Advertisement

އިޓްލޮސްގެ ނިންމުމާއެކު މަސްވެރިންނަށް ދެން ދެވޭނީ ކިހައި ހިސާބަކަށް؟

2 މޭ 2023 - 09:17 0


އިޓްލޮސްގެ ނިންމުމާއެކު މަސްވެރިންނަށް ދެން ދެވޭނީ ކިހައި ހިސާބަކަށް؟

2 މޭ 2023 - 09:17 0

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެންފެށި ވޭލާއެއް ކަނޑައެޅިގެން ބުނާކަށް ނޭނގެ އެވެ. އެހެނަސް ދިވެހި ތާރީހުގެ އެންމެ ހިމަކޮޅަށް ފީނައިލުމުން ވެސް ދިވެހީންނަކީ އަބަދުވެސް ކަނޑަށް ފަރިތަ، މަސްވެރި ބައެއްކަން އެނގެ އެވެ.

އަހަރުމެންގެ ކާބަފައިންނަކީ އަވައްޓެރި ބަންގާޅަށާއި އޮޅުދޫކަރައަށް ބޮޑެތި ބަނޑު އޮޑިފަހަރުގައި އާންމުކޮށް ދަތުރުކޮށް އުޅުނު ބައެކެވެ. އެއީ ދިވެހި ރުކުންނާއި ކަނޑުން ލިބޭ ރޯދި ބަރާކޮށްގެންނެވެ. އެ ޒަމާނުގައި މަސްވެރިކަން ކޮށްއުޅުނީ ދަތި ހާލުގަ އެވެ. އެމީހުން ދަތުރު ކުރީ ވައިޖެހޭ މޫސުމުގައި ހަތަރެސްކަން ފަން ރިޔަލުގަ އެވެ. ވައިވަރުނުވާ ނަމަ، ދިހަ ފަލީގެ ދޯނީފަހަރުގަ އެވެ.

އެޒަމާނުގައި މަސްވެރިކަމަށް މާދުރަށް ނިކުމެ ނޫޅުނެއް ކަމަކު، ހަމައެކަނި ފަލި ޖަހާފައި ވެސް އަތޮޅު އޮބާ ހިސާބަށް މަސްވެރިން ދާކަމަށްވެ އެވެ. ޒަމާނަށް އައި ކުރިއެރުމާ އެކު އޮނަވިހި ވަނަ ގަރުނުގެ ފަހުކޮޅު ފޮތި ކަތިރިޔަލުގައި ވެސް މަސްވެރިން މާކަނޑަށް ނުކުމެ މަސްވެރިކަން ކޮށް އުޅުނެވެ. އެއަށްފަހު އިންޖީނު އެޅި އޮޑިފަހަރުގައި ހިކިފަހުން ފެށިގެން އެތައް މޭލެއްގެ ބޭރަށް ދިވެހީން މަސްވެރިކަމު ނުކުންނަން ފެށި އެވެ. އެއާއެކު ދިވެހި މަސްވެރިކަމަށް ބޮޑު އިންގިލާބެއް އަންނަން ފެށި އެވެ.

