Advertisement

ފަލަސްތީނުގެ ސްކޫލެއް ސުންނާފަތިކޮށްލުމުން އިޒްރޭލަށް އީޔޫގެ ފާޑުކިޔުން

ސްކޫލް ހުރި ސަރަހައްދުން ފެނުނު ދަރިވަރުންގެ ކަރުދާސްތަކެއް ހިފައިގެން. -- ފޮޓޯ: އޭއެފްޕީ


ފަލަސްތީނުގެ ސްކޫލެއް ސުންނާފަތިކޮށްލުމުން އިޒްރޭލަށް އީޔޫގެ ފާޑުކިޔުން

ޖައްބެތް އަލް ދީބް، ފަލަސްތީން (މޭ 7) - އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުރި ޕްރައިމެރީ ސްކޫލެއް ސުންނާފަތިކޮށްލުމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިޒްރޭލުން ހޮނިހިރު ދުވަަހު އެ ސްކޫލް ސުންނާފަތިކޮށްލީ އިމާރާތުގެ ރައްކާތެރިކަން ޔަގީން ނުވާ ކަމަށް ބުނެ އެވެ. އެއީ އީޔޫއިން ހަރަދުކޮށްގެން ފަލަސްތީނުގެ ކުޑަކުދިންނަށް ބިނާކުރި ސްކޫލެކެވެ.

އެ ސްކޫލް ކައިރިއަށް އިޒްރޭލް ސިފައިން ޖަމާވުމުން ފަލަސްތީނުގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށް ގާ އުކައިފަ އެވެ. އެ ތަން ސުންނާފަތި ކުރުމުގެ މަސައްކަތް ފެށީ ފަތިހު އެވެ.

ފަލަސްތީނުގެ ސަރުކާރުން ބުނީ ފަސް ކްލާސް ހުންނަ ސްކޫލްގައި 45 ކުދިން ކިޔަވަމުން ދިޔަ ކަމަށެވެ. އެ ސްކޫލް ހުސްކުރަން އަންގައި ގުދުސްގެ ކޯޓަކުން އަމުރެއް ނެރިފައިވާ އިރު، އެކަން ކުރުމަށް ދެ މަސް ދިނީ މިދިޔަ މާޗް މަހު އެވެ.

ކޯޓުން ބުނީ އެ ތަނުގައި ސްކޫލް ހެދީ ގަވާއިދާ ހިލާފަށް ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ނުބަލާ ކަމަށެވެ.

ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުރިން ވެސް އެ ބިމުގައި ހުރި ސްކޫލެއް އިޒްރޭލުން ބިމާ ހަމަކޮށްލި ކަމަށާއި އާ ސްކޫލެއް އެޅީ 2019 ގައި ކަމަށެވެ.

އީޔޫއިން އެކަން ކުށްވެރިކޮށް އިޒްރޭލަށް ގޮވާލީ ގަދަކަމުން ފަލަސްތީނުގެ ރައްޔިތުން ގެތަކުން ނެރި ހިންގަމުންދާ އަމަލުތައް ހުއްޓާލުމަށެވެ.

"ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ތަންތަން ސުންނާފަތި ކުރުމަކީ މަނާ ކަމެއް އަދި ކުދިންގެ ތައުލީމު އުނގެނުމުގެ ހައްގަށް އިހްތިރާމް ކުރަން ޖެހޭނެ،" އީޔޫއިން ބުންޏެވެ.

އެ ސަރަހައްދުގެ ލޯކަލް ކަައުންސިލުން ބުނީ ސްކޫލް ސުންނާފަތި ކުރުން މަޑުޖައްސާލަން އިޒްރޭލުގެ އިދާރާތަކުން އެއްބަސްވި ނަމަވެސް، އިޒްރޭލުގެ ސިފައިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ.

ފަލަސްތީނުން ބުނީ ސުންނާފަތިކޮށްލި ސްކޫލް ހުރި ބިމުގައި ހޯމަ ދުވަހު ޓެންޓެއް ޖަހައި، އަލުން ކިޔަވައި ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް އިޒްރޭލުން އަރައިގަތީ 1967 ގަ އެވެ. އެ ތަނުގައި ފަލަސްތީނުގެ 2.9 މިލިއަން މީހުން ދިރިއުޅެ އެވެ. ޔަހޫދީން އާބާދު ކުރުމަށް އިޒްރޭލުން ހިންގާ މަސައްކަތުގެ ތެރެއިން 475،000 ޔަހޫދީން ވެސް ގަވާއިދާ ހިލާފަށް ހުޅަނގު އައްސޭރީގައި ދިރިއުޅެ އެވެ.