Advertisement

ދައުލަތުގެ ބަޖެޓު ހަތަރުގުނަ، އެކަމަކު ޖީބު ހަތަރުގުނައެއް ނުވޭ؟

19 އޭޕްރީލް 2023 - 09:59 0

އަބްދުﷲ ޝަހީދު

އަބްދުﷲ ޝަހީދު

-- އާޓްވޯކް: މުހައްމަދު ރައްޔާނު (ރައިޑޭ) / އަދަދު


ދައުލަތުގެ ބަޖެޓު ހަތަރުގުނަ، އެކަމަކު ޖީބު ހަތަރުގުނައެއް ނުވޭ؟

19 އޭޕްރީލް 2023 - 09:59 0

މިއަހަރުގެ ކުރީކޮޅު ވަރަށް ގިނައިން އަޑުއިވުނު ވާހަކައެކެވެ. ދައުލަތުގެ ބަޖެޓު 2008 އިން ފެށިގެން 2023 އާއި ހަމައަށް އައިއިރު ހަތަރުގުނަވި ވާހަކައެވެ. އެކަމަކު އާންމު ރައްޔިތުމީހާގެ އާމްދަނީ ހަތަރުގުނަ ނުވާ ވާހަކައެވެ. އާންމު ބަހުރުވައިން 'ބަޖެޓް' ކިޔަނީ ކަމަކަށް ޖުމްލަ ހަރަދުކުރުމަށް ގަސްދުކުރާ އަދަދަށެވެ. ދައުލަތުގެ ބަޖެޓަކީ ސަރުކާރުން އެފެށޭ ފިސްކަލް އަހަރަކަށް، ދައުލަތް ހިންގުމަށާއި ގައުމުގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރަން ކަނޑައަޅާފައިވާ އަދަދަކަށް ކިޔާ ނަމެކެވެ. މި މަޝްރޫއުތައް ގުޅެނީ އެ ސަރުކާރެއްގެ މެނިފެސްޓޯއާއިއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަދަދު ގެންނައިރު މިއާއި އެކީގައި މިއަދަދަށް ހަރަދުކުރުމަށް ފައިސާހޯދަން ރާވާފައިވާ ގޮތާއި، މިއަދަދަށް އެކިއެކި މަޝްރޫއުތަކަށް ހަރަދުކުރުމުން ގައުމަށް އަންނާނެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ވާހަކަ ތަފްސީލުކޮށްދެއެވެ. މިތަފްސީލުތައް ހިމެނެނީ ބަޖެޓު ފޮތުގައެވެ.


ނޯޓު: ދިގު ރަތް ރޮނގުބުރިތައް ފާހަގަކޮށްދެނީ 2008 ވަނަ އަހަރާއި 2023 ވަނަ އަހަރެވެ.


މަތީގައިވާ ޗާޓުން އެފެންނަނީ ވޭތުވެދިޔަ 23 އަހަރުތެރޭގައި ދައުލަތުގެ ބަޖެޓް ބޮޑުވަމުންއައި ގޮތެވެ. 2004 ވަނަ އަހަރާއި ހަމައަށް ދައުލަތުގެ އާމްދަނީއާއި ހަރަދު ވަނީ ދާދި އެއްމިންގަނޑެއްގައި ހިފެހެއްޓިފައެވެ. އެކަމަކު 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު ބަޖެޓުގެ އާމްދަނީއާއި ހަރަދުގެ ދެކަފިވުން ބޮޑުވާތަން ފެންނަން ފަށައެވެ. މިދުވަސްކޮޅަކީ ރާއްޖެއަށް ސިޔާސީ ހަލަބޮލިކަންވެސް ބޮޑު ދުވަސްވަރެކެވެ. ރައްޔިތުންގެ ޑިމާންޑްތައްވެސް ދިޔައީ ގިނަވަމުންނެވެ. އެއަށްފަހު ދެން އެންމެ ބޮޑު ލޮޅުމެއް ބަޖެޓަށް އައިސްފައިވަނީ 2008 ގައި ދުނިޔެއަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްގައެވެ. އެކަމުން އަރައިގަނެ، 2015 ވަނަ އަހަރާއި ހަމައަށް އައިއިރު ލިބޭ އާމްދަނީއާއި ކުރާ ހަރަދުގެ ފަރަގު ކޮންމެވެސް ވަރަކަށް ކުޑަވިއެވެ.

