Advertisement

ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި

30 އޭޕްރީލް 2024 - 19:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުންގެ މައި އިދާރާ : ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި - ފޮޓޯ: އަދަދު


ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި

30 އޭޕްރީލް 2024 - 19:14 0

ރާއްޖެ ޓީވީގެ ދުވަސް ދުއްވައިލާނެ ކަމަށާއި ހުޅު ޖަހާނެ ކަމަށް ބުނެ އެ ސްޓޭޝަންގެ ނޫސްވެރިޔަކަށް ސޯޝަލް މީޑިއާގައި މީހަކު އިންޒާރު ދިން މައްސަލަ އެ ޓީވީއިން ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

ރާއްޖެ ޓީވީގެ ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއުއަށް އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މީޑިއާއަށް ދިން އިންޒާރަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށާއި މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެދޭ ކަމަށެވެ.

ރާއްޖެ ޓީވީ އާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ.

މީގެ އިތުރުން، އޮކްޓޯބަރު 7، 2013 ގައި ރާއްޖެ ޓީވީގެ މައި ސްޓޭޝަން އެއިރު ހިންގި ތަނުގައި ހުޅު ޖެހި ހާދިސާއަށް މިހާރު 11 އަހަރުވެފައިވާއިރު އަދިވެސް އެ މައްސަލައަށް އިންސާފު ލިބިފައިނުވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

"އެ ދުވަހު ވެސް ރާއްޖެ ޓީވީގެ ހިދުމަތް ދެމުންދިޔަ އިމާރާތުގައި ބަޔަކު ހުޅުޖަހާ ރޯކޮށްލީ ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ކުރިން އެފަދަ ކަމެއް މެދުވެރިދާނެ ކަމަށް ޝައްކުކުރެވޭ ފަދަ މައުލޫމާތުތަކެއް ލިބުމާ ގުޅިގެން ރާއްޖެ ޓީވީގެ ފަރާތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވަނިކޮށް،" ރާއްޖެ ޓީވީއިން ބުނެފައިވެ އެވެ.

ފުލުހުންގެ އިދާރާއަށް އެފަހަރު ހުށަހެޅި މައްސަލައާމެދު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުނު ނަމަ ލިބުނު ގެއްލުން ކުޑަވާނެ ކަމަށް ރާއްޖެ ޓީވީ ގަބޫލުކުރާ ކަމަށް ބުނެ، މައްސަލަ ސީރިއަސްކޮށް ބެލުމަށް އެ ސިޓީގައި ތަކުރާރުކޮށް އެދިފައިވެ އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލިކަމުގެ ދައުވާ ދައުލަތުން ކުރި، ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދެ އަހަރަށް ޖަލަށް ލުމަށް ވަނީ ޑިސެމްބަރު 16، 2021 ގައި ހުކުމް ކޮށްފަ އެވެ.

ރާއްޖެ ޓީވީގެ އިތުރުން، ފިތުނަ އުފައްދާ ހުރިހާ ވަސީލަތެއް އަންދައި އަޅިއަށް ހަދާލަންޖެހޭ ކަމަށާއި އެންމެ ފުރަތަމަ އަންދާލަންޖެހެނީ ޗެނަލް 13 ކަމަށް ބުނެ ވެސް މީހަކު ވަނީ އިންޒާރުދީފަ އެވެ.

ޗެނަލް 13 އަށް އިންޒާރު ދީފައި ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އާދީއްތަ ދުވަހު މީހަކު ދިން އިންޒާރުގެ ހަބަރު ތޭރައޮންލައިންގައި ޝާއިއު ކުރުމުން، އެ ހަބަރުގެ ފޭސްބުކް ޕޯސްޓަށް ކުރި ކޮމެންޓެއްގަ އެވެ.