Advertisement

ރިޝްވަތުގެ ތުހުމަތުގައި ދެކުނު ކޮރެއާގެ ފުޓްބޯޅަ ކުޅުންތެރިޔަކު ޗައިނާގައި ހައްޔަރުކޮށްފި

ކޮރެއާގެ ފުޓްބޯޅަ ތަރި ސޮން ޖުން ހޯ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ރިޝްވަތުގެ ތުހުމަތުގައި ދެކުނު ކޮރެއާގެ ފުޓްބޯޅަ ކުޅުންތެރިޔަކު ޗައިނާގައި ހައްޔަރުކޮށްފި

ބެއިޖިން، ޗައިނާ (މޭ 16) - ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ދެކުނު ކޮރެއާގެ ފުޓްބޯޅަ ކުޅުންތެރިޔާ ސޮން ޖުން ހޯ ޗައިނާގައި ހައްޔަރުކޮށްފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ސޮން ޖުން ހޯ ހައްޔަރު ކުރީ ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި ކަމަށެވެ. އޭނާއަކީ ވޯލްޑު ކަޕްގައި ކުޅެފައިވާ މިޑްފީލްޑަރެކެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވާންގް ވެންބިން ވިދާޅުވީ ދެކުނު ކޮރެއާއިން އޭނާއަށް ދޭން ބޭނުންވާ ކޮންސިއުލާ އެހީތެރިކަމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

މިދިޔަ އަހަރު ގަތަރުގައި ކުޅުން ވޯލްޑު ކަޕްގައި ދެކުނު ކޮރެއާގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ސޮން ކުޅުނެވެ. އޭނާ 2021 އިން ފެށިގެން ކުޅެނީ ޗައިނާގެ ސުޕާ ލީގުގައި ޝަންޑޮން ޓައިޝަންއަށެވެ.

ޗައިނާގެ ސައިނާ ސްޕޯޓްސް ނޫހުން ބުނީ އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ޗައިނާގައި ހިންގާ ކެމްޕެއިންގެ ތެރެއިން ދާދި ފަހުން ވަނީ ފުޓްބޯޅައާ ގުޅުން ހުރި ފަރާތްތަކަށް އަމާޒުކޮށްފަ އެވެ. އެގޮތުން ޗައިނާގެ ފުޓްބޯޅަ އިދާރާގެ ވެރިޔާ އާއި އެހެން އިސް އޮފިޝަލުންނަށް ތަހުގީގު ޓާގެޓު ކުރި އެވެ.