Advertisement

ރެލިގޭޓްވި ލެސްޓާގެ ޓީލަމަންސް ވިލާ އަށް

11 ޖޫން 2023 - 13:52 0


ރެލިގޭޓްވި ލެސްޓާގެ ޓީލަމަންސް ވިލާ އަށް

11 ޖޫން 2023 - 13:52 0

ބާމިންހަމް (ޖޫން 11) - އިނގިރޭސި ޕްރިމިއާ ލީގުން މި ފަހަރު ރެލިގޭޓްވި ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު، ޔޫރީ ޓީލަމަންސް، އެސްޓަން ވިލާ އަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ވިލާ އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޖުލައި އެއް ވަނަ ދުވަހު ޓީލަމަންސް، 26، ރަސްމީކޮށް އެ ކްލަބާ ގުޅޭނެ ކަމަށެެވެ. ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު ލެސްޓާގައި ޓީލަމަންސް ދެއްކި ކުޅުމުގެ ސަބަބުން އޭނާ އަށް ގިނަ އޮފާތަކެއް ލިބުނެވެ.

އެކަމަކު، ލެސްޓާ އިން އޭރު އޭނާ ވިއްކާލަން ކީ އަގު އުޅެނީ 80 މިލިއަން ޑޮލަރުގައި ކަމަށްވާތީ ޓީމުތަކުން އެ އަގު ދޭން ބޭނުމެއް ނުވި އެވެ. ވިލާ އިން ޓީލަމަންސްގެ ސޮއި ހޯދި ހިލޭ ޓްރާންސްފާއެއްގަ އެވެ.

ބެލްޖިއަމްގެ އެންޑަލެކްޓް އިން 2013 ވަނަ އަހަރު, ސީނިއާ ކްލަބް ކެރިއަރު ފެށި ޓީލަމަންސް, ދެން ބަދަލުވީ 2017 ވަނަ އަހަރު ފްރާންސްގެ މޮނާކޯ އަށެވެ. މޮނާކޯ އިން އޭރު ޓީލަމަންސްގެ ސޮއި ހޯދީ 28 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. މޮނާކޯގެ ލޯން އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރު ޓީލަަމަންސް ފުރަތަމަ ލެސްޓާ އަށް ބަދަލުވިއިރު, އެ ކްލަބުން އެ ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރީ 40 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.

ޓީލަމަންސް ވަނީ ލެސްޓާ އަށް ކުޅެދިން 195 މެޗުން އެ ޓީމަށް 28 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ އަތުން ލެސްޓާ މޮޅުކޮށްދިން ގޯލު ވެސް ހިމެނެ އެވެ.

ވިލާ އިން ޓީލަމަންސްގެ ސޮއި ހޯދީ އަންނަ ސީޒަނުގައި އެ ޓީމުން ކޮންފަރެންސް ލީގުގައި ކުޅެން ތައްޔާރުވަމުން އަންނައިރު, މިއީ 13 އަހަރަށް ފަހު ވިލާ އަށް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ވިލާ އަށް ޓީލަމަންސް ގެންނަން ނިންމީ އެ ޓީމުގެ ކޯޗު އުނާއި އެމެރީ އެ ކަމަށް ޑިމާންޑްކުރުމުންނެވެ.