Advertisement

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ޝިޒްނާ އާއި ރަފާހާ އަށް

17 ނޮވެންބަރު 2023 - 15:40 0

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ހޯދުމަށް ކޯހުގައި ބައިވެރިވި ރާއްޖޭގެ ހަ ރެފްރީން


އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ޝިޒްނާ އާއި ރަފާހާ އަށް

17 ނޮވެންބަރު 2023 - 15:40 0

އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަން (އޭއެޗްއެފް)ގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ރާއްޖޭގެ އަންހެން ދެ ރެފްރީންކަމަށްވާ ޝިޒްނާ ރަޝީދު (ޝިޒްޓޯ) އާއި ރަފާހާ އިބްރާހިމް އަށް ލިބިއްޖެ އެވެ.

ޝިޒްނާ އާއި ރަފާހާ އަށް އޭއެޗްއެފްގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ލިބުމާ އެކު މި ދެ ރެފްރީންވެފައި ވަނީ ރާއްޖޭގައި އޭޝިއާ ސަރަހައްދުގެ ރެފްރީންގެ މަތީ ފާސް ހޯދި އެންމެ ފުރަތަމަ ދެ ދިވެހި ރެފްރީންނަށެވެ. އަނެއްކޮޅުން، މިއީ މި ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާއިރުވެސް އައިއެޗްއެފް ރެފްރީ ބެޖު ލިބުނު ފުރަތަމަ އަންހެން ދެ ރެފްރީންނެވެ.

މި މަހުގެ 6-16 އަށް ބަހްރެއިންގެ މަނަމާގައި ކުރިއަށްދިޔަ އޭއެޗްއެފްގެ ކޮންޓިނެންޓަލް ރެފްރީސް ބެޖުގެ ކޯހުގައި އޭޝިއާގެ އެކި ގައުމުތަކުން 38 ރެފްރީން ބައިވެރިވި އެވެ. ޕެއާ ގޮތަށް ބައިވެރިވާ މި ކޯހުގައި ރާއްޖެއިން ބައިވެރިވީ ތިން ޕެއާ އެވެ. އެއީ ރަފާހާ އާއި ޝިޒްނާގެ ޕެއާގެ އިތުރުން އަބްދުﷲ ސަމީހު (ޝައްމު) އާއި ޔޫސުފް އަހުޒަމް މުޖުތަބާ (އަހޫ)ގެ ޕެއާގެ އިތުރުން ޝާމިން އިބްރާހިމް އަދި މުހައްމަދު ޝަނީފްގެ ޕެއާ އެވެ.

ކޯހުގައި ބައިވެރިވި ރެފްރީންގެ ތެރެއިން ހުރިހާ އަންހެން ރެފްރީން ވެސް ފާސްވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރަފާހާ އާއި ޝިޒްނާ ހިމެނެ އެވެ. ފިރިހެން ބައިން ކޯހުގައި ބައިވެރިވި 30 ރެފްރީންގެ ތެރެއިން ފާސްވީ 12 ރެފްރީންނެވެ.

އޭއެޗްއެފްގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ކޯހުގައި ބައިވެރިވި 38 ބައިވެރިން، މި ބައިވެރިންގެ ތެރެއިން ކޯހުން ފާސްވެ ބެޖު ލިބުނީ 20 ބައިވެރިންނަށް، އޭގެ ތެރޭގައި ދިވެހި ދެ ރެފްރީއަކު ހިމެނޭ - ފޮޓޯ: އޭއެޗްއެފް


އޭއެޗްއެފްގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ރާއްޖޭގެ ދެ ރެފްރީއަކަށް ލިބުމާ ގުޅޭގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

އޭނާ ވިދާޅުވީ އޭއެޗްއެފްގެ ކޮންޓިނެންޓަލް ރެފްރީސް ބެޖަކީ ފަސޭހައިން ލިބޭ ބެޖެއް ނޫންކަމަށާއި، މި ސަރަހައްދުގެ އޭއެޗްއެފް ފުރަތަމަ ބެޖު ލިބުނު އަންހެން ރެފްރީންނަކީ ރާއްޖޭގެ ރެފްރީންނަށްވުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.

އޭނާ ވަނީ ފިރިހެން ބެޖު ނުލިބުނުކަމުގައި ވިޔަސް މި ކޯހުގައި ބައިވެރިވި ދިވެހި ހަތަރު ފިރިހެން ރެފްރީން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ބަންގްލަދޭޝް ކަހަލަ ގައުމުތަކަކީ ރާއްޖެއާ އަޅާބަލާއިރު ހޭންޑްބޯޅައިގައި ވަރަށް ކުރިއަރާފައިވާ ގައުމުތައް ކަމަށާއި، އެ ގައުމުތަކުން ދުރާލާ ތައްޔާރުވެގެން މި ކޯހަށް ދިޔަ ރެފްރީންނަށްވެސް ބެޖު ނުލިބުމަކީ މި ކޯހުގެ އިވެލުއޭޝަން ވަރުގަދަކަމުގެ ހެއްކެއް ކަމަށެވެ.

"މީގަ ފިރިހެން އިވެލުއޭޝަން ވަރަށް ވަރުގަދަކޮށް މި ފެނުނީ. ބަހްރެއިންގެ ބައެއް ރެފްރީން ތިން ވަނަ ފަހަރަށް މި ކޯސް ފުރިހަމަކުރަން އެޓެމްޕްޓް އެކުރީ. ބަންގްލަދޭޝް އިން ވަރަށް ދުވަސްވެއްޖެ އެ ދެ ރެފްރީން ތަމްރީންކުރަމުން އަންނަތާ. އެމީހުންނަށް ވެސް ނުލިބޭ ބެޖު. އެހެންވީމަ ދިވެހި ފިރިހެން ރެފްރީންނަށްވެސް މިއީ ކިހާ ބޮޑު ޗެލެންޖެއްކަން ވަޒަންކުރެވޭ" އޭނާ ވިދާޅުވި އެވެ.

މުޖޭ ވިދާޅުވީ ޝިޒްނާ އަދި ރަފާހާ އަށް މި ލިބުނު ކާމިޔާބާ އެކު ސަރަހައްދީ ލެވެލްގައި ރަނގަޅު ފުރުސަތުތަކެއް ރާއްޖެ އަށް ލިބޭނެ ކަމަށެވެ. އަދި އޭޝިއާ ސަރަހައްދުގެ މުބާރާތްތަކުން މި ދެ ރެފްރީންނަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.