Advertisement

ކޯޓުން އެންގުމުން ޔުވެންޓަސް އަތުން އަތުލި 15 ޕޮއިންޓް އަލުން ދީފި

21 އޭޕްރީލް 2023 - 05:48 0


ކޯޓުން އެންގުމުން ޔުވެންޓަސް އަތުން އަތުލި 15 ޕޮއިންޓް އަލުން ދީފި

21 އޭޕްރީލް 2023 - 05:48 0

މިލާން (އޭޕްރީލް 21) - އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ ޔުވެންޓަސް އަތުން މީގެ ތިން މަހެއްހާ ދުވަސް ކުރިން އުނިކުރި 15 ޕޮއިންޓް، އަލުން ދޭން އިޓަލީގެ ކުޅިވަރު ކަންތައްތަކާ ބެހޭ މަތީ ކޯޓުން އެންގި އެންގުމާ އެއްގޮތަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އަމަލުކުރަން ނިންމައިފި އެވެ.

ޔުވެންޓަސްގެ ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުމާއި ކްލަބްގެ މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އޮޅުވާލާފައިވާ މައްސަލަތަކުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބެލި މައްސަލައިގައި ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކުރީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

އިޓަލީގެ ކުޅިވަރުގެ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޯޓުގައި ޔުވެންޓަސް އިން ކުރި އެޕީލްގެ މައްސަލަ ކާމިޔާބުވެ، މައްސަަލަ އަލުން ބަލަން އެންގުމާ އެކު، ކޯޓުން އިއްޔެ އަންގާފައިވަނީ މައްސަަލައިގެ އަޑުއެހުންތައް ފަށައިގެން ނިމުމަކާ ހަމައަށްދިއުމަށް ދާންދެން، ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފައި ނުބޭއްވޭނެ ކަމަށެވެ.

ކޯޓުގެ އެންގުމާ އެއްގޮތަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ކަންކަން ކުރަން ފެށުމާ އެކު، ލީގުގެ ހަތް ވަނައިގައި އޮތް ޔުވެންޓަސް އަތުން އަތުލި 15 ޕޮއިންޓް ލިބިފަ އެވެ. އޭގެ ނަތީޖާ އަކަށްވާ ޔުވެންޓަސް ލީގު ތާވަލުގެ ތިން ވަނަ އަށް ޖެހިލުމެވެ. ޖެނުއަރީ މަހު ދިން އަދަބާ އެކު، ޔުވެންޓަސް ވެއްޓުނީ ލީގުގެ 10 ވަނަ އަށެވެ.

ކޯޓުން ޔުވެންޓަސް މައްސަލައިގައި އެޕީލް ބަލައިގަންނަން ނިންމި އެންމެ ބޮޑު ސަބަބަކީ ގަވާއިދުގައި ބުނާގޮތުން ޔުވެންޓަސް އަށް ދޭން ޖެހޭނީ ނުވަ ޕޮއިންޓް އުނިކުރާ ގޮތަށް ދެވޭ އަދަބެކެވެ. އަދި 15 ޕޮއިންޓް އުނިކުރަން ނިންމި ނިންމުމުގައި މުރާޖާ ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާ އެކު، ކޯޓުން އެންގީ އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ރަނގަޅަށް މައްސަަލަ ބަލައި ގޮތެއް ކަނޑައެޅުމަށެވެ.

ބަަލަމުން އަންނަ މައްސަލަ އަށް ބަލާއިރު، ޔުވެންޓަސް އިން، 2019 އާއި 2021 އާ ދެމެދު ހަދާފައިވާ ބައެއް ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވި، ބެލި ބެލުމުގައި ފާހަގަވީ ޓްރާންސްފާތަކަށް ފަހު، ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ތެރެއިން އެ ކުޅުންތެރިންގެ އިމޭޖްރައިޓްސް އިން ލިބޭ އާމްދަނީ އޮޅުވާލާފައިވާ ކަމެވެ.

އަދި އިޓަލީގެ ސްޓޮކް އެކްްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ޔުވެންޓަސް އިން އިންވެސްޓަަރުންނަށް މާލީ ހިސާބުތައް އޮޅުވާލާފައި، ނުހިނގާ ޓްރާންސެކްޝަންތަކެއްގެ އިންވޮއިސްތަކެއް ވެސް ހަދާފައިވާ ކަމަށް އޭރު ތަހުގީގަށް ސާބިތުވެފައިވެ އެވެ.

ޖެނުއަރީ މަހު، ޔުވެންޓަސްގެ މައްޗަށް އެޅި އިތުރު ފިޔަވަޅުތަކަށް ބަލާއިރު، އެ ކްލަބްގެ މިހާރުގެ ސްޕޯޓިން ޑިރެކްޓަރު، ފެޑެރީކޯ ޗެރުބީނީ ވަނީ 16 މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އަދި ޔުވެންޓަސްގެ ކުރީގެ ރައީސް އަންދްރެއާ އަގްނެލީ އާއި ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މައުރީޒިއޯ އަރިވަބީނޭ ދެ އަހަރަށް ސަސްޕެންޑްކުރުމާއި ކުރީގެ ސްޕޯޓިން ޑިރެކްޓަރު، ފަބިއޯ ޕަރަޓީޗީ، 30 މަހަށް ސަސްޕެންޑްކުރުމުގެ އިތުރުން ކުރީގެ ނައިބު ރައީސް، ޕަވެލް ނެޑްވެޑް އަށް މަސް ދުވަހަށް ސަސްޕެންޑް ކުރުން ހިމެނެ އެވެ. ޕަރަޓީޗީ މި ވަގުތު ހުރީ ޓޮޓެންހަމްގެ ސްޕޯޓިން ޑިރެކްޓަރަކަށެވެ.

ޔުވެންޓަސްގެ ކުރީގެ ބޯޑު މެމްބަރުން ސަސްޕެންޝަނުން ސަލާމަތްވާން ކުރި އެޕީލް ކާމިޔާބުވެފައިނުވެ އެވެ.