Advertisement

މިނިވަން ނޫސްވެރިކަމުގައި ރާއްޖެ "ޕްރޮބްލަމެޓިކް" ކެޓަގަރީއަށް ވެއްޓުމުން އެމްޖޭއޭއިން ކަންބޮޑުވެއްޖެ

3 މޭ 2023 - 12:24 0

ނިމާ ހަސަން

ނިމާ ހަސަން

މިއަހަރުގެ މޭ ޑޭ ހިނގާލުމުގެ ތެރެއިން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުގެ މެންބަރުން; ނޫސްވެރިކަމުގެ މިނިވަންކަމުގައި މިއަހަރު ރާއްޖެ ވަނީ ފަހަތަށް ސޮއްސާލާފައި -- ފޮޓޯ: އެމްޖޭއޭ


މިނިވަން ނޫސްވެރިކަމުގައި ރާއްޖެ "ޕްރޮބްލަމެޓިކް" ކެޓަގަރީއަށް ވެއްޓުމުން އެމްޖޭއޭއިން ކަންބޮޑުވެއްޖެ

3 މޭ 2023 - 12:24 0

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުންދާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ވެއްޓުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވެއްޖެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ޖެހުމާއެކު މި އަހަރު ރާއްޖެ އޮތީ 100 ވަނައިގަ އެވެ. އެއާއެކު ރާއްޖެ މިހާރު އޮތީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ގައުމުތަކުގެ ކެޓަގަރީ ނުވަތަ 'ޕްރޮބްލޮމެޓިކް' ކެޓަގަރީގަ އެވެ.

މިދިޔަ އަހަރު ރާއްޖެ އޮތީ އިންޑެކްސްގެ 87 ވަނައިގަ އެވެ. މިއީ ފާއިތުވެ ދިޔަ ފަސް އަހަރުގައި މި އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަ ދެވަނަ ފަހަރެވެ. އެގޮތުން, 2018 ވަނަ އަހަރު ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނަ އެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، 2021 ގައި 72 ވަނައަށް ރާއްޖެ ޖެހިލި އެވެ.

އެކަމަކު އަނެއްކާ ވެސް 2022 ވަނަ އަހަރު 15 ދަރަޖަ ވެއްޓި ރާއްޖެ އޮތީ 87 ވަނައިގަ އެވެ. އެއާއެކު, މިދިޔަ ދެ އަހަރުގެ ރޭންކިންތަކަށް ބަލާއިރު ރާއްޖެ ވަނީ 28 ދަރަޖަ ސޮއްސާލާފަ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭގެ ރައީސް އަލީ ރިފްޝަން ވިދާޅުވީ ނޫސްވެރިކަމާއި ނޫސްވެރިން ހިމާޔަތްކޮށް އެ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ސަރުކާރެއްގެވެސް ވާޖިބަކަށް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ވާޖިބުގެ މަތިން ކޮންމެ ސަރުކާރަކުން ވެސް ހަނދާން ނެތޭތަން ފެންނަމުންދާ ކަމަށާއި, މިއީ ހިތާމަހުރި ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރިފްޝަން ވަނީ ހެއްކާ ބެހޭ ގާނޫނު ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އިސްލާހު ކުރުމަށާއި ނޫސްތަކަށް މާލީ މިނިވަންކަން ލިބޭ ސިޔާސަތުތަކަށް ސަރުކާރުން ބާރުއަޅަން ގޮވާލާފަ އެވެ. އަދި ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރާނެ ގައުމީ ސިޔާސަތެއް ބޭނުންވާކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ ރޭންކިންއާ އެކު ނެރުނު ކަންޓްރީ ޕްރޮފައިލްގައި އާރުއެސްއެފްއިން ވަނީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކަށީގެންވާ މަސައްކަތްތައް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.