Advertisement

ގާސިމްގެ މަރު: އަދުހަމް މަރާލުމަށް ހުކުމްކޮށްފި

16 އޭޕްރީލް 2023 - 10:55 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގާސިމް މަރާލުމުގެ ދައުވާ އުފުލާފައިވާ އަދުހަމް؛ އަދުހަމް މަރާލުމަށް ކޯޓުން ހުކުމްކޮށްފި


ގާސިމްގެ މަރު: އަދުހަމް މަރާލުމަށް ހުކުމްކޮށްފި

16 އޭޕްރީލް 2023 - 10:55 1

ހުޅުމާލޭގައި މީގެ ތިން އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫނާ ހަވާލާދީ، އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅަން މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ އެ ގޮތަށް ގާސިމްގެ ވާރިސުން ވެސް އެދިފައިވާތީ އެވެ. ވާރިސުންގެ ގޮތުގައި ދުނިޔޭގައި މި ވަގުތު ތިބި ގާސިމްގެ ފަސް ދަރިން ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދީފަ އެވެ.

ތަހުގީގީ މަރުހަލާގައި އަދި ޝަރީއަތުގައި އަދުހަމް، ގާސިމަށް ހަމަލާދިން ގޮތް އެކި ފަހަރު އެކި ގޮތަށް ސިފަކޮށްދިން ނަމަވެސް އެ ހުރިހާ ފަހަރެއްގައި ވެސް ހަމަލާދިން ވަޅި އޮތީ އަދުހަމްގެ އަތުގައި ކަމަށާއި ގާސިމްގެ ކަރަށް ވަޅި ހެރީ އަދުހަމްގެ އަތުންކަން އިނގޭކަން ގާޒީ ފާހަގަކުރެއްވި އެވެ.

އަދި، ގާސިމަށް ހަމަލާދިނީ ގަސްތުގައި ނޫން ކަމަށާއި އެކަން ކުރީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް އަދުހަމް ބުނި ނަމަވެސް އޭނާ އެދުވަހު އަމިއްލަ އިހްތިޔާރުގައި މަސްތުވެގެންހުރީ އަމިއްލައަށް ކުރެވޭ އަމަލުގެ ނަތީޖާ ވިސްނައި ނުގަނެވޭ ހާލަތެއްގައި ނޫންކަން، އަދުހަމް ކުށް ކުރުމުގެ ކުރިން އަދި ފަހުން އަމަލުކުރި ގޮތުން އިނގޭ ކަމަށްވެސް ގާޒީ ފާހަގަކުރެއްވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ. އަދި ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވުމާއެކު ދައުވާ އުފުލިގެން ދިޔަ އެވެ.

ގާސިމްއަކީ އދ. މާމިގިލީ މީހެކެެވެ. ޑްރައިވަރު ގާސިމް މަރާލިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

އަދުހަމަކީ މަސްތުވާތަކެއްޗާއި ކުށުގެ ރެކޯޑު އޮތް މީހެކެވެ. ގާސިމް މަރާލި ދުވަހު ވެސް އޭނާ އުޅުނީ މަސްތުވާތަކެތި ގަންނަން ބޭނުންވާ ފައިސާ ހޯދަން ފޭރުމާއި ވައްކަމުގެ ކަމެއް ކުރުމަށެވެ. އެ ދުވަހު އޭނާ ވަޅިއެއް ހޯދީ ވެސް މީހަކަށް ބިރު ދައްކައިގެން ފައިސާ ފޭރުމުގެ ބޭނުމުގަ އެވެ.

މި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ އަދުހަމް ވަނީ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެފަ އެވެ. ފަހުން ފުލުހުން އަނިޔާކުރީ ކަމަށް ބުނެ ކުށަށް އިންކާރު ކުރި އެވެ.

އެއަށް ފަހު ޝަރީއަތުގައި އޭނާ ކުށަށް އިއުތިރާފުވި ނަމަވެސް އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް އަދުހަމް ބުނެފައިވެ އެވެ. އޭރު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުގެ ހާލަތުގައި ކަމަށް ވެސް އަދުހަމް ބުންޏެވެ.