17 މޭ 2023 - 12:08 2
ރާއްޖޭގެ ވޮލީބޯޅަ ރެފްރީ އަނީސް: އޭނާ ވަނީ އޭވީސީ ރެފްރީސް ބެޖްް ހޯދައި ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ފަށާފައި.
17 މޭ 2023 - 12:08 2
ރާއްޖޭގެ ވޮލީބޯޅަ ރެފްރީ މުހައްމަދު އަނީސް އޭވީސީ ބެޖު ހާސިލްކޮށް، މިހާރު ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ފިރިހެން ކުލަބު ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އަނީސް އަށް އޭވީސީ ރެފްރީ ބެޖު ލިބުނީ 2019 ގައި އެކަމަށް ހަދަން ޖެހޭ ކޯސް ފުރިހަމަކުރުމަށް ފަހު މި ވީ މުއްދަތުގެ ތެރޭގައި ބެޖު ހޯދުމަށް ފުރިހަމަކުރަން ޖެހޭ މަރުހަލާތައް ނިންމުމާ އެކުގަ އެވެ. އޭނާ އަށް ބެޖު ހަވާލުކޮށްފައިވަނީ މިހާރު ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ފިރިހެން ކުލަބު ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ތެރެއިންނެވެ.
މި މުބާރާތުގައި ރެފްރީއެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަމުން އަންނަ އަނީސް ވަނީ އޭނާ އިންސާފުކުރި ފުރަތަމަ މެޗުގައި ފަސްޓް ރެފްރީގެ ޒިންމާ ވެސް އަދާކޮށްފަ އެވެ.
ރާއްޖޭގައި މި ވަގުތު ހުރި އެންމެ ރަނގަޅު އެއް ވޮލީބޯޅަ ރެފްރީ، އަނީސް ވޮލީބޯޅަ ރެފްރީކަމަށް ނިކުތީ 2014 ގައި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ ރެފްރީން ތަމްރީންކުރުމުގެ ކޯހެއްގެ ތެރެއިންނެވެ. އޭގެ ފަހުން ގައުމީ ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ވެސް ކުރިއަށްދިޔަ ގިނަ މުބާރާތްތަކެއްގައި އޭނާ ވަނީ ރެފްރީކަންކޮށްފަ އެވެ.
އޭނާގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތަކީ މާލޭގައި މި އަހަރު ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕެވެ. އެ މުބާރާތުގެ ބޮޑެތި ގިނަ މެޗުތަކެއްގައި އޭނާ ރެފްރީކަންކުރި އެވެ.
އޭވީސީ ކްލަބް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ރެފްރީ އަނީސް.
އޭވީސީ ބެޖު ލިބުމަށް ފަހު އިންސާފު ކުރާ ފުރަތަމަ މުބާރާތަކީ އޭޝިއާ ސަރަހައްދުގެ ކުލަބު ވޮލީބޯޅަައިިގެ އެންމެ ބޮޑު މުބާރާތަށް ވުމާއިއެކު އަނީސް ވަނީ އެކަމުގެ ހިތްހަމަޖެހުން ފާހަގަކޮށްފަ އެވެ.
"ފުރަތަމަވެސް ގައުމުން ބޭރުގައި މި ލިބުނީ ވަރުގަދަ ބޮޑު މުބާރާތެއް. މިއީ ލިބުނު ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ދެކެނީ. ގިނަ ތަޖުރިބާތަކެއް ލިބޭނެ" ބަހްރެއިންގައި ހުރެ "އަދަދު" އާ ވާހަކަދައްކަމުން އަނީސް ބުންޏެވެ.
އަނީސް ވަނީ އޭނާ އަށް މި ދާއިރާގައި ކުރިއަށްދިޔުމަ އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އެ ގޮތުން ރާއްޖޭގައި މިވަގުތު ތިބި އެންމެ ސީނިއާ ދެ ރެފްރީންކަމަށްވާ އަހުމަދު ސަލީމް (ކުނޑި) އާއި އަހުމަދު ނަޝީދު (ތުއްތުކޯ)ގެ ފަރާތުން ކަންކަން ރަނގަޅު ކުރުމަށް ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރި އެވެ. މީގެ އިތުރުން ސެންޓްރަލް އޭޝިއާ ޒޯންގެ ރައީސް މުހައްމަދު ލަތީފް އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ލީޑަޝިޕް ނަން ވެސް ފާހަގަކުރި އެވެ. މީގެ އިތުރުން މިދާއިރާގައި ކުރިއަށްދިޔުމަށް އާއިލާ އާއި އަންހެނުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވެސް އޭނާ ޝުކުރު އަދާކުރި އެވެ.
Comment