އެކަމަކު މާގިނަ ދުވަސްތަކެއްނުވެ 2016 ހިސާބުގައި ފެށުނު ބިޔަ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތަކުގެ ސަބަބުން ހަރަދުތައް ވަރަށް ބޮޑުވެގެން ދިޔައެވެ. އެއަށްފަހު އެންމެ ފަހުން އިހުސާސްވާފަދަ ބޮޑު ބަދަލެއް އައީ 2020 ވަނަ އަހަރުގެ ޕެންޑެމިކާއި ވިދިގެންނެވެ. ޖުމްލަކޮށް ބަލާއިރު، ވޭތުވެދިޔަ 23 އަހަރުތެރޭގައިވެސް އެވްރެޖްކޮށް ބަޖެޓުގެ 70 އިންސައްތައާއި ހަމައަށް ވަނީ ދައުލަތަށް ލިބޭ އާމްދަނީ އިން ދެކޮޅުޖެއްސިފައެވެ. 70 އިންސައްތައަށްވުރެ ދަށަށް ގޮސްފައިވަނީ އެންމެ ތިން ފަހަރެއް (ޕީރިއަޑް) ގައެވެ. އެއީ ސަރުކާރުގެ ކޮންޓްރޯލުން ބޭރުން ދިމާވިކަމެއްގެ ސަބަބުން ބަޖެޓަށް އެނގުންވީ ފަހަރުތަކުގައެވެ. އެ ތިން 'ޕީރިއަޑް' ގުޅެނީ ކުރިންވެސް ދެންނެވިފަދައިން މި ހާދިސާ/ކާރިސާ ތަކާއެވެ.


މިއިން ކޮންމެ މުއްދަތެއްގައިވެސް ލިބޭ އާމްދަނީއިން ބަޖެޓު ހަމަޖެއްސޭ މިންވަރު 70 އިންސައްތައަށްވުރެ ތިރިވިއެވެ. އެންމެ ބޮޑަށް ތިރިވީ 2009 ވަނަ އަހަރާއި 2020 ވަނަ އަހަރުގައެވެ. އެ ދެފަހަރުގައިވެސް ލިބޭ އާމްދަނީއިން ބަޖެޓު ހަމަޖެއްސޭ މިންވަރު ވަނީ 50 އިންސައްތައަށްވުރެ ދަށަށް ގޮސްފައެވެ.

އެކި ސަރުކާރުތަކުގައި ދައުލަތުގެ އާމްދަނީއާއި ހަރަދު

އެކި ސަރުކާރުތަކުން އާމްދަނީ އިން ހަރަދު ހަމަޖެއްސި މިންވަރަށްވެސް ބަލާލާނަމެވެ. މިއަދަދުތައް ނެގިއިރު ބަލާފައި ހުންނާނީ ކޮންމެ އަހަރެއްވެސް 'އެކްޗުއަލް' އެންމެ ފަހުން ހިމަނާފައިވާ ބަޖެޓުފޮތުގައި ހުރި އަދަދަށެވެ. މިސާލަކަށް 2014 ވަނަ އަހަރުގެ 'އެކްޗުއަލް' ހިމަނާފައިވަނީ 2016 ވަނަ އަހަރުގެ ބަޖެޓު ފޮތުގައެވެ. އަދި 2015 ގެ 'އެކްޗުއަލް' ހިމަނާފައިވަނީ 2017 ގެ ބަޖެޓު ފޮތުގައެވެ. ދެން މިދިޔަ އަހަރުގެ (2022) ގެ 'އެކްޗުއަލް' ހިމަނާނީ 2024 ގެ ބަޖެޓު ފޮތުގައެވެ. ބަޖެޓު ފޮތުން މި އަދަދުތައް ނެގީ މަޖިލީހަށް ހުށަހަޅާ 'އެކްޗުއަލް' އަކީ އެންމެ ފަހުގެ އަދަދުތައްކަމަށް ބަލައިގެންނެވެ. 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އަދަދުތައް އެއީ އެންމެ ފަހު އަދަދުތަކެއް ނޫނެވެ. އެކަމަކު ލިބެންހުރި އަންދާސީ ހިސާބެއްގެ މައްޗަށް ބިނާކޮށް މި ޓޭބަލް އެކުލަވާލީމެވެ.


