Advertisement

ގައުމީ ޖޫނިއާ އަންހެން ދެ ޓީމު އައިއެޗްއެފް ޓްރޮފީ އަށް ތައްޔާރުވަނީ

2 މޭ 2023 - 14:36 0

އައިއެޗްއެފް ޓްރެއިނިން އަށް ތައްޔާރުވަމުން އަންނަ ހޭންޑްބޯޅަ ގައުމީ ޓީމު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ޖޫނިއާ އަންހެން ދެ ޓީމު އައިއެޗްއެފް ޓްރޮފީ އަށް ތައްޔާރުވަނީ

2 މޭ 2023 - 14:36 0

ބަންގްލަދޭޝްގައި ބާއްވާ އަންހެން ކުދިންގެ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީ މުބާރާތުގައި ވާދަކުރަން ގައުމީ ޖޫނިއާ އަދި ޔޫތު އަންހެން ޓީމު ތައްޔާރުވެއްޖެ އެވެ.

އަންހެން ކުދިންގެ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން ޓްރޮފީ އޮންނާނީ މި މަހުގެ 13-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެވެ. މުބާރާތުގައި ރާއްޖެއާ އެކު އަށް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ނޭޕާލް، ސްރީ ލަންކާ، އިންޑިއާ، ބޫޓާން، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ޔަމަން އެވެ.

ކޮންމެ ގައުމަކުން ވެސް 17 އަހަރުން ދަށުގެ އަންހެން ޔޫތު ޓީމަކާއި 19 އަހަރުން ދަށުގެ އަންހެން ޖޫނިއާ ޓީމެއް ވާދަކުރާނެ އެވެ.

ރާއްޖޭގެ ގައުމީ ޔޫތު ޓީމު ތައްޔާރުވަމުން އަންނަނީ ކޯޗު ހަސަން ފަހީމްގެ އިރުޝާދުގެ ދަށުންނެވެ. ގައުމީ އަންހެން ޖޫނިއާ ޓީމްގެ ކޯޗަކީ އިސްމާއިލް ޒައިދު އެވެ.

އައިއެޗްއެފް ޓްރޮފީ އަށް ތައްޔާރުވަމުން އަންނަ އަންހެން ހޭންޑްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ފެބްރުއަރީ މަހު އޮތް އިންޓަ ސްކޫލް މުބާރާތުން ފާހަގަކޮށްލެވުނު ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައި ތަމްރީންތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

"މުބާރާތަށް ރެޑީވާން ސްކޫލް މުބާރާތުން އަޅުގަނޑުމެން ޝޯޓްލިސްޓްކުރީ ކުދިން. ދެ އުމުރުފުރާ އަށް ވެސް ގިނަ ކުޅުންތެރިން ނަގައިގެން އޭރުއް ސުރެ ޕްރެކްޓިސް ކުރަމުން މި އައީ. ޓީމު ފައިނަލްކުރީ ވެސް މިދިޔަ މަހު ފަހުކޮޅު. ދެ ޓީމު ވަކިން ކޮންމެ ދުވަހަކުވެސް ތައްޔާރުވަމުން އައީ. ރޯދަމަހުވެސް ޕްރެކްޓިސް ހުއްޓާނުލާ ކުރިއަށް ގެންދިޔައީ" މުޖޭ ވިދާޅުވި އެވެ.

މުޖޭ ވިދާޅުވީ ގައުމީ ސީނިއާ ޓީމަށް ރަނގަޅު ކުޅުންތެރިން ސަޕްލައިކުރަން ބަލާއިރު މި ދެ ޓީމަކީ ރަނގަޅު ބެކްއަޕަކަށް ވާނެ ކަމަށެވެ. އަދި މި މުބާރާތަކީ ހުރިހާ ކުޅުންތެރިންގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތަށްވެފައި، މި މުބާރާތުން ގިނަ ތަޖުރިބާތަކެއް ކުޅުންތެރިންނަށް ލިބޭނެ ކަމަށެވެ.

އައިއެޗްއެފް ޓްރޮފީ މި އަހަރު އަންހެން ކުޅުންތެރިންނަށް އޮންނައިރު، އަންނަ އަހަރު އޮންނާނީ ފިރިހެން ކުޅުންތެރިންނަށް ކަމަށާއި، ފިރިހެން ޓީމްގެ ޖޫނިއާ އަދި ޔޫތު ޓީމްގެ ޕްރެކްޓިސްތައް ވެސް މި އަހަރު ކުރިއަށް ގެންދާނެ ކަމަށް ވެސް ހެންޑްބޯލް އެސޯސިއޭޝަން އިން މައުލޫމާތު ދެ އެވެ.

މުޖޭ ވިދާޅުވީ ޕްލޭނަކާ އެކު މަސައްކަތް ކުރާއިރު، ހޭންޑްބޯލް އެސޯސިއޭޝަންގެ އަމާޒަކީ ޖޫނިއާ ޓީމްތަކުން ވެސް މެޑަލް ހޯދުން ކަމަށެވެ.