Advertisement

ބްރެޒިލްގެ ރައީސް ޕުޓިންގެ ދައުވަތު ގަބޫލެއް ނުކުރި

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ. -- ފޮޓޯ: ޓަސް


ބްރެޒިލްގެ ރައީސް ޕުޓިންގެ ދައުވަތު ގަބޫލެއް ނުކުރި

ބްރެސީލިއާ، ބްރެޒިލް (މޭ 26) - ރަޝިއާގެ ސެއިންޓް ޕީޓާޒްބާގަށް ދަތުރު ކުރެއްވުމަށް އެދި ރައީސް ލެޑިމިއަ ޕުޓިން ފޮނުއްވި ދައުވަތު ގަބޫލުނުކުރެވޭނެ ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެ އެވެ.

ޕުޓިން ފޮނުއްވި ދައުވަތުގައި އެދިވަޑައިގެންނެވީ ސެއިންޓް ޕީޓާސްބާގް ސިޓީއަށް ލޫލާ ވަޑައިގެންނެވުމަށެވެ. އެކަމަކު އެ ދައުވަތު މި ވަގުތު ގަބޫލުކުރެވެން ނެތް ކަމަށް ލޫލާ ވިދާޅުވީ ބުރާސްފަތި ދުވަހު ފޯނުން ޕުޓިންއަށް ގުޅުއްވުމަށް ފަހު އެވެ.

މިދިޔަ ހަފުތާގައި ޖަޕާނުގައި އޮތް ޖީ7 ސަމިޓުގެ ތެރެއިން ލޫލާ އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ދެމެދު ވަނީ ބޮޑު ދެބަސްވުމެއް ހިނގައިފަ އެވެ. އެހެންވެ، ދެ ލީޑަރުން ބާއްވަން ރޭވި ބައްދަލުވުން ވެސް ކެންސަލް ކުރި އެވެ.

"ސެއިންޓް ޕީޓާޒްބާގްގައި އޮންނަ އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމަށް ދާން ދައުވަތު އެރުވުމުން އަޅުގަނޑު ޕުޓިންއަށް ޝުކުރު އަދާކުރިން. އެކަމަކު މި ވަގުތު ރަޝިއާއަށް ދެވެން ނެތް ވާހަކަ ދެންނެވިން،" ލޫލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމް އޮންނާނީ ޖޫން 14 އިން 17 އަށެވެ.

"އެކަމަކު އިންޑިއާ، އިންޑޮނީޝިއާ އަދި ޗައިނާ ފަދައިން ޔޫކްރެއިން މައްސަލައިގައި ސުލްހައަށް ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ބްރެޒިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަޅުގަނޑު އެރުވިން."

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ ކުށްވެރި ނުކުރާ ގައުމުތަކުގެ ތެރޭގައި ބްރެޒިލް ހިމެނެ އެވެ. މިދިޔަ ހަފުތާގައި ލޫލާ ވިދާޅުވީ ޕުޓިން އާއި ޒެލެންސްކީ ވެސް ސުލްހަ ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި އެ ހާލަތުގައި ޒެލެންސްކީއާ ބައްދަލުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޕުޓިންއާ އެއް ވަރަށް ޒެލެންސްކީ ވެސް ހަނގުރާމައަށް ޒިންމާވާން ޖެހޭނެ ކަމަށް މިދިޔަ އަހަރު ލޫލާ ވިދާޅުވި އެވެ.