ހަގީގަތުގަތިވެސް ބަޖެޓު ހަތަރުގުނަ ވެއްޖެތަ؟


2008 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.9 ބިލިއަން ރުފިޔާއެވެ. އެއަހަރު ބަޖެޓަކީ 10.1 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު ދައުލަތަށް ލިބުނު ކަމަށް ދައްކަނީ 25 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުގެގޮތުގައި 39.9 ބިލިއަން ރުފިޔާ ހޭދަކުރެވުނު ކަމަށްވެސް ހިސާބުތައް ދައްކައެވެ. ހިނގަމުން މިދާ 2023 ވަނައަހަރަށް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ 28.68 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުކުރެވޭނެ ކަމަށް އަންދާޒާކުރަނީ 40.7 ބިލިއަން ރުފިޔާއެވެ. މިއަދަދުތަކުން ވަރަށް ސާފުކޮށް ކުރީގައި މިދެންނެވި 2008 ވަނަ އަހަރުގެ އާމްދަނީއާއި ހަރަދު ހަތަރުގުނަ ވާތަން ހިސާބުން އެބަފެނެއެވެ.

މިއީ 2008 އިން 2023 އަށް ބަޖެޓު ގުނަވެފައިވާ މިންވަރު


މި އަދަދުތަކަށް ބަލާފައި ދައުލަތުގެ ބަޖެޓް ހަތަރުގުނަ ވެއްޖެކަމަށް ދެންނެވިދާނެތޯއެވެ؟

ވޭރުވެދިޔަ 15 އަހަރުތެރޭގައި އިންފްލޭޝަނަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހިތަށްއަރާ ސުވާލަކީ 2008 ވަނަ އަހަރު 1 ރުފިޔާއަށް ގަތް މެޓާޕެކެޓު 2023 ވަނަ އަހަރުގައިވެސް ހަމަ އެއަގަށް ލިބޭތޯއެވެ؟ ޖަވާބަކީ ނޫނެކެވެ. މިހާރު އެމެޓާ ޕެކެޓު ލިބޭނީ ފަހަރުގައި 1.50 ރުފިޔާއަށެވެ. 2008 ވަނަ އަހަރު 30 މިލިއަން ރުފިޔާއަށް ހެދުނު ވަކި ސައިޒެއްގެ ބަނދަރެއް 2023 ވަނަ އަހަރު ހަމަ އެއަގަށް ހެދޭނެތޯއެވެ؟ އެއީ އަގުތައް މިހާރު މައްޗަށް ޖެހިފައިވާތީއެވެ. އެހެން ކަމަށްވެއްޖެއްޔާ ކުރީގައި ލިބުނު އާމްދަނީއާއި މިހާރު ލިބޭ އާމްދަނީ އެންމެ ރަނގަޅަށް އަޅާކިޔޭނީ ކިހިނެއްތޯއެވެ؟ މިކަން ދެގޮތަކަށް ކުރެވިދާނެއެވެ. ފުރަތަމަ ގޮތަކީ މިއަދު މި ހަތަރުގުނަ ވެގެން އުޅޭ 40 ބިލިއަން ރުފިޔާގެ ބަޖެޓް، އިންފްލޭޝަނަށް އެޖަސްޓްކޮށްފައި 2008 ވަނަ އަހަރުގެ އަގަށް ބަދަލުކުރުމެވެ. ދެވަނަ ގޮތަކީ 2008 ވަނަ އަހަރުގެ 10 ބިލިއަން ރުފިޔާގެ ބަޖެޓު އިންފްލޭޝަނަށް އެޖަސްޓްކޮށްފައި މިއަދުގެ އަގަށް ބަދަލުކުރުމެވެ. އަޅުގަނޑު މިހިޔާރު ކުރަނީ މިތަނުން ފުރަތަމަ ގޮތެވެ. އެއީ މި 2023 ގެ ބަޖެޓް، 2008 ގެ އަގަށް ބަދަލުކުރުމެވެ.

2023 ވަނަ އަހަރަށް ލަފާކުރާ 28.60 ބިލިއަން ރުފިޔާގެ އާމްދަނީ 2008 ގެ އަގަށް ބަދަލުކުރީމައި އަންނަނީ ގާތްގަނޑަކަށް 18.35 ބިލިއަން ރުފިޔާއެވެ. އަދި 2023 ވަނަ އަހަރުގެ 40.70 ބިލިއަން ރުފިޔާގެ ބަޖެޓް، 2008 ގެ އަގަށް ބަދަލުކުރީމައި އަންނަނީ ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާއެވެ.


