Advertisement

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް: ކީންސް އާއި ސުޕަ ޖެނެރޭޝަންއަށް މޮޅެއް

22 މޭ 2023 - 11:57 0

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގައި ޕޮލިހާއި ސުޕަ ޖެނެރޭޝަން ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް: ކީންސް އާއި ސުޕަ ޖެނެރޭޝަންއަށް މޮޅެއް

22 މޭ 2023 - 11:57 0

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު ދެ މެޗު ކީންސް ސްޕޯޓްސް ކުލަބާއި ސުޕަ ޖެނެރޭޝަން ކުލަބުން ކާމިޔާބުކުރިއިރު، ފިރިހެން ޑިވިޝަންގެ މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި މިއަހަރު 27 ޓީމަކުން ވާދަކުރެ އެވެ. އެއީ އަންހެން ޑިވިޝަންގައި ވާދަކުރާ 17 ޓީމާއި ފިރިހެން ޑިވިޝަންގައި ވާދަކުރާ 10 ޓީމެވެ.

އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު ފުރަތަމަ މެޗު ކީންސް އިން ކާމިޔާބުކުރީ ފޭސް 2 ސްޕޯޓްސް ކުލަބާ ވާދަކޮށް 30-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކީންސްގެ ނުހާ އަހުމަދު ނަސީމް އެވެ.

އަންހެން ބައިގައި ދެން އިއްޔެ ކުޅުނީ ގްރޫޕް ޑީގައި ހިމެނޭ ޕޮލިސް ކުލަބާއި ސުޕަ ޖެނެރޭޝަން ކުލަބެވެ. މި މެޗު 28-10 އިން ކާމިޔާބުކުރީ ސުޕަ ޖެނެރޭޝަން އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސުޕަ ޖެނެރޭޝަންގެ އައިޝަތު އާނާ ފަތުހުﷲ އެވެ.

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް ފިރިހެން ޑިވިޝަންގައި ކުޅުނު މެޗު ޕޮލިސް ކުލަބުން އިއްޔެ ކާމިޔާބުކުރި އެވެ. ހުޅުމާލެ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުމެ ޕޮލިހުން މި މެޗު ކާމިޔާބުކުރީ 29-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ މުހައްމަދު އަސްލަމް އެވެ.

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ އާއީ ސްޕޯޓްސް ކުލަބާއި ޕާލްސް އެވެ. އެއީ އަންހެން ޑިވިޝަންގެ މެޗެކެވެ. އަންހެން ޑިވިޝަންގައި މިރޭ ޕްރޯ ސްޕޯޓްސް ކުލަބާއި ބޮންތި ވާދަކުރާއިރު، ފިރިހެން ޑިވިޝަންގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް ކުލަބާއި ކުލަބު ޒެފްރޯލް އެވެ.

ހަ ވަނަ ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖޫން ހަތަރެއް، ފަހެއް އަދި ހަތް ވަނަ ދުވަހު އެވެ. ދެ ޑިވިޝަންގެ ވެސް ފައިނަލް އޮންނާނީ ޖޫން ނުވަ ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު ފިރިހެން ބައިގެ ފައިނަލުގައި ފިއުޗާ ސްޕޯޓްސް އެކަޑެމީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބެވެ. އަންހެން ބައިގެ ފައިނަލުގައި ރެޑް ހޯކްސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އޮރިކްސް ހޭންޑްބޯޅަ ކުލަބެވެ.