އިންޖީނުއެޅި އޮޑިދޯނިފަހަރާ އެކު މަސްވެރިކަމުގެ އާ ބާބެއް ލިޔެވެން ފެށުނެއްކަމަކު އަހަރުމެންގެ ކާބަފައިންނަށް ކުރީން ދިމާނުވާ ބޮޑެތި މައްސަލަތަކެއް ދިމާވަމުންދިޔަ އެވެ. އެއީ ރައްޖޭގެ އުތުރާއި ދެކުނުން، ބޭރަށް މަސްވެރިކަމަށް ނުކުންނަ އޮޑިދޯނިފަހަރަށް ރާއްޖޭގެ އިން ފަހަނައަޅައި ދެވުމާއި ރާއްޖޭގެ އިމުގެ ތެރެއަށް މަސްބާނައި ދާއަޅަން ވަގަށް ވަންނަ މަސް ބޯޓުތަކުގެ މައްސަލަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަންނަ މަސް ބޯޓުފަހަރު އަތުލައިގަތުމުގައި ދިފާއީ ބާރުގެ ދުރުމީއަކަށް އަބަދުވެސް ވެފައި އޮންނަނީ ދިވެހި މަސްވެރީންނެވެ. އެހެނަސް އެ މަސްވެރީންނަށް ވެސް ރާއްޖޭގެ އިން ފަހަނަ އަޅައި އުތުރުންނާއި ދެކުނުން ބޭރުވެވޭއިރު ނޭނގެ އެވެ. އެގޮތަށް އެހެން ގައުމުތަކުން ބަލަހައްޓާ ސަރަހައްދުތަކަށް ވެދެ މަސްވެރިކަން ކުރަން އުޅެގެން މީގެ ކުރިން ރާއްޖޭގެ ދޯނިފަހަރަށް ބޭރުގެ ސިފައިން އިންޒާރު ދީފައި ވެސް ވެއެވެ. ބައެއްފަހަރު، ހަތިޔާރާ އެކު ދޯންޏަށް އަރައި ބަލައި ފާސްކޮށްފައި ވެސް އެބަހުއްޓެވެ.

އެފަދަ ކަންކަން މީގެ ކުރިން ހިނގައި ދިއުމުން، ގައުމީ ދިފާއީ ބާރުން ތަކުރާރު ކުރާ އެއް ވާހަކައަކީ ރާއްޖޭގެ އިމަކީ ކޮބައިކަން މަސްވެރިންނަށް ރަނގަޅަށް އެނގިފައި ނޯންނަ ވާހަކައާއި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އަމަލު ކުރަންޖެހޭ ގޮތް އެމީހުންނަށް އެނގިފައި ނޯންނަ ވާހަކަ އެވެ. އެވާހަކައެއް ތަކުރާރު ކުރަމުން ގޮސް އެކިފަހަރު މަތީން އެފަދަ ތަފާތު އެކި ކަންކަން ހިނގައި އެކަމަށް ގިނަ މަސްވެރިން އަހުލުވެރިވީ އެވެ.

އިޓްލޮސްއިން ނިންމި ނިންމުމުގައި ވާގޮތުން ރާއްޖޭގެ ސަރަހައްދުން އެންމެ ބޭރަށް ދެވޭން ހިސާބު ދައްކައިދޭ ޗާޓެއް -- ފޮޓޯ: ރައްޔާން މުހައްމަދު / އަދަދު


ނަމަވެސް ހުސްވި ހަފުތާގައި ހަފުތާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާފައިވާ ސަރަހައްދު ބަހައި، އިން ކަނޑައެޅުމާ އެކު މަސްވެރިންގެ ހިތްތަކުގައި އަނެއްކާވެސް ވަނީ އެ މައުލޫގައި އިތުރު ސުވާލުތަކެއް އުފެދިފަ އެވެ. ރާއްޖެއާ ޗާގޯސްއާ ދެމެދު ފުށުއަރާފައި އޮތް ސަރަހައްދުގެ އިން ކަނޑައެޅުމުން، މިހާރު އެދިމާލުން އެންމެ ބޭރަށް މަސްވެރިކަމަށް އޮޑިދޯނިފަހަރަށް ނުކުމެވޭނީ ކިހައި ހިސާބަކަށްތޯ އާއި އައްޑޫއިން ފެށިގެން ރާއްޖޭގެ އިމާ ދޭތެރޭގައި ހުންނާނީ ކިހައި ދުރުމިނެއްތޯ އަހައި ކުރާ ސުވާލެވެ.

މީގެ ކުރިން ހުވަދު އާއި އައްޑޫ ދޯނިފަހަރު އެދިމާލުން 90 މޭލު ބޭރުން މަސްވެރިކަން ކޮށްގެން ވެސް އަސްކަރީ މަނަވަރުތަކުން އިންޒާރު ދީފައިވެ އެވެ. އެއީ އިން ވަކި ނުކުރާއިރު އެވެ. އެހެނަސް އިން ވަކި ކުރުމާ އެކު މަސްވެރިންގެ އެ ސުވާލުތައް ވަނީ ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލާފަ އެވެ.

