Advertisement

ބެންޒެމާ އަށް ސައުދީ އަރަބިއްޔާ އިން 400 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް

31 މޭ 2023 - 09:08 0


ބެންޒެމާ އަށް ސައުދީ އަރަބިއްޔާ އިން 400 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް

31 މޭ 2023 - 09:08 0

މެޑްރިޑް (މެއި 31) - ރެއާލް މެޑްރިޑްގެ ކެޕްޓަން، ކަރީމް ބެންޒެމާ އަށް ސައުދީ އަރަބިއްޔާގެ ކްލަަަބަކުން 400 މިލިއަން ޑޮލަރުގެ އޮފާއެއް ހުށަަހަޅާފައިވާއިރު، އޭނާ އަންނަނީ އެ އޮފާއާ މެދު މަޝްވަރާ ކުރަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބެންޒެމާ، 35، އަށް ސައުދީ އަރަބިއްޔާ އިން ހުށަހަޅާފައިވާ އޮފާ އަކީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި 400 މިލިއަން ޑޮލަރުގެ މުސާރަ އަކަށް ކުޅުމަށެވެ. އޭގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރަށްވެހިކަން ބެންޒެމާ އަށް ހަމަޖައްސައިދިނުމާއި 2030 ގެ ފީފާ ވޯލްޑް ކަޕް ހޯސްޓްކުރަން ސައުދީ އަރަބިއްޔާ އިން ކުރާ މަސައްކަތުގައި އެމްބަސަޑަރެއްގެ ރޯލުގެ އޮފާ އެކެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެންޒެމާ އަންނަނީ ސައުދީ އަރަބިއްޔާގެ މި އޮފާއާ މެދު ގޮތެއް ނިންމުމުގައި އާއިލާގެ ލަފާ ހޯދަމުންނެވެ. އަދި މީގެ ބެންޒެމާ ނިންމާ ގޮތަކަށް ރެއާލުން ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ފޯވާޑް، ބެންޒެމާ ރެއާލަށް ބަދަލުވީ 2009 ވަނަ އަހަރު އެވެ. ބެންޒެމާގެ ސޮއި ހޯދަން ރެއާލުން އެ ފަހަރު ވަނީ 33 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައިފަ އެވެ. ރެއާލްގައި ހޭދަކުރި 14 ވަރަކަށް އަހަރު ތެރޭ ބެންޒެމާ ވަނީ އެ ޓީމަށް ކުޅެދިން 647 މެޗުން 353 ގޯލު ޖަހައިފަ އެވެ.

މިދިޔަ ސީޒަނުގެ ބެލޮންޑިއޯ އެވޯޑް ހޯދި ބެންޒެމާ އަކީ ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު ޔޫރަޕްގައި މި ވަގުތު ހުރި އެންމެ ފޯމު ރަނގަޅު ފޯވާޑެވެ.

ބެންޒެމާ ރެއާލް ދޫކޮށްލަން ނިންމައިފިނަމަ އެ ޓީމުން ގެންނަން ޓާގެޓްކުރާނީ އިނގިރޭސި އެއް ވަނަ ފޯވާޑް ހެރީ ކޭން އެވެ.

ސައުދީ އަރަބިއްޔާ އިން ފުޓްބޯޅަ ލެވަލް މައްޗަށް ޖައްސާލައި، އެ ގައުމުގެ ލީގުގެ މަގުބޫލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގިނަ މަޝްހޫރު ކުޅުންތެރިން ގެންނަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހު ސައުދީ އަރަބިއްޔާގެ އަލް ނަސްރުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއިކޮށްފަ އެވެ. މިހާރު ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން އަންނަނީ 500 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގައި ލިއޮނަލް މެސީ ގެންނަން މަސައްކަތް ކުރަމުންނެވެ.