6 މޭ 2023 - 13:19 0
މިދިޔަ އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
6 މޭ 2023 - 13:19 0
މިމަހުގެ 14-19 އަށް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި 47 ސްކޫލަކުން 1500 ކުދިން ވާދަކުރާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަކީ ކޮންމެ އަހަރަކުވެސް އެންމެ ގިނަ އެތުލީޓުން ވާދަކުރާ އަހަރުގެ އެންމެ ފޯރިގަދަ މުބާރާތެވެ. ރާއްޖޭގެ ގައުމީ ޓީމްތަކަށް ބޭނުންވާ އެތުލީޓުން ދެނެގަނެ އެ ކުޅުންތެރިންނަށް ޖޫނިއާ ޓީމްތަކުން ފުރުސަތު ދިނުމުގައިވެސް އެންމެ ބޮޑަށް ބަލަނީ ސްކޫލް މުބާރާތަށެވެ.
މިއަހަރުގެ މުބާރާތް ފަށަން ތައްޔާރުވަމުން އަންނައިރު މިފަހަރު އަތޮޅުތަކުން އެކަނިވެސް 25 ސްކޫލަކުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ ތިން ސްކޫލަކާއި، އައްޑޫ ސިޓީގެ ނުވަ ސްކޫލެއް ހިމެނެ އެވެ.
މި މުބާރާތުގައި މިއަހަރު މާލެއިން 22 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ.
އިންޓަ ސްކޫލް މުބާރާތުގައި މިދިޔަ އަހަރުވެސް 47 ސްކޫލުން 1839 އެތުލީޓުން ވާދަކުރި އެވެ. މިގޮތުން ހަތަރު އުމުފުރާއެއްގައި 102 އިވެންޓެއް މިދިޔަ އަހަރުގެ އިންޓަ ސްކޫލް މުބާރާތުގައި ކުރިއަށް ގެންދިޔަ އެވެ.
މިދިޔަ އަހަރުގެ މުބާރާތް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ގިނަ ރެކޯޑުތަކެއް މުގުރާލި މުބާރާތެއްގެ ގޮތުގަ އެވެ. އެގޮތުން އެ މުބާރާތުގައި އެކަނި 32 ރެކޯޑެއް އެތުލީޓުން ވަނީ ހަދާފަ އެވެ. އޭގެ ތެރޭގައި ޖޫނިއާ ގައުމީ ރެކޯޑުތަކާއި ސްކޫލް މުބާރާތުގެ ރެކޯޑުތައްވެސް ހިމެނެ އެވެ.
މިދިޔަ އަހަރު އޮތް އިންޓަ ސްކޫލް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލްތަކަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒާއި ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލް އެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު ވަނީ 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލުގެ މަގާމް ހޯދައިފަ އެވެ. މި ބައިގައި އެ ސްކޫލުގެ ފިރިހެން ޓީމުން މުބާރާތުގެ ދެ ރެކޯޑެއް މުގުރާލިއިރު، އެ ސްކޫލުގެ އިބްރާހިމް ނާހިލް ނިޒާރު ވަނީ ގައުމީ އިންޑިވިޖުއަލް ތިން ރެކޯޑެއް މުގުރާލައިފަ އެވެ.
ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ އިތުރުން ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 15 އަހަރުން ދަށުގެ ފިރިހެން ބައިން ދެ ވަނަ، އަންހެން ބައިން ތިން ވަނަ އަދި 17 އަހަރުން ދަށުގެ އަންހެން ބައިން ތިން ވަނަ ސްކޫލުގެ މަގާމް ވެސް ހޯދައިފަ އެވެ.
މި ފަހަރު އެންމެ ކާމިޔާބު އެއް ސްކޫލުގެ ގޮތުގައި ފެނުނު މުހައްމަދު ޖަމާލުއްދީން ސްކޫލުން ވަނީ 27 ސްކޫލަކުން ވާދަކުރި 13 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލުގެ މަގާމް ހޯދައިފަ އެވެ. މީގެ އިތުރުން 13 އަހަރުން ދަށުގެ އަންހެން ބައިގެ ތިން ވަނަ ވެސް އެ ސްކޫލުން ހޯދި އެވެ.
މުހައްމަދު ޖަމާލުއްދީން ސްކޫލުން ވަނީ 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިން ވަނަ އާއި 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިން ވަނަ އަށް އެންމެ މޮޅު ސްކޫލުގެ މަގާމް ވެސް ހޯދާފަ އެވެ.
Comment