24 އޭޕްރީލް 2023 - 16:01 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ
24 އޭޕްރީލް 2023 - 16:01 0
ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ކޮތަޅުން ފީއެއް ނަގަން ފެށުމުން ރައްޔިތުންގެ ތެރެއިން ގިނަ މީހުން ކަންބޮޑުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ނަޝީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ކަންތަކަކީ "އެޑްރެސް ކުރަން ޖެހޭ މައްސަލައެއް" ކަމަށް މަދު ބޭފުޅުންކޮޅަކަށް ފެނިވަޑައިގެންނެވީ ސޯޝަލް މީޑިއާގައި މީހުން ޖެހި ދެތިން ޕޯސްޓެއް ފެނިވަޑައިގެންނެވުމުން ކަމަށެވެެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އިންތިހާބުވީ ޕްލާސްޓިކް މަދުކުރަން ބޮޑު މަސައްކަތެއް ކުރަން ރައްޔިތުންގެ ގާތުގައި ވައުދުވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ މަސައްކަތް ތިޔަ ބޭފުޅުން ކުރައްވާ އިރުގައި، އާދެ، ނުރުހުންވާ ފަރާތްތަކެއް ވެސް ހުރެދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް ކަމެއް ހުއްޓުވަން އޮންނަނަނީ ދެގޮތެއް ކަމަށާއި އެއް ގޮތަކީ ޓެކްސް އެއް ނުވަތަ ފީއެއް ނެގުން ކަމަށާއި މިހާރު ގާނޫނު އޮތީ އުގޫބާތެއް ކަނޑަނާޅައި ޓެކުހެއް ނުވަތަ ފީއެއް ނަގައިގެން ކުރިއަށް ގެންދެވޭ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު އިންކާރެއް ނުކުރާނެ ބާޒާރަށް ދަމުން ކޮތަޅެއް ހިފައިގެން ދާކަށް. އެއީކީ އެއް މިރާއްޖޭގައި އެކަނި މީހުން ކުރާ ކަމެއް ނޫން. އަދި އެ ކޮތަޅު ގިނައިގިނައިން ބޭނުންކުރުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަކަށް ދިރިއުޅުމަށް ތަކުލީފަކަށް ވެގެނެއެއް ނުދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެހެންވީމާ ކޮތަޅުން ފީނެގުމަކީ މައްސަލައެއް އޮތް ކަމެއް ކަމަށް ދެކެވެޑައި ނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވަނީ އެއް ފަހަރު ބޭނުންކޮށް އުކާލާ ކަމަށް ފާހަގަވެފައިވާ ޕްލާސްޓިކުގެ 85 ބާވަތެއް 2023 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ބޭނުން ކުރުން ހުއްޓާލުމެވެ. އެއް ފަހަރު ބޭނުން ކުރާ ޕްލާސްޓިކު ރާއްޖޭގައި މަނާ ކުރާނެކަން އިއުލާނު ކުރެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި އދ. 74 ވަނަ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ސެޕްޓެމްބަރު، 2019 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment