Advertisement

ނުވަ އަހަރަށް ފަހު ރެއާލުން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

7 މޭ 2023 - 08:52 0


ނުވަ އަހަރަށް ފަހު ރެއާލުން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

7 މޭ 2023 - 08:52 0

ސެވިލް (މެއި 7) - ފައިނަލުގައި ރޭ އޮސަސޫނާ އަތުން 2-1 އިން މޮޅުވެ، ނުވަ އަހަރަށް ފަހު ރެއާލް މެޑްރިޑުން ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ޗެމްޕިއަންކަން ހޯދައިފި އެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު ރެއާލުން މި މުބާރާތް ކާމިޔާބު ކުރިއިރު ވެސް ކޯޗަކަށް ހުރީ މިހާރު އެ މަގާމާ ހަވާލުވެހުރި ކާލޯ އަންޗެލޮޓީ އެވެ. މިއީ ރެއާލުން ކޮޕަ ޑެލް ރޭ ތަށި އުފުލާލި 20 ވަނަ ފަހަރެެވެ.

ރޭގެ މެޗު ފަށައިގެން 106 ސިކުންތު ތެރޭގައި ރެއާލުން ލީޑުނެގި އެވެ. މިއީ ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އެ ޓީމުގެ ރޮޑްރީގޯ އަށް ދިނުމުން ޖެހި ގޯލެކެވެ. މިއީ ފާއިތުވި 17 އަހަރު ތެރޭ ސްޕެނިޝް ކަޕް ފައިނަލެއްގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

ލީޑުފުޅާކޮށްދޭން ފުރަތަމަ ހާފުގައި ރެއާލްގެ ކެޕްޓަން، ކަރިމް ބެންޒެމާ ޖެހި ބޯޅަ އޮސަސޫނާ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ މަތަކޮށްފަ އެެވެ. އޭގެ ފަހުން، ހިލޭ ޖެހުމަކުން ރެއާލްގެ ޓޯނީ ކްރޫސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާގިނައިރެއްނުވެ، އޮސަސޫނާ އިން އެއްވަރުކުރި އެވެ. އެ ޓީމަށް މެޗުގެ 58 ވަަނަ މިނިޓްގައި ގޯލު ޖަހައިދިނީ ލޫކަސް ޓޯރޯ އެވެ. އޭރިއާ ރޮނގުކައިރިން ޓޯރޯ އަށް ލިބުނު ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ރެއާލުން އަލުން ލީޑުނެގީ 70 ވަނަ މިނިޓްގަ އެވެ. މިއީ ކްރޫސް ޖެހި ބޯޅައެއް ބްލޮކްވެގެން އައިސް އޭރިއާތެރެއިން ރޮޑްރީގޯ އަށް ލިބުމުން އޭނާ ޖެހި ގޯލެކެވެ. ދެ ގޯލުގެ ލީޑެއް ނަގަން ރެއާލަށް ލިބުނު ފުރުސަތުގައި ވިނީޝިއުސް މަސައްކަތް ކުރީ ބެންޒެމާ އަށް ދީގެން ޖެހުމަށެވެ. އެކަމަކު، އޮސަސޫނާގެ ކީޕަރު ހެރޭރާ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

ކޮޕަ ޑެލް ރޭގެ ކާމިޔާބީގެ އުފާފާޅުކުރުންތައް މާ ބޮޑަށް ނުބާއްވައި ރެއާލުން ދެން ތައްޔާރުވާނީ އަންގާރަ ދުވަހުގެރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް އަށެވެ. އެ ގޮތުން، ސެމީ ފައިނަލުގައި ރެއާލް ކުޅޭނީ މެންޗެސްޓާ ސިޓީއާ އެވެ.