Advertisement

ރާއްޖެ-އީޔޫ ރަސްމީ މަޝްވަރާތައް މިއަދު ފަށަނީ

13 ޖޫން 2023 - 09:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ރާއްޖެ-އީޔޫ ރަސްމީ މަޝްވަރާތައް މިއަދު ފަށަނީ

13 ޖޫން 2023 - 09:59 0

ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ބާއްވާ ރަސްމީ މަޝްވަރާތައް މިއަދު ފަށަން ތައްުޔާރުވެއްޖެ އެވެ.

އެ މަޝްވަރާތަކުގައި ބައިވެރިވާ ރާއްޖޭގެ ވަފުދު ބެލްޖިއަމަށް ފުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ރާއްޖެއާ އީޔޫ ގެ އިސް އޮފިޝަލުންގެ ދެ ވަފުދުގެ ދެމެދު ބާއްވާ އެ މަޝްވަރާތަކަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށްދާނީ ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސް ގަ އެވެ. މިއަދު ފަށާ ބައްދަލުވުމަކީ އެ އުސޫލުން ބާއްވާ ހަތަރު ވަނަ ބައްދަލުވުމެވެ. މިދިޔަ އަހަރުގެ މި ބައްދަލުވުން ކުރިއަށް ގެންދިޔައީ އޮކްޓޯބަރު މަހު މާލޭގަ އެވެ.

މި އަހަރުގެ ބައްދަލުވުމުގެ އެޖެންޑާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ދައުލަތް ހިންގުން، ޑިމޮކްރަސީ، އިންސާނީ ހައްގުތައް، ޝަރުއީ ދާއިރާ، އިގުތިސާދީ ދާއިރާ ހިމެނެ އެވެ. މީގެއިތުރުން ދީނީ ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް އީޔޫ އާއި ރާއްޖެއިން އެކުގައި މަސައްކަތް ކުރުމާމެދު މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވިގެންދާނެ އެވެ.

މީގެއިތުރުން މެރިޓައިމް ސެކިއުރިޓީއާއި މަސްވެރިކަން އަދި ފަސޭހަ ގޮތުގައި ދިވެހިންނަށް ޝެންގެން ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމާމެދު ވިލާތުގެ ގައުމުތަކާއެކު ރާއްޖެއިން މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މަޝްވަރާ ތަކުގައި ބައިވެރިވާ ރާއްޖޭގެ ވަފުދު ލީޑުކުރައްވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އެވެ. ފޮރިން މިނިސްޓްރީގެ އިތުރުން، ރައީސް އޮފީސް، އިކޮނޮމިކް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، އެންވަޔަރަމަންޓު މިނިސްޓްރީގެ އިތުރުންނާއި ފުލުހުންގެ އިދާރާ އަދި ނޭޝަނަލް ކައުންޓާ ޓެރަަރިޒަމް ސެންޓަރުގެ އޮފިޝަލުން އެ ވަފުދުގައި ހިމެނެ އެވެ.