Advertisement

ޓީއެފްޖީގެ އާ ފެސިލިޓީން ޖިމްގެ ހިދުމަތް އެހެން ލެވެލަކަށް

ޓީއެފްޖީގެ ޖިމްގައި ބަހައްޓާފައިވާ ޓްރެޑްމިލްތައް: މިއީ ޕާސަނަލައިޒް އެންޓެޓެއިންމެންޓް ސިސްޓަމް ހިމެނޭ ޓްރެޑްމިލްތަކެއް. --ފޮޓޯ: ރައީސް އޮފީސް


ޓީއެފްޖީގެ އާ ފެސިލިޓީން ޖިމްގެ ހިދުމަތް އެހެން ލެވެލަކަށް

މީގެ 13 އަހަރު ކުރިން ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މާލޭގައި ހުޅުވި ޖިމާ އެކު، ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީ އަށް އިންގިލާބީ ބަދަލެއް އަ އެވެ. އެތަނުގެ ވަސީލަތްތަކާއި ފޯރުކޮށްދިން ހިދުމަތްތައް ކަސްރަތަށް ލޯބިކުރާ ދިވެހިން ބަލައިގަތީ ޝުކުރުވެރިކަމާ އެކު އެވެ. ޓީއެފްޖީގެ ޖިމް އެތަނަށް ހާއްސަ އިމާރާތަކަށް ބަދަލުކޮށް، އާ ފެށުމަކުން ފަށައިގަންނަ ހަބަރާ އެކު، އެ އެންމެންގެ އުއްމީދުތައް މަތިވި އެވެ.

ޓީއެފްޖީގެ އެއް ހިއްސާދާރު މުހައްމަދު މިސްތޯހު (މިސްތޯ) ގެ އަމިއްލަ ގެ ކަމަށްވާ މއ. ހައިވަކަރުގޭގައި އަލަށް އިމާރާތްކުރި ބިލްޑިންގައި އިއްޔެ "އާ ޓީއެފްޖީ" ދޮރުތައް ހުޅުވާލިއިރު، ފެންނަން ހުރީ، މަތިވި އެ އުއްމީދުތަކާ އެއްވަރުގެ ބަދަލެކެވެ. ކުރިން އެތަނަށް ގަވާއިދުން ކަސްރަތަށް ވަޑައިގަންނަވާ، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަަޒްނާ އަހުމަދު ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި ކަހާލި ފަރުދާއާ އެކު، ފެންނަން ހުރީ އެންމެ ޒަމާނީ ވަސީލަތްތަކުން ފުރިފައިވާ، އަދި ލޮލަށާއި ހިތަށް ވެސް ފަސޭހަ ފިޓްނަސް ފެސިލިޓީއެކެވެ.

ޓީއެފްޖީގެ ތިން ހިއްސާދާރުން ކަމަށްވާ އާމިރު (ކ) މިސްތޯ (މ) އަދި ޒިނާން. --ފޮޓޯ: ރައީސް އޮފީސް


ކުޅިވަރާއި ފިޓްނަސްގެ ރޮނގުން ރާއްޖެ ފަހުރުވެރިކޮށްދިން ތަރިންތަކެއް ނިސްބަތްވާ ހައިވަކަރުގޭގެ މައި އެންޓަރެންސް އިން ވަނުމާ އެކު އެންމެ ފުރަތަމަ މަރުހަބާ ކިޔާނީ، ގްރައުންޑް ފްލޯގައި ގާއިމްކޮށްފައިވާ ޓީއެފްޖީގެ "ސެޕް ކްލިނިކް" އެވެ. އެ ޖިމުން މުޅިން އަލަށް ފަށާ މި ކްލިނިކަކީ ސްޕޯޓްސް އިންޖަރީ އާއި އޮޕަރޭޝަންތަކަށް ފަހު ރިކަވާވާން ބޭނުންވާ މީހުންނަށް ހާއްސަ ތަނެކެވެ. މިތަނުގައި ފަރުވާ ދޭނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ސްޕޯޓްސް ފިޒީޝަނުންނެވެ. ފުރޮޅުލީގޮނޑި އަށް ވެސް ފަސޭހައިން އެކްސެސްވޭ ގޮތަށް ހަދާފައިވާ މި ކްލިނިކުން ފަރުވާ ހޯދުމަށް ފަހު، ރީހެބްލިޓޭޝަންގެ ދެ ވަނަ މަރުހަލާ އޮންނާނީ ޖިމްގަ އެވެ.