މީގެ މާނައަކީ ހަގީގަތުގައި ދައުލަތުގެ ބަޖެޓު 2008 އިން 2023 އަށް ބޮޑުވެގެން މިއުޅެނީ 2.5 ގުނަ އާއި 2.6 ގުނަ އާއި ދެމެދުގެ އަދަދަކުން ކަމަށެވެ. އިގްތިސާދީ ބަހުރުވައިން މި 'ހަގީގީ' އަދަދަށް ކިޔާއުޅެނީ 'ރިޔަލް ވެލިއު' އެވެ. އިގްތިސާދު ދިރާސާކުރައްވާ ބޭފުޅުންނާއި އިގްތިސާދީ މާހިރުންގެވެސް ބޮޑު ޝައުގުވެރިކަމެއް ގިނަފަހަރަށް ހުންނަނީ 'ރިޔަލް ވެލިއު' އަށެވެ. މުހިންމީ ލިބޭ ފައިސާގެ އަދަދެއް ނޫނެވެ. މުހިންމީ އޭގެން ކުރެވޭ ކަންކަމުގެ މިންވަރެވެ. އޭގެން ގަނެވޭ އެއްޗެކެވެ.

އާންމު ރައްޔިތުމީހާގެ ޖީބަށް މި މިންވަރުގެ އިތުރުވުމެއް އައިސްފިތަ؟

ދިވެހިރާއްޖޭގެ ބަޖެޓް 15 އަހަރުތެރޭގައި 4 ގުނަ (ނޮމިނަލް) ނޫނީ 2.5 ގުނަ (ރިޔަލް) މައްޗަށް ދިޔުމަކީ ބޮޑުކަމެކެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ 2011 ގައި ނަގަންފެށި ޓެކްސްއެވެ. މާނައަކީ ސަރުކާރަށް އާމްދަނީ ހޯދޭނެ އިތުރުމަގެއް ހުޅުވުނީއެވެ. އެކަމަކު މި އިތުރުވުމާއެކު ރައްޔިތުންގެ ސީދާ އާމްދަނީއަށް އޭގެން އިތުރުވުމެއް އައިސްފައިވާ މިންވަރު ފެންނަފެނުމަށް ކުޑައެވެ. ފާހަގަކޮށްލެވޭ ބޮޑު ބަދަލެއް ރައްޔިތުންގެ ސީދާ ޖީބަށް ނުވަތަ ގޭބިސީތަކުގެ އާމްދަނީއަށް އައިސްފައި ވަނީ ދުވަސްވީ މީހުންނަށް ދެވޭ އެލަވެންސާއި، އެކަނިވެރިމައިންނަށް ދޭ އެލަވެންސްއާއި ނުކުޅެދޭފަރާތްތަކަށް ދޭއެލަވެސްތަކާއި މިބާވަތުގެ ޕޮރޮގްރާމްތަކުން ސީދާކޮށް ލިބުނު، އަދި ލިބެމުން އަންނަ ފައިސާއިންނެވެ. ދެން މުޅިންވެސް އާންމު ފަރުދުންނާއި ގޭބިސީތަކުގެ އާމްދަނީއަށް ނުވަތަ ފުދުންތެރިކަމަށް ބަދަލު އައިސްފައިވަނީ ނުސީދާކޮށެވެ.

