Advertisement

ގާނޫނުތައް އެއްގޮތް ކުރަން ދައުލަތުގެ މައްޗަށް އަމުރު ކުރަންޖެހޭ: ފަނޑިޔާރު ސުއޫދު

6 މޭ 2023 - 10:19 1

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުސްނުއްސުއޫދު، އަލީ ރަޝީދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ފޮޓޯ/ރައީސް އޮފީސް


ގާނޫނުތައް އެއްގޮތް ކުރަން ދައުލަތުގެ މައްޗަށް އަމުރު ކުރަންޖެހޭ: ފަނޑިޔާރު ސުއޫދު

6 މޭ 2023 - 10:19 1

ދެ ގާނޫނެއްގައި އެއް ކުށެއް ބަޔާންކޮށްފައި ހުރި ގާނޫނުތައް އެއްހަމަ ކުރުމަށް ދައުލަތުގެ މައްޗަށް ވީ އެންމެ އަވަހަށް އަމުރު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ސުއޫދު އެހެން ވިދާޅުވީ، ވެމްކޯގެ އެމްޑީއަކަށް ކުރިން ހުންނެވި މުހައްމަދު ޝިފާއުގެ މައްޗަށް ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން ކުރި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރު ކުރުމުން ހިނގި އިސްތިއުނާފު މަރުހަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި އެމަނިކުފާނުގެ ހިޔާލުފާޅުކުރައްވަމުންނެވެ. ޝިފާއުގެ މައްޗަށް ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުރި ދައުވާއަކީ ގާނޫނުލްއުގޫބާތުގައި ވެސް ބަޔާންކޮށްފައި އޮންނަ ކުށެކެވެ.

"ވެރިކަން ހިންގާ ފަރާތާއި ފުލުހުންނާއި ޕްރޮސެކިއުޓަރުން ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމަށް އެކަމުގެ ސަބަބުން މަގުހުޅުވިފައި އޮތުމުގެ އިތުރުން، ރައްޔިތުންގެ ހިތުގައި ގާނޫނީ ނިޒާމުގެ މައްޗަށާއި، ދައުލަތުގެ މައްޗަށް އޮންނަން ޖެހޭ އިތުބާރާއި ޔަގީންކަން އެކަމުގެ ސަބަބުން ގެއްލޭނެތީވެ، ގާނޫނުލްއުގޫބާތުގައި ތަޖުރީމުކޮށްފައި އޮތް ކުށެއް އެހެން ގާނޫނަކުން ތަޖުރީމުކޮށް، ތަފާތު އަދަބެއް އެއް އަމަލެއްގެ މައްޗަށް ކަނޑައަޅާފައިވާ ނަމަ، އެފަދަ ގާނޫނުތައް އުވާލައި، އެގޮތަށް ހުރި ގާނޫނުތައް އެއްހަމަ ކުރުމަށް ވީ އެންމެ އަވަހަށް ދައުލަތުގެ މައްޗަށް އަމުރު ކުރަން ޖެހޭ ކަމަށް ދެކެން،" ސުއޫދު ވިދާޅުވި އެވެ.

އެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެއް ކުށެއް ގާނޫނުލްއުގޫބާތުގެ އިތުރުން އެހެން ގާނޫނެއްގައި ބަޔާންކޮށްފައި އޮންނަ ހާލަތުގައި އަމަލު ކުރަންޖެހޭ ގޮތާ ހިލާފުވުމުންނެވެ. އެފަދަ ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ ގޮތް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައި އޮވެ އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ޝިފާއުގެ ފަރާތުން ހުރިހާ މަރުހަލާއެއްގައި ވެސް ބުނެފައިވާއިރު، އެ ގާނޫނުގެ ދަށުން ދައުވާ ނުކޮށް ކޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން ދައުވާ ކުރީ ގާނޫނުލްއުގޫބާތުގައި "ދައުލަތުގެ މުވައްޒަފުން" ގެ މާނައިގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށް ބުނެ އެވެ.

ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަކީ ވެސް ދައުލަތުގެ މުވައްޒަފުން ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމުގައި ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒުގެ ރައުޔަށް ތާއީދު ކުރެއްވުމާއެކު ފަނޑިޔާރު ސުއޫދު ވިދާޅުވީ، ގާނޫނީ ވެރިކަމުގެ އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނަށް ފަސޭހައިން އޮޅުންފިލާނެ ގޮތަށް ގާނޫނުތައް ހެދުން ކަމަށެވެ.

އަމަލުތަކުގެ ތެރެއިން ކުށަކަށް ވަނީ ކޮން އަމަލުތަކެއް ކަމާއި އެ ކުށެއް ކޮށްފި ނަމަ ލިބޭނެ އަދަބަކީ ކޮބައިކަން އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ވެސް އެ ރައުޔުގައި ސުއޫދު ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ، އެއް އަމަލެއް ތަޖުރީމުކުރުމަށް އަދި އަދަބު ކަނޑައެޅުމަށް އެއް ގާނޫނަށް ވުރެ ގިނަ ގާނޫނު ހަދާފައި ހުރުމާއި އެއް ކުށަކަށް ދެ ގާނޫނެއްގައި ދެ އަދަބު ކަނޑައަޅާފައިވުމުން ގާނޫނުއަސާސީގެ އެއް އުސޫލަށް ވުރެ ގިނަ ގިނަ އުސޫލާ ތައާރަޒުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެއް ގާނޫނަށް ވުރެ ގިނަ ގާނޫނުގައި ކުށް ބަޔާންކޮށްފައިވުމުން އެކަމުގެ ނަހަމަ ބާރު ވެރިކަން ހިންގާ ފަރާތާއި ޕްރޮސެކިއުޓަރުންނާއި ފުލުހުން ނަގަން މަގުހުޅުވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއިރުން ރައްޔިތުންގެ ހިތުގައި ގާނޫނީ ނިޒާމާއި ދައުލަތުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނޫން ނަމަ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާއި ޝަރީއަތް ކުރާ ފަރާތްތަކާއި ގާނޫނުތަކަށް ތަބާވާން ޖެހޭ ރައްޔިތުންނަށް އޮޅުން ބޮޅުން އަރައި އޭގެ ތެރެއިން ތަބާވާން ޖެހޭ ގާނޫނަކީ ކޮބައިކަމާއި ތަންފީޒުކުރަން ޖެހޭ ގާނޫނަކީ ކޮބައިކަން ދެނެގަތުން ފަސޭހަ ނުވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނިންމީ ޝިފާއުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށެވެ. އެކަމަކު، އެ ކޮރަޕްޝަންގެ މައްސަލައިގައި އަލުން ގާނޫނުލްއުގޫބާތުގެ ދަށުން އޭނާގެ މައްޗަށް ދައުވާ ކުރަން ހުރަހެއް ނެތް ކަމަށް ވެސް ހުކުމް ކުރި އެވެ.

ފަނޑިޔާރު މަހާޒުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު ތާއީދުކުރެއްވި އެވެ.

ގާނޫނުލްއުގޫބާތުގައި އޮންނަނީ އެ ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާ ނަމަ، އެ ހާލަތުގައި އިސްކަންދޭނީ ގާނޫނުލްއުގޫބާތަށް ކަމަށެވެ. އޭގެ އިތުރުން ހާއްސަ ގާނޫނުތަކެއް ބަޔާންކޮށް، އެއިން ގާނޫނެއްގައިވާ ކުށަކާއި ގާނޫނުލްއުގޫބާތުގައިވާ ކުށަކާ ފުށޫއަރާ ނަމަ އިސްކަން ދޭން ޖެހޭނީ ހާއްސަ ގާނޫނަށް ކަމަށް އޭގައި އޮވެ އެވެ.