Advertisement

27 ޓީމާ އެކު ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށަނީ

20 މޭ 2023 - 07:54 0


27 ޓީމާ އެކު ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށަނީ

20 މޭ 2023 - 07:54 0

ޖުމްލަ، 27 ޓީމާ އެކު ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ނުވަޔަކަށް ކުރިއަށްދާ ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ފިރިހެން 10 ޓީމާއި އަންހެން 17 ޓީމެއް ވަނީ ބައިވެރިވެފަ އެވެ.

ފިރިހެން ޑިވިޝަންގެ ޓީމްތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އެކެއްގައި ހިމެނެނީ ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް، ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ، ފިއޮންތި ސްޕޯޓްސް ކުލަބު، އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބު އަދި ކުލަބު ޒެފްރޯލް އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ޕޮލިސް ކުލަބު، ދިވެހި ސިފައިންގެ ކުލަބު، ވެލިދޫ ޔުނައިޓެޑް، ބޮންތި ސްޕޯޓްސް ކުލަބު އަދި ހުޅުމާލޭ ސްޕޯޓްސް ކުލަބެވެ.

އަންހެން ޑިވިޝަންގެ 17 ޓީމް ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އޮރިކްސް ހޭންޑްބޯޅަ ކުލަބު، އާއި ސްޕޯޓްސް ކުލަބު، ޕާސްލްސް ސްޕޯޓްސް ކުލަބު އަދި ދިވެހި ސިފައިންގެ ކުލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ރެޑްހޯކްސް، ޕްރޯ ސްޕޯޓްސް ކުލަބު، ބޮންތި ސްޕޯޓްސް ކުލަބު އަދި ލަޔަންސް ރެކްރިއޭޝަން ކުލަބެވެ.

އަންހެން ޑިވިޝަންގެ ގްރޫޕް ތިނެއްގައި ހިމެނެނީ ކީންސް ސްޕޯޓްސް ކުލަބު، އާރްޖީބީ ސްޕޯޓްސް ކުލަބު، ޒެފްރޯލް އަދި ފޭސް 2 ސްޕޯޓްސް އެވެ. ގްރޫޕް ހަތަރެއްގައި ހިމެނެނީ އެސްޖީސީ، ޒެނިތު ސްޕޯޓްސް ކުލަބު، ތުޅާދޫ ޔަންގް އީގަލްސް، ގެލެކްޓިކޯސް ސްޕޯޓްސް ކުލަބު އަދި ޕޮލިސް ކުލަބެވެ.

ފިރިހެން ޑިވިޝަންގެ ދެ ގްްރޫޕުގެ ގަަދަ ދެ ޓީމު ސެމީ އަށް ހޮވޭނެ އެވެ. އަންހެން ޑިވިޝަންގެ ހަތަރު ގްރޫޕުން ވެސް ދެ ޓީމަކަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

ހަ ވަނަ ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖޫން ހަތަރެއް، ފަހެއް އަދި ހަތް ވަނަ ދުވަހު އެވެ. ދެ ޑިވިޝަންގެ ވެސް ފައިނަލް އޮންނާނީ ޖޫން ނުވަ ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކުރީ 23 ޓީމަކުންނެވެ. އެއީ ފިރިހެން ޑިވިޝަންގައި އަށް ޓީމް އަދި އަންހެން ޑިވިޝަންގައި 15 ޓީމަކުންނެވެ.

މިދިޔަ އަހަރު ފިރިހެން ބައިގެ ފައިނަލުގައި ފިއުޗާ ސްޕޯޓްސް އެކަޑެމީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބެވެ. އަންހެން ބައިގެ ފައިނަލުގައި ރެޑް ހޯކްސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އޮރިކްސް ހޭންޑްބޯޅަ ކުލަބެވެ.