Advertisement

ކަނޑުތައް ހިމާޔަތް ކުރަން ހެދި އެއްބަސްވުން އދ. އިން ރަސްމީކޮށް ބަލައިގެންފި

އެއްބަސްވުން ތަންފީޒު ކުރެވޭނީ 60 ގައުމުން ސޮއިކުރުމުން. -- ފޮޓޯ: އޭއެފްޕީ


ކަނޑުތައް ހިމާޔަތް ކުރަން ހެދި އެއްބަސްވުން އދ. އިން ރަސްމީކޮށް ބަލައިގެންފި

އދ.، އެމެރިކާ (ޖޫން 19) - ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރަން މަޝްވަރާ ކުރާތާ 10 އަހަރު ފަހުން ގައުމުތަކުން އެކުލަވާލި ތާރީހީ އެއްބަސްވުން ރަސްމީކޮށް ބަލައިގެންފި އެވެ.

"ހައި ސީޒް ޓްރީޓީ" އެއްބަސްވުމުގައި ބުނީ 2030 ވަނަ އަހަރުގެ ކުރިން ކަނޑުތަކުގެ 30 ޕަސެންޓު ރައްކާތެރި ކުރާނެ ކަމަށެވެ.

އެއްބަސްވުން ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ ކަނޑުތައް ހިމާޔަތް ކުރަން ގާނޫނީ އޮނިގަނޑެއް ހެދުން ވާނީ ތާރީހީ ކުރިއެރުމަކަށް ކަމަށެވެ.

އދ. އިން ރަސްމީކޮށް އެއްބަސްވުން ބަލައިގަތް ނަމަވެސް، ވަކިވަކި ގައުމުތަކުން އެ މުއާހަދާ ބަލައިގަނެ، އެއަށް އަމަލުކުރަން ޖެހޭނެ އެވެ. އެއްބަސްވުން ތަންފީޒު ކުރަން ފެށޭނީ 60 ގައުމުން ބައިވެރިވުމުންނެވެ.

އެ އެއްބަސްވުން ވުޖޫދަށް ގެންނަން މަސައްކަތް ކުރި ގްރޫޕްގައި 50 ގައުމު ހިމެނޭ އިރު، ތަންފީޒު ކުރަން ބޭނުންވާ އަދަދަށް ގައުމުތަކުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. އދ. ގައި ޖުމްލަ 193 ދައުލަތް ހިމެނެ އެވެ.

ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާ ކުރި ނަމަވެސް އެއްބަސްވުމަކާ ހަމައަށް ނުދެވި އޮތީ މަސް ބޭނުމުގެ ހައްގާއި ފައިސާއާ ގުޅޭ ކަންކަމުގައި ގައުމުތަކުގެ ހިޔާލު ތަފާތުވުމުންނެވެ.

ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ބައިނަލްއަގްވާމީ އެއްބަސްވުމެއްގައި އެންމެ ފަހުން ސޮއިކުރީ މީގެ 40 އަހަރު ކުރިން 1982 ގަ އެވެ.

އދ. ގެ "ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ" މުއާހަދާގެ ދަށުން "ހައި ސީޒް"ގެ ގޮތުގައި ކަނޑުތަކުން ސަރަހައްދެއް ފުރަތަމަ ފަހަރަށް ކަނޑައެޅި އެވެ.

"ހައި ސީޒް" އަކީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެވެ. އެ ތަނުގައި ހުރިހާ ގައުމަކަށް ވެސް މަސް ބޭނުމާއި، ދަތުރު ކުރުމާއި، ދިރާސާ ކުރުމުގެ ހައްގު ލިބޭނެ އެވެ.

އެހެން ނަމަވެސް، "ހައި ސީޒް" ސަރަހައްދުން މީގެ ކުރިން ހިމާޔަތް ކުރީ އެންމެ 1.2 ޕަސެންޓެވެ. ހިމާޔަތް ކުރި ސަރަހައްދު ނޫން އެހެން ހިސާބުތަކުގަައި އުޅޭ ކަނޑުގެ ދިރުންތަކަށް ނުރައްކާ ބޮޑެވެ.

އެގޮތުން މާ ގިނައިން މަސް ބޭނުމުން ދިރުންތައް މަދުވުމާއި، ކަނޑުގައި ޓްރެފިކް ބޮޑުވުމާއި، ތަގައްޔަރުވުމާއި، މޫސުމީ ބަދަލުގެ އަސަރުތައް ބޮޑަށް ކުރެ އެވެ.

ދުނިޔޭގެ ކަނޑުގެ ދިރުންތަކުގެ އެންމެ ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި ދިރުންތަކުގެ 10 ޕަސެންޓް ނެތިދިޔުމުގެ ފުރުސަތު ބޮޑެވެ.

އާ އެއްބަސްވުމުގެ ދަށުން "ހައި ސީޒް" ގައި ހިމާޔަތްކޮށްފައިވާ ހިސާބުތަކުގައި މަސް ބޭނޭ މިންވަރު ލިމިޓްވާނެ އެވެ.

އޭގެ އިތުރުން ބޯޓު ދަތުރު ކުރާނެ ރޫޓު ކަނޑައަޅައި، ކަނޑުގެ އަޑިން މައިން ކުރުމުގައި ވެސް ލިމިޓް ހުންނާނެ އެވެ.