އއ. ތޮއްޑޫ މަތިން ނަގާފައިވަ ފޮޓޯއެއް; އެރަށުން އަންނަނީ ފޯރިގަދަ އީދަކަށް ތައްޔާރުވަމުން -- ފައިލް ފޮޓޯ: އަދަދު
ގިނަ ހަރަކާތްތަކާއެކު މި އަހަރުގެ ބޮޑު އީދު ފެސްޓިވަލެއްގެ ގޮތުގައި ފާހަގަ ކުރުމަށް ތޮއްޑޫ ކައުންސިލުން ތައްޔާރުވެއްޖެ އެވެ.
ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ އީދު ހަރަކާތްތައް އެރަށުގައި ފެށުމަށް ހަމަޖެހިފައި ވަނީ ހައްޖު ދުވަހުގެ ރޭ ވެދުމާ ދިއުމާއި އީދު ބަޑި ރޯކުރުމުގެ ހަރަކާތުންނެވެ. ވެދުމާ ދިއުމަކީ ނަށަމުން ލަވަކިޔަމުން ހަދިޔާ ހިފައިގެން ވަކި ތަނަކަށް ދާ ހަރަކާތެކެވެ.
އީދު ދުވަހުގެ ހަރަކާތްތައް ފެށޭނީ ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދުންނެވެ. އެއަށްފަހު ހެނދުނުގެ ސަގާފީ ސައިގެ އިތުރުން އުޟްހިޔާ ކަތިލުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި ފައިސާގެ އިނާމުތައް ހުށައެޅިފައިވާ ފޯރިގަދަ ފައިގަ ތަޅަ މުބާރާތަކާއި މަސްރޭހެެއް ވެސް އެ ދުވަހުގެ ހެނދުނަށް ރަވާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެރަށު ރައްޔިތުންގެ އިތުރުން ރަށުގައި އެވަގުތު ތިބޭ ފަތުރުވެރިންނާއި ތޮއްޑޫގައި ވަޒީފާ އަދާކުރާ މީހުން ވެސް ބައިވެރިކޮށްގެން ކުރިއަށް ގެންދާ އީދު ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ދުވަހުގެ މެންދުރު ކެއުން ވެސް ރާވާފައި ވަނީ އެންމެން އެކުގައި, އެ ރަށު ވާއު މަގުގަ އެވެ.
ހަމައެއާއެކު ޒަމާނުއްސުރެ އެންމެ ފޯރިއާ އެކު އީދުގައި ދިވެހިން ކުޅެ އުޅުނު ބޮޑުމަސް ކޯޑިއާއި މާލި ނެރުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ހަވީރަކާއި, މިއުޒިކް ޝޯއެއް ވެސް ބޭއްވުމަށް ތޮއްޑޫ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.
މުޅި ރާއްޖެއިން ވެސް ސަގާފީ ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ތޮއްޑޫގެ އީދު ފެސްޓިވަލުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެރަށު ކައުންސިލުން ވަނީ ދައުވަތު ދީފަ އެވެ. އެގޮތުން ތޮއްޑޫ އީދަށް މާލެއިން އެރަށަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށް އިތުރު ލޯންޗު ދަތުރުތަކެއް ހައްޖު ދުވަހުން ފެށިގެން ވަނީ އިންތިޒާމް ކޮށްފަ އެވެ.
ތޮއްޑޫއާ ކައިރި ރަށްރަށާއި ރިސޯޓުތަކުން އެރަށަށް ދާ ފަރާތްތަކަށް އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށްފަހު ރަށުގައި ރޭ ނުކޮށް އަނބުރާ ރަށަށް ނުވަތަ ރިސޯޓަށް ދެވޭނެ އިންތިޒާމު ތޮއްޑޫ ކައުންސިލުން ވަނީ ހަމަޖައްސައިފަ އެވެ
ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އެ ރަށުގެ އީދު ފެސްޓިވަލަށް ދާ ފަރާތްތަކުން ކުރިއާލައި ލޯންޗުން ޖާގަ ހޯދުމާއި ހުންނާނެ ތަނެއް ހަމަޖައްސާފައި ރަށަށް ދިއުމަށް ތޮއްޑޫ ކައުންސިލު އިލްތިމާސްކުރެ އެވެ.
Comment