޙަޅައިފަ އެވެ.
އަރަބިއްޔާގައި މިހާރު ނިގާބު އަޅާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން އެނގޭނެ ލިޔުމެއް ދައުލަތުން ވެސް ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އެ ލިޔުމާ ހަވާލާދީ ދައުލަތުން ބުނެފައި ވަނީ ދައުވާ ކުރާ މީހުންގެ ތެރެއިން އެކަކުގެ ދަރިއަކީ މޫނު ބުރުގާ އަޅާ ކުއްޖެއް ނޫން ކަމަށެވެ. ދެން މައްސަލައިގައި ހިމެނޭ ދެ ކުދިންނަކީ ވެސް މޫނު ބުރުގާ އަޅާ ކުދިންނަށްވާއިރު އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ސްކޫލަށް ދަނީ މޫނު ބުރުގާ އެޅުން މަނާ ކުރުމުން މާސްކެއް އަޅައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ލިޔުންތައް ބެލުމަށްފަހު އަދި ދައުލަތުގެ ބަހުންނާއި ދިފާއީ ވަކީލުންގެ ބަހުން ވެސް ދައުވާ ކުރާ މީހުންގެ ތެރެއިން އެކަކުގެ ދަރިފުޅަކީ މޫނު ބުރުގާ އަޅާ ކުއްޖެއް ނޫންކަން އެނގޭތީ، ޝަރީއަތުން ނިންމީ އެ ކުއްޖާގެ ފަރާތުން މި މައްސަލައިގައި ދައުވާ ކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ.
އެހެންވެ، ގާޒީ މަރިޔަމް ވަހީދު ނިންމެވީ، މޫނު ބުރުގާ ނާޅާ ކުއްޖާގެ ބައި މައްސަލައިން އުނިކުރުމަށްފަހު ދެން ތިބި ދެ ކުދިންގެ ބައި ކުރިއަށްގެންދިޔުމުގެ އިހްތިސާސް ލިބިގެންވާ ކަމަށެވެ.
ތިން ބެލެނިވެރިއަކު ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ވަނީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދަރިވަރުން ނުފޮނުވޭނެ ކަމަށް އަރަބިއްޔާގެ ބައެއް ބެލެނެވެރިންނަށް އަނގަބަހުންނާއި ލިޔުމުން އަންގައި ދަރިވަރުން ސްކޫލަށް ހާޒިރުވުމަށް ހުރަސްއަޅާ ކަމަށެވެ.
އެހެންވެ، މޫނު ބުރުގާ އަޅައިގެން ނޫނީ މުޖުތަމައުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ އަންހެން ކުދިންނަށް ރަސްމީ ތައުލީމު ލިބޭނެ އެހެން ގޮތެއް ގާއިމްކޮށްނުދީ، އެ ކުދިންނަށް ރަސްމީ ތައުލީމު ލިބިގަތުމުގެ ހައްގުން މަހުރޫމު ކުރެވޭނެ އެއްވެސް ގަވާއިދެއްގައި ނުހެދޭނެ ކަމަށާއި އެންގުމެއް ވެސް ނޭންގޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ ދައުވާގައި އެދިފައިވެ އެވެ.
ޔުނީފޯމް ކޯޑުގެ ތެރެއިން ވިޔަސް ތައުލީމީ ފުރުސަތު ނުލިބޭނެ ގޮތަށް ސިޔާސަތުތައް ތަންފީޒު ނުކުރެވޭނެ ކަމަށާއި މޫނު ބުރުގާ އަޅާ ކުދިންނާމެދު ތަފާތުކުރުންތައް ބަހައްޓައި، އެ ކުދިންނަށް ހަނގާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް ދައުވާގައި އެދުނެވެ.
ވަގުތީ އަމުރާ މެދު ކުރި ބަހުސްގައި ދައުލަތުން ކޯޓުގައި ބުނީ، ޔުނީފޯމް ކޯޑާ ހިލާފުވެގެން ސްކޫލަށް އައުން ނުވަތަ ތައުލީމުން ދަރިވަރުން މަހުރޫމު ކުރެވޭ އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރު ސްކޫލަށް އަދި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ލިބިގެންނުވާ ކަމަށެވެ.
ދައުލަތުން ބުނެފައި ވަނީ ޔުނިފޯމް ކޯޑާ ހިލާފުވުމުން އޮންނާނީ ފިޔަވަޅު އެޅުން ކަމަށާއި އެކަމަކު ކޮންމެ ދަރިވަރަކަށް ވެސް ކިޔަވަން އައުމުގެ ހައްގު އެބައޮތް ކަމަށެވެ. ދައުވާ ކުރި ބެލެނިވެރިންގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައި ދެ ރަސްމީ ލިޔުމުން ވެސް އެއްވެސް ދަރިވަރަކު ސްކޫލަށް އައުމަށް ނުވަތަ ކުލާހަށް ހާޒިރުވުމަށް ނުވަތަ އިމްތިހާނެއް ހެދުމަށް މަނާކޮށްފައި ނުވާކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.
މި މައްސަލަ ކޯޓުން ބަލައި ނިމެންދެން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުމަށް ހުރަސް ނޭޅޭނެ ކަމަށް ވަގުތީ އަމުރަކުން ކަނޑައަޅައިދޭން އެ ބެލެނިވެރިން މީގެ ކުރިން އެދިފައިވެ އެވެެ. ސިވިލް ކޯޓުން މިދިޔަ އޭޕްރިލް 17, ގައި ނިންމީ އެ އަމުރު ނެރެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ އަމުރު އެ ބެލެނިވެރިން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
Comment