ޖިމްގެ ރަސްމީ ބައި ފެށޭނީ ފުރަތަމަ ފްލޯ އިންނެވެ. ހިތްގައިމު، ބޮޑު ރިސެޕްޝަން އޭރިއާ ފަރުމާކޮށްފައިވަނީ މެމްބަޝިޕް ނަގަން އަންނަ މީހުންނަށާއި ކަސްރަތަށް އަންނަ މީހުންނަށް ވެސް ފަސޭހައިން އެ ހިދުމަތް ލިބި ކުރިއަށް ދެވޭނެ ގޮތަކަށެވެ. ކޮންޓްރޯލް އެކްސެސްއަކުން، މައްޗަށް އެރުމުން ޗޭންޖިމް ރޫމަށް ދެވޭނެ އެވެ. ދެ ޖިންސަށް ވަކިން ހަދާފައިވާ ޗޭންޖިމް ރޫމުގެ ޖާގަ ތަނަވަހެވެ. ލޮކަރުތައް ހުރެ އެވެ. ފެންވަރާ ތަނާއި ފާހަނާތައް ވެސް ހުރެ އެވެ. އެންމެ ފާހަގަކުރެވެނީ، ޖިމް ސެޝަނަކަށް ފަހު ރިކަވާވާން ބޭނުންވާ މީހުންނަށް ގާއިމްކޮށްފައިވާ ސްޓީމް ރޫމާއި އައިސްބާތެވެ. ޗޭންޖިމް ރޫމުގައި، އިރުއިރުކޮޅުން ވައި ބަދަލުވާ ގޮތަށް، އެންމެ ޒަމާނީ އޮޓޮމޭޓެޑް ވެންޓިލޭޝަން ސިސްޓަމް ހަރުކޮށްފައިހުރެ އެވެ.

ޓީއެފްޖީގެ ސްޓޫޑިއޯގައި ހަރުކޮށްފައިވާ ހާޓްރޭޓް މޮނިޓާތައް ރައީސްގެ ދެކަނބަލުންނަށް ޒިނާން (ކ) ދައްކާލަނީ. --ފޮޓޯ: ރައީސް އޮފީސް


މި ފްލޯގައި ގާއިމްކޮށްފައިވާ ގްރޫޕް ކްލާސް ސްޓޫޑިއޯ އިން ވެސް ފެންނަނީ ޒަމާނީ ބަދަލުތަކެވެ. ސްޓޫޑިއޯ ޑިޒައިންކޮށްފައިވަނީ އެއްވެސް ތަނބެއް ނުހުންނަ ގޮތަށް އަދި އިކިއުޕްމަންޓްތައް ވެސް ލޮލުގައި އަޅައިނުގަންނަ ގޮތަށް، ޓްރެއިނަރަށް 100 ޕަސެންޓް ފޯކަސް ދީގެން މެމްބަރުންނަށް ކަސްރަތުކުރެވޭ ގޮތަށެވެ.

އެކަމަކު އެންމެ ހާއްސައީ ބައިވެރިންގެ ހާޓް ރޭޓް ރިއަލް ޓައިމްގައި، އިންސްޓްރަކްޓަރަށް ސްކްރީނުން ފެންނަ ގޮތަށް ގާއިމްކޮށްފައިވާ ސިސްޓަމެވެ. ކޮންމެ ބައިވެރިއެއްގެ އަތުގައި އަޅުވާ ސެންސަރުން، ހާޓް ރޭޓް ދެނެގަނެވުމާ އެކު، އިންސްޓްރަކްޓަރަށް، ވަކިވަކި ބައިވެރިންގެ ހަރަކާތްތަކާއި އެ ހަރަކާތްތަކުން ކުރާ އަސަރު ދެނެގަނެވޭނެ އެވެ. ޕޯލާ ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ މި ސިސްޓަމުގެ ސަބަބުން ބައިވެރިންނަށް ވެސް އަމިއްލަ ހާޓްރޭޓް އެނގި، އިތުރަށް ހިތްވަރުލާން ޖެހޭ ހިނދުކޮޅުތައް ދެނެގަނެވި އަމިއްލަ ނަފުސަށް ހިތްވަރުދޭން ވެސް ފަސޭހަވާނެ އެވެ.

