Advertisement

އުތުރު ކޮރެއާއިން ދެ ބެލިސްޓިކް މިސައިލް ޓެސްޓުކޮށްފި

ބެލިސްޓިކް މިސައިލެއް ލޯންޗު ކުރަނީ. -- ފޮޓޯ: ރޮއިޓާޒް


އުތުރު ކޮރެއާއިން ދެ ބެލިސްޓިކް މިސައިލް ޓެސްޓުކޮށްފި

ސޯލް، ދެކުނު ކޮރެއާ (ޖޫން 15) - އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ފެށި އަސްކަރީ ތަމްރީނަށް ރައްދު ދޭނެ ކަމަށް އުތުރު ކޮރެއާއިން އިންޒާރު ދިންތާ ގަޑިއިރުތަކެއް ފަހުން ދެ ބެލިސްޓިކް މިސައިލް ޓެސްޓުކޮށްފި އެވެ.

ދެކުނު ކޮރެއާއިން ބުނީ ކުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ވެއްޓުނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ޖަޕާން ކަނޑަށް ކަމަށެވެ. އެމެރިކާއާ ގުޅިގެން ހާލަތު މޮނީޓާ ކުރުން ވަރުގަދަކޮށްފައިވާ ކަމަށް ވެސް ދެކުނު ކޮރެއާއިން ބުންޏެވެ.

ޖަޕާނުން ބުނީ އުތުރު ކޮރެއާއިން ލޯންޗުކުރި ދެ މިސައިލް ވެއްޓުނީ ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ސަރަހައްދަށް ކަމަށެވެ.

ޖަޕާނާއި، ދެކުނު ކޮރެއާ އަދި އެމެރިކާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް އުތުރު ކޮރެއާއިން ތަކުރާރުކޮށް މިސައިލް ޓެސްޓު ކުރާތީ އެކަން ކުށްވެރިކޮށްފަ އެވެ.

މި އަހަރުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ އަސްކަރީ ގޮތުން ވަރުގަދަވުމަށް ގިނަ މަސަައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އެ ގައުމުން އުފެއްދި އެންމެ ބާރުގަދަ އިންޓަ ކޮންޓިނެންޓަަލް މިސައިލް ޓެސްޓުކޮށް، ދުނިޔޭގެ އޯބިޓަށް ޖާސޫސީ ސެޓެލައިޓެއް ފޮނުވުމުގެ މަސައްކަތް ވެސް ކުރި އެވެ.