Advertisement

ބްރައިޓަން އިން އާސެނަލް ބަލިކޮށް ސިޓީ އަށް ފުރުސަތު ފަހިކޮށްދީފި

14 މޭ 2023 - 23:22 0

ބްރައިޓަަންގެ އެންސީސޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ބްރައިޓަން އިން އާސެނަލް ބަލިކޮށް ސިޓީ އަށް ފުރުސަތު ފަހިކޮށްދީފި

14 މޭ 2023 - 23:22 0

ލަންޑަން (މެއި 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އިން 3-0 އިން އާސެނަލް ބަލިކުރުުމާ އެކު، މެންޗެސްޓާ ސިޓީ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.

ލީގުގައި މިރޭ ސިޓީ ކުޅުނު މެޗުން ވަނީ އެވަޓަން ދަނޑުގައި އެ ޓީމު އަތުން 3-0 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު ސިޓީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 35 މެޗުން 85 ޕޮއިންޓާ އެކު އެވެ. އާސެނަލުން ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅުނު ނަމަވެސް އެ ޓީމަށް ލިބިފައިވަނީ 36 މެޗުން 81 ޕޮއިންޓެެވެ. މިހާރު އޮތް ގޮތުން، ސިޓީން ބާކީ އޮތް ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެން ވެސް ހަ އަހަރު ތެރޭ ފަސް ވަނަ ފަހަރަށް ލީގު ހޯދާނެ އެވެ. މި ފަހަރު ހޯދައިފިނަމަ ސިޓީން އެ ކްލަބްގެ ތާރީހުގައ ފުރަތަަމަ ފަހަރަށް ޖެހިޖެހިގެން ތިން ފަހަރު ލީގު ތަށި އުފުލާލާނެ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި މިރޭ ސިޓީން ކުޅުނު މެޗުގައި ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދެ މިނިޓް ތެރޭ ސިޓީން ދެ ގޯލު ޖެހި އެވެ. އެ ގޮތުން، 37 ވަނަ މިނިޓްގައި، އިލްކާއި ގުންޑޮގާން ވަނީ ރިޔާދު މާރޭޒް ދިން ބޯޅައެއް ގޯލަށް ވައްދާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ގުންޑޮގާން ދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައި، އާލިން ބްރައުޓް ހާލަންޑް ވަނީ ސިޓީ އަށް ލީޑުފުޅާކޮށްދީ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 52 ވަނަ ގޯލު ޖަހައިފަ އެވެ.

ސިޓީގެ ގުންޑޮގާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ، ގުންޑޮގާން ވަނީ ސިޓީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ހިލޭ ޖެހުމަކުން ގުންޑޮގާން ޖެހި ގޯލެކެވެ.

މެޗަށް ފަހު ގާޑިއޯލާ ވަނީ ގުންޑޮގާން އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެ ގޮތުން މި ސީޒަނުގެ ނިޔަަލަށް ސިޓީގެ ކޮންޓްރެކްޓްގައި ހުރި ގުންޑޮގާން އެ ކްލަބްގައި މަޑުކުރުވަން ގާޑިއޯލާ ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލަށް ލީޑުނަގައިދޭން ލެއަންޑްރޯ ޓްރޮސާޑް އާއި ބުކާޔޯ ސަކާ އަދި މާޓިން އޮޑެގާޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިދިޔައިރު، ބްރައިޓަން އިން 51 ވަަަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ އޭރިއާތެރެއިން، ބްރައިޓަން އަށް ކުޅޭ ޖޫލިއޯ އެންސީސޯ ބޮލުން ޖެހި ގޯލެކެވެ. ބަދަލަކަށް ނުކުތް ޑެނިޒް އުންޑާވް މެޗުގެ 86 ވަަނަ މިނިޓްގައި ބްރައިޓަންގެ ލީޑުފުޅާކޮށްދިންއިރު، މެޗުގެ އިތުރު ވަގުތުގައި ޕެލްވިން އެސްޓޫޕީނިއަން ވަނީ ބްރައިޓަންގެ ތިން ވަަަނަ ގޯލު ޖަހައިފަ އެވެ.

ބްރައިޓަން އިން އާސެނަލް ލީގަށް ކުރަމުންދާ އުންމީދުތަކަށް ނިމުމެއް ގެނައުމާ ގާތަށް ޖެހިލިއިރު، ބްރައިޓަން އިން ވެސް އަންނަނީ ޔޫރަޕްގެ ފުޓްބޯޅަ ކުޅެވޭ މަގާމެއްގައި ނިންމަން މަސައްކަތް ކުރަމުންނެވެ. ބްރައިޓަން އިން މި ވަނީ އެންމެ ފަހުން އެ ޓީމުން އާސެނަލް ދަނޑުގައި ކުޅުނު ތިން މެޗުން (ލީގާއި ކަޕް މެޗު ހިމެނޭ ގޮތަށް) ވެސް މޮޅުވެފަ އެވެ. އާސެނަލް އަތުން ހޯދި ތިން ޕޮއިންޓާ އެކު ބްރައިޓަން އޮތީ 34 މެޗުން 58 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.