އިން ވަކި ކުރުމާ ގުޅިގެން ދައްކަންޖެހޭ ވާހަކަ އެއްފަރާތުގައި ބާއްވާފައި ހުރިހާ މީޑިއާތަކާއި ސިޔާސީ ވެރިންގެ މެދުގައި ވެސް ބަދަލު ކުރެވެމުންދިޔައީ ކަނޑައެޅުުނު އިމުގެ ވާހަކައަށްވުރެ ބޮޑަށް ޗާގޯސްގެ މިލްކުވެރިކަމާ ބެހޭ ވާހަކަތަކެވެ. މަސްވެރިންގެ ހިތުގައި އުފެދިގެން އުޅޭ ސުވާލުތަކުގެ ޖަވާބު އޮތީ ނުލިބި އެވެ.

އިޓްލޮސްގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޝަރީއަތުގައި އިން ކަނޑައަޅާފައި ވަނީ ރާއްޖޭން ހުށަހެޅި ގޮތަށެވެ. ގިނަ ބަޔަކު ވަކާލާތު ކުރާ ގޮތާ ހިލާފަށް ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އުނި ނުވާ ގޮތަށެވެ. މޮރިޝަސްއިން ހުށަހެޅި ގޮތާ ހިލާފަށް ބޭސްލައިން ދަމާފައިވަނީ ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ބްލެންހެމް ރީފްއަށް ބަލައިގެނެއް ނޫނެވެ. އެ ނިންމުމާ އެކު ރާއްޖެއަށް ވަނީ 4،600 އަކަކިލޯމީޓަރުގެ ސަރަހައްދެއް ލިޔުމުން ވަނީ ކަށަވަރުވެފަ އެވެ.

އިޓްލޮސްގެ އެ ނިންމުމާ އެއްގޮތަށް ރާއްޖެ އާއި މޮރިޝަސްގެ ސަރަހައްދީ އިން ކަނޑައެޅިގެން ދިޔުމުން މިހާރު ދެކުނުގެ މަސްވެރިންނަށް އައްޑޫއިން ފުރައިގެން އެންމެ ދުރަށް ދެވޭނީ 188 މޭލަށެވެ. ސަރަހައްދީ ރޮނގު އައްޑޫއާ އެންމެ ކައިރި ވާ ދިމާލުން ވެސް 142 މޭލު ބޭރުން އެއްވެސް ބިރެއް ނެތި މަސްވެރިކަން ކުރެވޭނެ އެވެ.

އެހެންކަމުން މީގެ ކުރިން އެ ސަރަހައްދުގެ މަސްވެރިންނަށް އިނގިރޭސި މަނަވަރުތަކުން އައްޑޫއިން ފެށިގެން 160 މޭލާއި 90 މޭލާ ދެމެދުގައި މަސްވެރިކަން ކުރުމުން ދެމުން އައި އިންޒާރުތައް މިހާރު ނުލިބޭނެ އެވެ. މީގެ ކުރިން އެއީ ފުށުއަރާ ސަރަހައްދެއްގެ ގޮތުގައި އޮތް ނަމަވެސް މިހާރު އެވަނީ ސަރަހައްދީ އިން ކަނޑައެޅިފަ އެވެ. އެހެންކަމުން އެކަމަށް ދެކުނުގެ މަސްވެރިން އަހުލުވެރިވުން މުހިންމެވެ.

ދިވެހީންގެ މަސްވެރިކަމަށް އައި ކުރިއެރުމާ އެކު ރަށަށް ނައިސް، މަސްވެރިކަމުގައި އެތައް ދުވަހެއް ހޭދަކުރާ މަސްދޯނިފަހަރަށް މިހާރު އެ ދިމާލުން ބޭރަށް ނުކުމެ މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިވެގެންދިޔުމާއެކު އަހަރުމެންނަށް އޮތީ ކާބަފައިންނެކޭ އެއްގޮތަށް ކަނޑަށް ފަރިތަވެލުމެވެ. ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އަތޮޅު އޮބާ ހިސާބު ބެލުމުގެ ބަދަލުގައި ރާއްޖޭގެ އިން ރަނގަޅަށް ދެނެގަތުމެވެ.