1 ޖޫން 2023 - 15:32 0
1 ޖޫން 2023 - 15:32 0
ޕެރިސް (ޖޫން 1) - މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި މަޝްހޫރު ޓެނިސް ކުުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް ކުޅޭ ކޮންމެ މެޗަކަށް ފަހު، ކެމެރާގައި ކޮސޯވޯގައި އަމަން އަމާންކަން ގާއިމްކުރުމަށް ގޮވާލައި، ލިޔާ މެސެޖްތައް ހުއްޓުވޭނެގޮތެއް ނުހޯދި އެ ވާހަކަތައް ވައިގައި ހިފައިފި އެވެ.
އަހަރުގެ ދެ ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ފްރެންޗް އޯޕަންގައި ޖޮކޮވިޗް، 36، މޮޅުވާ ކޮންމެ މެޗަކަށް ފަހު ކެމެރާގައި ލިޔެލާ މެސެޖަކީ، "ކޮސޯވޯ އަކީ ސާބިއާގެ ހިތް. ހަމަނުޖެހުންތައް ހުއްޓާލާ،" މިހެނެވެ.
ޖޮކޮވިޗްގެ މި މެސެޖަކީ ސިޔާސީ ކަމެއް ކުޅިވަރުގެ ތެރެއަށް ވައްދައިގެން، ނުރަނގަޅު ކަންތައްތަކެއް ކުރުން ކަމަށް ބުނެ، ފްރާންސްގެ ސަރުކާރުގެ އެކި އޮފިޝަލުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ސާބިއާ އިން ވަކިވެ، ކޮސޯވޯ އަކީ ވަކި ދައުލަތެއްގެ ގޮތުގައި 2008 ވަނަ އަހަރު ކަނޑައެޅި ނަމަވެސް މިއަދާ ހަމައަށް ވެސް ސާބިއާ އިން ވަނީ ކޮސޯވޯ އަކީ ވަކި ދައުލަތެއް ކަމަށް ގަބޫލުކުރަން ދެކޮޅު ހަދައިފަ އެވެ. އަނެއްކޮޅުން، ދާދި ފަހުން ސާބިއާ އާއި އަލްބޭނިއާ ދަރިކޮޅުގެ މީހުންތަކެއް އަންނަނީ ކޮސޯވޯއާ ގުޅޭ ސަރަހައްދެއްގައި ހަަމަލާ ބަދަލުކުރަމުންނެވެ. ޖޮކޮވިޗް ކޮންމެ މެޗަކަށް ފަހު ކެމެރާގައި އެ ލިޔާ އެއްޗެހީގައި ދޭން ބޭނުންވާ މެސެޖަކީ އެ އެވެ.
ކުޅިވަރުގެ ތެރެއިން ސިޔާސީ މަންފާއެއް ހާސިލްކުރަން ޖޮކޮވިޗް ކަމެއް ކުރަނީތޯ ސުވާލުކުރުމުން އޭނާ ބުނީ، "ކުރެވޭ ކަމަކީ އަމިއްލަ ވިސްނުމުގައި ގަބޫލުކުރާ ކަމެއްގެ ޝުއޫރު ފާޅުކުރުން" ކަމަށެވެ.
ޖޮކޮވިޗްގެ ބައްޕަ ނިސްބަތްވަނީ ކޮސޯވޯ ދަރިކޮޅަށެވެ.
"ކޮސޯވޯ މީހެއްގެ ދަރިއަކަށް ވެ ހުރެ. އަހަންނަށް އިހުސާސްކުރެވުނީ މިއީ އަހަރެން ވެސް ޝުއޫރުފާޅުކުރަން ޖެހޭ ކަމެއްގެ ގޮތުގައި،" 22 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ބުންޏެވެ.
ކޮސޯވޯ އޮލިމްޕިކް ކޮމިޓީން ވަނީ ޖޮކޮވިޗް، ކުޅިވަރުގެ ތެރެއިން ސިޔާސީ ކަންތައްތަކެއް ހިންގާ ކަމަށް ބުނެ، އެ މައްސަލަ ބަލަން ގޮވާލައިފަ އެވެ. އެކަމަކު، އެ އަށް އަލި މަގެއް ފެނިފައިނުވާއިރު، ފްރެެންޗް އޯޕަންގެ ހިންގާ ގަވާއިދުގެ ތެރެއިން ޖޮކޮވިޗަށް މި ކަމާ ގުޅުވައިގެން ސީދާކޮށް އެޅޭނެ ފިޔަވަޅެއް ބަޔާންވެފައި ނެތެވެ.
ފްރެންޗް އޯޕަން ތިން ވަނަ ބުރުގައި މާދަމާ ޖޮކޮވިޗް ބައްދަލުކުރާނީ ސްޕެއިނުގެ އަލެހަންދްރޯ ޑޭވިޑޯވިޗް ފޯކީނާއާ އެވެ.
Comment