Advertisement

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް: ޗެމްޕިއަން އޮރިކްސް އަށް ރަނގަޅު ފެށުމެއް

21 މޭ 2023 - 21:01 0

ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޮރިކްސް އާއި ދިވެހި ސިފައިންގެ ކުލަބު ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް: ޗެމްޕިއަން އޮރިކްސް އަށް ރަނގަޅު ފެށުމެއް

21 މޭ 2023 - 21:01 0

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަންގައި އެންމެ ފަހުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯޅަ ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

މި މަހުގެ 20 އިން އަންނަ މަހުގެ 9 އާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި 27 ޓީމަކުން ވާދަކުރެ އެވެ. އެއީ އަންހެން ޑިވިޝަންގައި 17 ޓީމް އަދި ފިރިހެން ޑިވިޝަންގައި 10 ޓީމެވެ.

މުބާރާތުގެ މެޗުތައް ފެށީ އަންހެން ޑިވިޝަންގައި އޮރިކްސް ހޭންޑްބޯޅަ ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ވާދަކުރި މެޗުންނެވެ. މި މެޗު 37-12 އިން ކާމިޔާބުކުރީ ޗެމްޕިއަން އޮރިކްސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮރިކްސްގެ ފާތިމަތު އަރުޝާ އެވެ.

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ކާމިޔާބުކުރީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބެވެ. ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގައި ފިއޮންތި ސްޕޯޓްސް ކުލަބު އަތުން އައިލެންޑާސް ހޯޕް މޮޅުވީ 17-25 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އައިލެންޑާސް ހޯޕްގެ އަބްދުﷲ ޒިމާމް އެވެ.

އިއްޔެ ފަހު މެޗަކީ އަންހެން ޑިވިޝަންގެ މެޗެކެވެ. މި މެޗުގައި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް އިން ވަނީ ޒެނިތު ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ތުޅާދޫ ޓީމްގެ ޝިޒްނާ ރަޝީދު (ޝިޒްޓޯ) އެވެ.

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕުގައި މިއަދުވެސް ތިން މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ފިރިހެން ޑިވިޝަންގެ ޕޮލިސް ކުލަބު ނިކުންނާނީ ހުޅުމާލެ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މިރޭ އަންހެން ޑިވިޝަންގެ ކީންސް ނިކުންނާނީ ފޭސް 2 ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ފަހު މެޗުގައި އަންހެން ޑިވިޝަންގެ އެސްޖީސީ ނިކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.

ހަ ވަނަ ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖޫން ހަތަރެއް، ފަހެއް އަދި ހަތް ވަނަ ދުވަހު އެވެ. ދެ ޑިވިޝަންގެ ވެސް ފައިނަލް އޮންނާނީ ޖޫން ނުވަ ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު ފިރިހެން ބައިގެ ފައިނަލުގައި ފިއުޗާ ސްޕޯޓްސް އެކަޑެމީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބެވެ. އަންހެން ބައިގެ ފައިނަލުގައި ރެޑް ހޯކްސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އޮރިކްސް ހޭންޑްބޯޅަ ކުލަބެވެ.