މި ފްލޯގައި ހުންނަ ޓޮޕްރައިޑަށް ހާއްސަ ސްޓޫޑިއޯގައި ވެސް އެ ސިސްޓަމް ގާއިމްކޮށްފައި ހުރެ އެވެ. ޓީއެފްޖީން ފޯރުކޮށްދޭ ރެޑިކަލް ޕްރޮގްރާމުގައި ހިމެނޭ، އެންމެ ޑިމާންޑް ބޮޑު އެއް ކްލާސް ކަމަށްވާ، ސައިކްލިން އަށް ހާއްސަ ޓޮޕްރައިޑް ސްޓޫޑިއޯ ގައި ހުންނާނީ ހަ ބައިސިކަލެވެ. ކުރިއާ ހިލާފަށް މި ކްލާސް، ވާޗުއަލް އިންސްޓްރަކްޓަރަކާ އެކު ވެސް ނެގޭނެ އެވެ. އެގޮތުން ސްޓޫޑިއޯގައި ހަރުކޮށްފައިވާ ސްކްރީނުން، ވާޗުއަލް ކޯޗާއި ވާޗުއަލް ޓުއާތައް އިހުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޓޮޕްރައިޑް ސެޝަނެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް


ޓީއެފްޖީން މި ފަހަރު ގެނައި ބަދަލާ އެކު، ކާޑިއޯ ޓްރެއިނިންތަކަށް ޖިމުން ކަނޑައަޅާފައިވަނީ ކުރިއަށް ވުރެ ބޮޑު ޖާގައެކެވެ. މިތަނުގައި ކުރިއަށް ވުރެ ޓްރެޑްމިލްތަކާއި ސްޓޭޝަނަރީ ބައިސިކަލްތައް ގިނަ އެވެ. އަދި ކުރިއާ ހިލާފަށް މި ފަހަރު ކޮންމެ ޓްރެޑްމިލެއްގައި ޕާސަނަލް ސްކްރީނެއް ހުންނާނެ އެވެ. އޭގެން ޓީވީ ޗެނަލްތައް ބަލައިލެވޭނެ އެވެ.

ކާޑިއޯ ސެގްމަންޓުން އެންމެ ފާހަގަކުރެވެ ވީއޯޓޫ މެކްސް ޓެސްޓް ހެދޭ ގޮތަށް ބަހައްޓާފައިވާ ޓްރެޑްމިލެވެ. ކަސްރަތުކުރާއިރު އޮކްސިކަން ބޭނުންކުރާ މިންވަރު ދެނެގަންނަ މި ސިސްޓަމަކީ، އަލަށް ފަށާ މީހުންނާއި ޕްރޮފެޝަނަލް ދުވުންތެރިންނާއި އެތުލީޓުންނަށް ފިޓްނަސް ޓެސްޓްކޮށްލަން ވަރަށް މުހިއްމު ސިސްޓަމެކެވެ. މީގެ އިތުރުން އެހެން ގޮތްގޮތުން ފިޓްނަސް ޓެސްޓް ހެދުމަށް މިނީ ލެބެއް ވެސް ޓީއެފްޖީގައި ހުރެ އެވެ. އެތަނުން ނަގާ ޑާޓާތަކަކީ ރާއްޖޭގެ ކުޅިވަރާއި ފިޓްނަސްގެ ހާލަތު ދެނެގަންނަން މުހިއްމު މައުލޫމާތުތަކަށް ވާނެ އެވެ.

މި ފްލޯގައި، "ސެޕް ކްލިނިކް" ގެ މިނީ ރޫމެއް ވެސް ހުރެ އެވެ. މިއީ ކަސްރަތުގެ ކުރިން ނުވަތަ ފަހުން، ނޫނީ އެހެން ވަގުތެއްގައި ވެސް ރިކަވަރީ ސެޝަނެއް ނަގަން ބޭނުންވާ މީހުންނަށް ހާއްސަ ތަނެކެވެ. މި ރޫމުގައި ލެގް ރިކަވަރީ އަށް ހާއްސަ އެއާ ކޮމްޕްރެޝަރު ސިސްޓަމެއް ހުރެ އެވެ.

ސެޕް ކްލިނިކުގައި މެޑަމް ފަޒްނާ ރިކަވަރީ ސެޝަނެއް ނަންގަވަނީ. --ފޮޓޯ: ރައީސް އޮފީސް


