Advertisement

ޓައިވާންގެ ހާލަތާ މެދު ފިލިޕީންސްއިން ކަންބޮޑުވުން ފާޅުކޮށްފި

23 އޭޕްރީލް 2023 - 07:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ފޮރިން މިނިސްޓަރު އަދި ފިލިޕީންސްގެ ފޮރިން މިނިސްޓަރު. -- ފޮޓޯ: އޭއެފްޕީ


ޓައިވާންގެ ހާލަތާ މެދު ފިލިޕީންސްއިން ކަންބޮޑުވުން ފާޅުކޮށްފި

23 އޭޕްރީލް 2023 - 07:45 0

މެނީލާ، ފިލިޕީންސް (އެޕްރީލް 22) - ޓައިވާންގެ މަޝްރަހު ގޯސްވަމުންދާ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ފޮރިން މިނިސްޓަރު އެންރީކޭ މަނާލޯ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަނާލޯ މިހާރު ޗައިނާއަށް ކުރައްވަމުންދާ ދަތުރުގައި ހޮނިހިރު ދުވަހު ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގާންގްއާ ބައްދަލުކުރައްވައި ވިދާޅުވީ "ވަން ޗައިނާ" ސިޔާސަތު" ބަލައިގަންނަ ކަމަށެވެ.

ޓައިވާނަކީ ޗައިނާގެ ބަޔެއްގެ ކަމެއް ޗައިނާއިން ބުނެ އެވެ. އެކަމަކު ޓައިވާނުގައި އޮންނަނީ ވަކި ސަރުކާރެކެވެ. ޗައިނާގެ ބަޔެއްގެ ގޮތުގައި ޓައިވާން ބާއްވަން ބާރުގެ ބޭނުން ކުރާނެ ކަމަށް ޗައިނާއިން ބުނެ އެވެ.

އެ ބައްދަލުވުމުގައި ޗިން ވިދާޅުވީ ޗައިނާ އާއި ފިލިޕީންސްއަކީ ގާތް އަވައްޓެރިން ކަމަށެވެ. ގުޅުން ވަރުގަދަވުމުން ދެ ގައުމަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ޝަންހާއީގައި އޮތް ފޯރަމެއްގައި ޗިން ވިދާޅުވީ ސަރަހައްދީ ހަމަޖެހުން ގެއްލެނީ ޗައިނާގެ ސަބަބުން ކަމަށް ތުހުމަތު ކުރާ ނަމަ ނަތީޖާ ގޯސްވާނެ ކަމަށެވެ.

"އެފަދަ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތި ތާރީހީ އިންސާފާ ދެކޮޅަށް ކުރާ ތުހުމަތުތަކެއް،" އޭނާ ވިދާޅުވި އެވެ.

ޗައިނާއިން ދާދި ފަހުން ވަނީ ޓައިވާން ވަށާލައި އަސްކަރީ ތަމްރީންތަކެއް ހިންގައިފަ އެވެ. އެއީ ޓައިވާންގެ ރައީސް ސާއީ އިންގް ވެން އާއި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކްކާތީ ބައްދަލުކުރެއްވުމުން ރައްދުގައި ހިންގި ތަމްރީނެކެވެ.

ޓައިވާންގެ ހާލަތާ މެދު ފިލިޕީންސްއިން ކަންބޮޑުވުން ފާޅުކުރި އިރު، ދެކުނު ޗައިނާ ކަނޑުގެ މައްސަލައެއްގައި ޗައިނާ އާއި ފިލިޕީންސްގެ ހިޔާލު ތަފާތުވުން އޮވެ އެވެ.