Advertisement

އޭޖީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

11 މޭ 2023 - 13:13 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު؛ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ގުޅިފައިވާ އިދިކޮޅު ޕާޓިތަކުން--- ފޮޓޯ: ރައީސް އޮފީސް


އޭޖީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

11 މޭ 2023 - 13:13 0

ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަރީޒާތަކާއި ރާއްޖެއާ ދެެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރާ އިދިކޮޅު ގުޅިފައިވާ ޕާޓީތަކުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުންނާއި އެމްއެންޕީ އާއި ޖުމްހޫރީގެ ޕާޓީ ހިމެނެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ވައްދާފައިވަނީ 15 މެމްބަރުންގެ ސޮޔާއެކު އެވެ.

އެ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށާއި އިތުރު ބޭފުޅުންގެ މައްސަލަ ވެސް ކުރިއަށް އޮތް ތަނުގައި ހުށަހަޅާނެ ކަމަށެވެ.

"އޭގެ ތެރޭގައި ފޮރިން މިނިސްޓަރު ޝާހިދާއި ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ވެސް ހުށަހަޅަން މަސައްކަތް އެބަކުރަން،" ސަލީމް ވިދާޅުވި އެވެ.

މި ބޭބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން ނިންމީ "ގައުމަށް ހިޔާނާތްތެރިވުމުން" ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޯޅަވަހި މައްސަލައިގައި މި ބިން، ކަނޑުގެ ސަރަހައްދު އަނބުރާ ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން، އެއްވެސް ދުލެއް ނުދާނަން، އަޅުގަނޑުމެން ބިރެއް ނުގަނޭ އަޅުގަނޑުމެންނާ މެދު ކޮންމެ ފިޔަވަޅެއް އެޅިޔަސް،" ސަލީމް ވިދާޅުވި އެވެ.

އޭޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން ވިދާޅުވީ ރާއްޖޭގެ އީއީޒެޑް ކަނޑައެޅި، ބޭނުން ކުރަމުން އަންނަނިކޮށް އިމުގެ މައްސަލައިގައި ރިފްއަތު އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

"ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއް އަދި ގަބޫލުކޮށްގެން ތިބި ގަބޫލުކުރުމެއް ދިފާއު ނުކުރައްވާ، އެހެން ބައެއްގެ މަސްލަހަތަށް މަސައްކަތް ކުރެއްވުން، މިއީ އެންމެ ބޮޑު މައްސަލައަކީ،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޓާނީ ޖެނެރަލްއަކީ ދިވެހި ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށާއި އެއި "ވަކި ބަޔަކު ހެދި ޑީލެއްގެ" ދިފާއު ކުރައްވަން ހުންނަވާ ބޭފުޅެއް ނޫން ކަމަށެވެ.

"[އީއީޒެޑުގެ] ހައްގު އެއޮތީ އަޅުގަނޑުމެންގެ ކުރިމަތީގައި ފާޅުގައި ދޫކޮށްލާފައ، އެހެންވީމާ ހަގީގަތުގައި ވެސް އެޓާނީ ޖެނެރަލަކަށް ބަންޑާރަ ނައިބަކަށް އިތުބާރެއް ނެތް،" އަލީ ހުސައިން ވިދާޅުވި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ސަރުކާރަށެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅެނީ 10 މެންބަރުންގެ ސޮއިންނެވެ. ފާސްވުމަށް މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި ވޯޓު ބޭނުން ވެ އެވެ. އެއީ 43 ވޯޓެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑެޕިއުޓީ އޭޖީ ކަން ކުރެއްވި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ އަންނަ ހަފްތާ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.