Advertisement

ބްރެންޓްފޯޑްގެ ޓޯނީ އަށް 8 މަހުގެ އަދަބެއް

18 މޭ 2023 - 09:44 0

ބްރެންޓްފޯޑްގެ ފޯވާޑް އައިވަން ޓޯނީ: ޓޯނީ ވަނީ މި ސީޒަނުގައި ލީގުގައި ކުޅުނު 33 މެޗުން 20 ގޯލު ޖަހާފައި.


ބްރެންޓްފޯޑްގެ ޓޯނީ އަށް 8 މަހުގެ އަދަބެއް

18 މޭ 2023 - 09:44 0

ލަންޑަން (މެއި 18) - ބްރެންޓްފޯޑްގެ ކެޕްޓަން، އައިވަން ޓޯނީއާ ގުޅޭ ބެޓިންގެ މައްސަލަތަކެއް ބެލުމަށް ފަހު އޭނާ އަށް 8 މަސް ދުވަހުގެ ސަސްޕެންޝަނެއް ދޭން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

މި މައްސަަލައިގެ ތަހުގީގުގައި ޓޯނީ، 27، ވަނީ އިނގިރޭސި އެފްއޭގެ ބެޓިން ގަވާއިދާ ހިލާފުވެފައިވާ ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ، އިނގިރޭސި އެފްއޭ އިން ނިންމީ ޓޯނީ ބެޓިން މައްސަލައާ ހިލާފުވެފައިވާ ކަމަށް ފާހަގަވެފައިވާ 232 މައްސަލަ އަށް ބަލައި، އޭނާ އަށް 8 މަހުގެ ސަސްޕެންޝަނެއް ދިނުމުގެ އިތުރުން 50،000 ޕައުންޑް (63،000 ޑޮލަރު) އިން ޖޫރިމަނާ ކުރުމަށެވެ.

ޓޯނީ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މި މަހު ހަ ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށެވެ. އަދަބުން ސަލާމަތްވެ، ޓޯނީ އަށް އެންމެ އަވަހަށް ވެސް މެޗެއް ކުޅެވޭނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

އިންސްޓަގްރާމްގައި ޓޯނީ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަށް ދިން އަދަބާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކާނީ އިންޑިޕެންޑެންޓް ރެގިއުލޭޓަރީ ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ލިޔެކިޔުންތައް ހަވާލުކުރުމުން ކަމަށެވެ.

ބެޓް ކުރުމަށް ހަދާފައި އޮންނަ އުސޫލުތަކާ ހިލާފަށް ޓޯނީ ކަންކަން ކޮށްފައިވަނީ 23 ފެބްރުއަރީ 2017 އިން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހާ ހަމައަށެވެ.

ޖެމެއިކާ ދަރިކޮޅަށް ނިސްބަތްވާ ޓޯނީ އަށް އެ ގައުމަށް ކުޅެން ފުރުސަތު ލިބުނެވެ. އެކަމަކު، 2021 ވަނަ އަހަރުގެ މާޗް މަހު ޖެމެއިކާ ފުޓްބޯޅަ ފެޑެރޭޝަނުން ޓޯނީ އެ ގައުމަށް ކުޅެން ދިން އޮފާ ދޫކޮށްލަން އޭނާ ނިންމީ އިންގްލެންޑަށް ކުޅެން ބޭނުންވާތީ އެވެ. ޓޯނީ އަށް އިންގްލެންޑް ޓީމުން ފުރަތަމަ ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންގްލެންޑުން ޔުއެފާ ނޭޝަންސް ލީގުގައި ކުޅެން ޖެހުނު މެޗުތަކަށެވެ.

މިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ދިޔަ އިންގްލެންޑްގެ ސްކޮޑުން ޓޯނީ އަށް ފުރުސަތު ނުދިނީ އޭނާގެ މައްސަލައެއް ބަލަމުން އަންނާތީ ކަމަށް އިނގިރޭސި މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެެެވެ. އެކަމަކު, ފަހުން ޓޯނީ ވަނީ ޔޫރޯ ކޮލިފައިންގައި އިންގްލެންޑް ގައުމީ ޓީމުން ކުޅުނު މެޗުތަކުގައި ކުޅެފަ އެވެ.