Advertisement

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުވި ސިޓީގެ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ނުކޮށްދިން

ސުޕްރީމް ކޯޓު އިމާރާތް؛ ޗާގޯސް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ރަޖިސްޓްރީކޮށްނުދިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުވި ސިޓީގެ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ނުކޮށްދިން

ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ބާތިލްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމައިފި އެވެ.

އެޕްރީލް 27, ގައި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން، މުހައްމަދު މުސްތާގް އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަހުމަދު މަނިކުގެ ނަމުގަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރަޖިސްޓްރީ ނުކުރުމަށް ނިންމިކަން މައްސަލަ ހުށަހެޅުއްވި އުމަރު ވަނީ "އަދަދު" ނޫހަށް ޔަގީންކޮށްދެއްވައިފަ އެވެ.

"އަޅުގަނޑުމެން މިހާރު މި އުޅެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން، ރަޖިސްޓްރާގެ ނިންމުން ރިވިއުކޮށްދިނުމަށް ހުށަހެޅުމަށް،" އުމަރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކީ ގާނޫނު އަސާސީއާ ހިލާފު ސިޓީއެއް ކަމަށް ކަނޑައެޅުމަށެވެ.

މައްސަލައިގެ ލިޔެކިޔުމުގައި ފާހަގަކޮށްފައި އޮތް ގޮތުން އެ ކަމަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ނުކުތާއަކީ ގާނޫނު އަސާސީގެ ތިން ވަނަ މާއްދާ އެވެ. އޭގައި ބުނާ ގޮތުން، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތުންނެވެ.

"ސަރަހައްދަށް ބަދަލު ގެނައުމުގެ ތެރޭގައި، ސަރަހައްދުން ބައެއް އުނި ކުރުން، ސަރަހައްދަށް ބައެއް އިތުރު ކުރުން، އަދި ސަރަހައްދާ ގުޅިގެން ދިވެހީންނަށް ބައިނަލްއަގްވާމީ ކަނޑާ ގުޅޭ ގޮތުން ލިބޭ ހުރިހާ ހައްގުތަކަކަށް އުނިއިތުރު ގެނައުން ވެސް ހިމެނޭނޭ ކަމާ މެދަކު ޝައްކެއް ނެތެވެ،" ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް؛

ޗާގޯސް އަކީ މޮރިޝަސްގެ ބައެެއްގެ ގޮތުގައި ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ބޯޑަރު ކަނޑައަޅަން އިޓްލޮސް އިން ނިންމުމަކީ ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އިޓްލޮސް އިން އެއްބަސްވުމެވެ. މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ރާއްޖޭން ދެކޮޅު ހެދީ ވެސް ހަގީގަތުގައި އެކަމާ އެވެ.

ރާއްޖޭގެ އޭރުގެ ސްޓޭންޑަކީ އިޓްލޮސް އަށް އެ މައްސަލަ ނުބެލޭނެކަމަށް ބުނުމެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އަރައިރުމެއް އޮތީމަ އެވެ. އެހެން ނަމަވެސް އިޓްލޮސް އިން ރާއްޖޭގެ އެ ނުކުތާ ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިޔައީ އެވެ. އެ ފަހުން ރާއްޖޭގެ އެ ސްޓޭންޑް ބަދަލުކުރި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބެން ޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް އަމަލުކުރަން ގޮވާލައި އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަހަރު ގަރާރެއް ފާސްކުރި އެވެ. އެގަރާރާ ދެކޮޅަށް އިނގިރޭސީންނާ އެކު ވޯޓު ދިނީ ރާއްޖެއާއި އެމެރިކާ، އޮސްޓްރޭލިއާ ހަންގޭރީ އަދި އިޒްރޭލުންނެވެ.

އިނގިރޭސީންގެ ދަށުން މިނިވަންވެ، މޮރިޝަސްގެ ދައުލަތް އުފެއްދި އިރު ވެސް އެގައުމުގެ ބަޔަކަށް ނުވެ އޮތް ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލް އަގުވާމީ އެކިއެކި ފޯރަމްތަކަށް ހުށަހެޅި އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެގައުމުން ހުށަހެޅި ހުށަހެޅުމަކީ އެފަދަ އެއް ހުށަހެޅުމެވެ.

އިޓްލޮސްގެ ނިންމުން؛

ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ވެސް އޮތުމުން، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.