ވެއިޓް ޓްރެއިނިން އަށް ހާއްސަ ބައި ހުންނަނީ މަތީ ފްލޯގަ އެވެ. މިއީ ރާއްޖޭގެ އެއްވެސް ޖިމެއްގައި ނެތް ވަރުގެ ޖާގަ ތަނަވަސް ޓްރެއިނިން އޭރިއާ އެކެވެ. މާނައަކީ އެއް ފަހަރާ ގިނަ ބަޔަކު ޓްރެއިނިން ހެދިޔަސް، ކޮންޖަސްޓްނުވުމެވެ. މިތަނުގައި، އެ މީހެއްގެ އަމިއްލަ ދުވުމުން، ސްޕީޑް ކޮންޓްރޯލްކުރެވޭ ކާޑިއޯ އަދި ޕަވާ ވޯކްއައުޓްތަކަށް ހާއްސަ ޓްރެޑްމިލެއް ހުރެ އެވެ. އަދި ރާއްޖޭގެ ޖިމްތަކުން އާއްމުކޮށް ނުފެންނަ ޓްރެއިނިން މެޝިންތައް ހުރެ އެވެ. އޭގެ ތެރޭގައި ސްކީކުރާއިރު ގެންނަ ހަރަކާތްތަކަށް ވޯކްއައުޓް ހެދޭ ސްކީ މެޝިނާއި ވެއިޓެޑްވީލްބަރޯ މެޝިން ހިމެނެ އެވެ.

މި ފްލޯގައި، ޕްރައިވެޓް ވެއިޓް ޓްރެއިނިން އަށް ހާއްސަ ސެގްމަންޓެއް ހުރެ އެވެ. މިއީ ގްރޫޕްކޮށް ޓްރެއިނިން ހަދަން ބޭނުންވާ މީހުންނަށް ހާއްސަ ތަނެކެވެ. މި އޭރިއާގައި ބެޓްލިން ރޯޕްސް އާއި އެނޫން ވެސް އައުޓްޑޯއަށް ހާއްސަ ބައެއް މެޝިންތައް ވެސް ހުރެ އެވެ.

ސެޕް ކްލިނިކުގެ ޑޮކްޓަރު ތަނުގެ ޓުއާއެއް ދެނީ. --ފޮޓޯ: ރައީސް އޮފީސް


ޖިމްގައި ތިން ފިނިހޫނިމެއްގެ ފިލްޓާ ފެން ހިލޭ ލިބެން ހުރެ އެވެ. އަދި ވޯކްއައުޓަށް ފަހު އަމިއްލަ އަށް މެޝިންތަަކާއި ބަރުތައް ސެނިޓައިޒްކުރުމަށް ބޭނުންވާ ސާމާނު ވެސް ހުރެ އެވެ. އަދި މެޑިކަލް އިމެޖެންސީ ބޮކްސް ވެސް އިކިއުޕްކޮށްފައި ހުރެ އެވެ.

މި ޖިމްގެ ފުރަތަމަ ފްލޯގައި ޝޮޕް އެންޑް ކެފޭ ކޮންސެޕްޓަށް "ޖިމް އެންޑް ކެރީ" ގެ ނަމުގައި ކެފޭ އަކާއި ގްރޮސަރީ ފިހާރައެއް ހުރެ އެވެ. އާއްމުންނަށް ވެސް ވަދެވޭ މި މި ކެފޭގައި ކޮފީ އާއި ބުއިންތަކާއި ލުއިކާނާ އަދި ޝުގާފްރީ ޖެލާޓޯ ލިބެން ހުރެ އެވެ. ގްރޮސަރީ ފިހާރައިގައި އޯގަނިކް އަދި ސިއްހަތަށް ފައިދާހުރި ކާނާ ތައްޔާރުކުރެވޭނެ ބާވަތްތައް ލިބެން ހުރެ އެވެ.

"ޖިމް އެންޑް ކެރީ" ރައީސްގެ ދެކަނބަލުން ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް


މި އިމާރާތަށް ޓީއެފްޖީން ދެން އިތުރުކުރާނީ ކުޑަކުދިންގެ ހާއްސަ ޖިމަކެވެ. އެތަން އަންނަ މަހު އޮޕަރޭޝަނަށް ގެންނަން މަސައްކަތްކުރެ އެވެ. މީގެ އިތުރުން "ހައިވަކަރު މާލަން" ނަމުގައި ކޮންވެންޝަން ސެންޓަރެއް ވެސް އަންނާނެ އެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ހުޅުވި އާ ޖިމްއާ އެކު ވެސް ޓީއެފްޖީން، އެންމެ ފުރަތަމަ ހިދުމަތް ފެށިއިރު ގެންގުޅުނު އަސާސްތަކަށް ބަދަލެއް ނުގެނެ އެވެ. އެގޮތުން މި އިމާރާތް ވެސް ހަދާފައިވަނީ ސާފުތާހިރު، ތަނަވަސް މާހައުލެއްގައި ކަސްރަތުކޮށްގެން މެމްބަރުންނަށް ހިތްހަމަޖެހުން ހޯދައިދިނުމުގެ ބިންގަލުގެ މަތީގަ އެވެ.