Advertisement

ކަނޑުގެ ސަރަހައްދު ބެހި ގޮތުގެ ދިރާސާއެއް ބާ ކައުންސިލުން ކުރަނީ

15 މޭ 2023 - 20:33 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް: ރައްޔިތުންނާ ގުޅޭ މުހިންމު މައްސަލަތައް ދިރާސާ ކުރުމަކީ ކައުންސިލަށް ލިބޭ ބާރެއް -- ފޮޓޯ: އަދަދު ފައިލް


ކަނޑުގެ ސަރަހައްދު ބެހި ގޮތުގެ ދިރާސާއެއް ބާ ކައުންސިލުން ކުރަނީ

15 މޭ 2023 - 20:33 1

ދިވެހިރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބައިނަލްއަގްވާމީ ކޯޓު މެދުވެރިކޮށް ދެ ގައުމުގެ މެދުގައި ބެހި ގޮތާ ގުޅޭ ދިރާސާއެއް ކުރުމަށް ބާ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ބާ ކައުންސިލުން ބުނީ އެ މައްސަލަ އެތަނުން ދިރާސާ ކުރުމަށް ނިންމީ ކައުންސިލުގެ ރައުޔެއް ހޯދަން މެމްބަރަކު ހުށަހަޅާފައި އޮތުމުން ކަމަށެވެ.

އެ މައްސަލަ ދިރާސާ ކުރާނީ އެ ކައުންސިލުގެ ލޯ ރިފޯމް އެން ރިސާޗް ކޮމެޓީން ކަމަށް ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން "އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ރައުޔާއި މައުލޫމާތު ހާމަ ކުރުމަކީ" ބާ ކައުންސިލުގެ ބާރުތަކާއި މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދު ބަހަން ޖެހުނީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮތް ކަމަށް ކަނޑައެޅުމުން އެ ގައުމުން ދާދި ފަހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި އިދިކޮޅުން ބުނަނީ ކަނޑު ބެހި ގޮތުން ދިވެހިންނަށް ކަނޑުން ހައްގުވާ ބައެއް ގެއްލިއްޖެ ކަމަށެވެ. ގާނޫނުތައް ބުނާ ގޮތުން ދެ ގައުމެއްގެ ސަރަހައްދު ފުށު އަރައިފި ނަމަ ދެން ޖެހޭނީ ކަނޑައެޅިފައި އޮންނަ އުސޫލަކުން ބަހާށެވެ. އިދިކޮޅުން ބުނަނީ ބެހިއިރު ސަރުކާރުން މަސައްކަތް ކުރީ ގައުމަށް ގެއްލުންވާނެ ގޮތަށް ކަމަށެވެ.

އެކަމަކު އެ މައްސަލައިގައި ސަރުކާރުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިތުރަށް ބޮޑުވީ ކަމަށެވެ. ސަރުކާރުން ބުނަނީ ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑަނާޅައި އޮތުމުން ހަގީގަތުގައި ރާއްޖެއަށް މީގެ ކުރިން ލިބެނީ އަދި ބޭނުން ކުރެވުނީ ވެސް ކުޑަ ތަންކޮޅެކެވެ. ނަމަވެސް ކޯޓުގެ ނިންމުމާއެކު ލިޔެވި، ކަނޑައެޅިފައިވާ ޗާޓަކުން ރާއްޖެއަށް ކަނޑުން ބައެއް މިލްކުވީ ކަމަށް ސަރުކާރުން ދެކެ އެވެ.