ޓެކްސް ތައާރަފްކޮށް ބަޖެޓު ބޮޑުކޮށް، އާސަންދަ ތައާރަފު ކުރެވުނެވެ. އާސަންދަ ތައާރަފު ކުރުމުގެ ސަބަބުން ރައްޔަތުމީހާ ކުރިން ބޭސްފަރުވާއަށް ކުރަންޖެހުނު ހޭދައިގެ ބޮޑުބައެއް ސަލާމަތްވިއެވެ. ބަޖެޓުން ސީދާ ޖީބަށް އާމްދަނީ ނުލިބުނަސް، ލިބެމުންދިޔަ އާމްދަނީއިން ބޮޑުބައެއް އަތުން ނުގޮސް ހިފެހެއްޓުނެވެ. ޓެކްސްގެ ސަބަބުން ބަޖެޓް ބޮޑުވުމުން މަގުތަކާއި ބަނދަރުތައް ކުރިއަށްވުރެ ގިނައިން ހެދެން ފެށިއެވެ. މަގުތަކުގައި ދުއްވާ ވެހިކަލްތަކުގެ އުމުރު ދިގުވެ، ވެހިކަލްތަކުގެ މަރާމާތަށްދާ ހަރަދު ކުޑަވީއެވެ. އޮޑިދޯނިފަހަރުގެ ލަފާފުރުމަށްވެސް ކަންއޮތީ ހަމަ މިހެންނެވެ. ޓެކްސްއިން ލިބޭ އާމްދަނީ އިތުރުވުމުން ހިލޭ ޑިގްރީއަށް ކިޔެވޭނެ ސްކީމްތައް ތައާރަފުކޮށް ނުވަތަ ޓިއުޝަން ފީއިން ބައެއް ސަރުކާރުގެ ބަޖެޓު މެދުވެރިކޮށް ދައްކަންފެށުމުން ލިބެމުން އައި އާމްދަނީއިން ބައެއް އަތުން ނުގޮސް ހިފެހެއްޓުނީއެވެ. ނުވަތަ ރައްކާކުރެވުނީއެވެ. ޓެކްސްއިން ލިބޭ އާމްދަނީ އިތުރުވުމުން، ލޯނު ނެގުމުގެ ގާބިލުކަން އިތުރުވެ، ބްރިޖް އެޅިއްޖެވެ. އަދިވެސް އަޅަނީއެވެ. ރަށްރަށުގައި ކޯޒްވޭ އެޅުމުގެ ޕްލޭންތައްވެސް ހަދަނީއެވެ. އެކަމުގެ ސަބަބުން އާންމު މީހާގެ ވަގުތު ސަލާމަތް ވަނީއެވެ. ކުރިން އެއްގަޑިއިރުން ގެއިން އޮފީހަށް ދެވޭދިޔުން މިހާރު 20 މިނެޓަށް ބަދަލުވީއެވެ. ދުވާލަކަށް ޖުމްލަ 80 މިނެޓު އެގޮތަށްވެސް ސަލާމަތްވީއެވެ. އެ ސަލާމަތްވާ ވަގުތު މިހާރު އާއިލާއާއި ރައްޓެހިންނާއި އެކު ހޭދަކުރެވެއެވެ. ޕާކުތަކާއި ފިނި މައިޒާންތަކާއި ފުޓްސަލް ދަނޑުތައް ހެދެނީއެވެ. މިކަމުގެ ސަބަބުން އިޖުތިމާއީ ދުޅަހެޔޮކަމަށް އިތުރު ކުރިއެރުމެއް ލިބެއެވެ. ޓެކްސްއިން ލިބޭ އާމްދަނީ އިތުރުވުމުން، ފެރީ ނިޒާމް ތައާރަފްވެ، ކުރިން އަގުބޮޑުކޮށް ނެގި ސްޕީޑް ބޯޓްގެ ޓިކެޓުންވެސް ފައިސާތަކެއް ސަލާމަތްވީއެވެ. ޓެކްސްއިން ލިބޭ އާމްދަނީ އިތުރުވުމުން، ބަސް ދަތުރުތައް ފެށި އެކަމުންވެސް ޖީބަށް އެތައް ލުޔެކެވެ.

މިހުންނަނީ ހައްތާހާވެސް ބަޖެޓު ބޮޑުވުމުގެ އަސަރު ރައްޔިތުމީހާއަށް ނުސީދާކޮށް ކުރާގޮތެވެ. ކޮންމެ ފަހަރަކު ޖީބަކަށް ނޫނެވެ. މީގެ އުނިކަމަކީ މިކަންކަމަށް، މިލިބޭ ފަސޭހަތަކަށް، ނުސީދާގޮތުން ލިބިދޭ ފައިދާތަކަށް، ފައިސާގެ އަދަދެއް ނޫނީ 'މަނިޓަރީ ވެލިއު' އެއް ގިނަފަހަރަށް ކަނޑައެޅިފައި ނޯންނާތީއެވެ. އެހެންވުމުން ގިނަ ފަހަރަށް އެކަމާއިމެދު ވިސްނާނުލެވެނީއެވެ. އެކަމަކު މިކަންކަން މިނެލައިފިއްޔާ، އާންމު ރައްޔިތުމީހާގެ ދިރިއުޅުމަށްވެސް ބަޖެޓު ބޮޑުވުމުގެ ސަބަބުން ނުސީދާގޮތުން ބޮޑު ބަދަލެއް އައިސްފިކަމަށް އިހުސާސް ކުރެވޭނެއެވެ. ބަޖެޓު ބޮޑުވެ، ދައުލަތުގެ ކެރިފޯރުންތެރިކަން މަތިވުމުން ދެން އެއަންނަ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ ފައިދާ ހުރިހާ ރައްޔިތުންނަށް ފޯރައެވެ. ހުރިހާ ސަރުކާރުތަކެއްގައިވެސް މިކަން އޮތީ މިހެންނެވެ. ގައުމުގައި ކޮރަޕްޝަން މަދުނަމަ އަދި މިއަށްވުރެ ގިނަ ކަންކަން ކުރުމުއްދަތެއްގެ ތެރޭގައި ކުރެވޭނެއެވެ.