Advertisement

ލެސްޓާ ބަލިކޮށް ސިޓީން އާސެނަލާ ގާތަށް ޖެހިލައިފި

16 އޭޕްރީލް 2023 - 06:01 0

ލަނޑު ޖެހުމަށް ފަހު ސިޓީގެ ޑިބްރޭނާ (ވ) އާއި ހާލަންޑް އުފާފާޅުކުރަނީ.


ލެސްޓާ ބަލިކޮށް ސިޓީން އާސެނަލާ ގާތަށް ޖެހިލައިފި

16 އޭޕްރީލް 2023 - 06:01 0

މެންޗެސްޓާ (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ 3-1 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ތިން ޕޮއިންޓަށް ގާތަށް ޖެހިލައިފި އެވެ.

ސިޓީ އާއި އާސެނަލް ކޮންމެ ޓީމެއް 30 މެޗު ކުޅެފައިވާއިރު، އާސެނަލް އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާސެނަލަށް 73 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މޮޅާ އެކު ސިޓީން މި ވަނީ 70 ޕޮއިންޓް ހޯދައިފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. މިއީ ރޮޑްރީ ދިން ބޯޅައަކުން ޖޯން ސްޓޯންސް ޖެހި ގޯލެކެވެ. ސްޓޯންސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ފުރަތަމަ ގޯލު ޖެހިތާ އަށް މިނިޓް ފަހުން ސިޓީން ލީޑުފުޅާކުރި އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ، ސިޓީގެ ޖެކް ގްރީލިޝް ނެގި ހުރަހެއް ލެސްޓާގެ ވިލްފްރެޑް އެންޑީޑީ އަތުގައި ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެންގުމަށް ދަނޑުގައި ބަހައްޓަފައިވާ މޮނީޓަރުން ބަލާފައި ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ 25 ވަަނަ މިނިޓްގައި ހާލަންޑް ވަނީ އިތުރު ގޯލެއް ޖަަހައިފަ އެވެ. ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ގޯލާ އެކު ހާލަންޑް މި ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 40 މެޗުން 47 ގޯލު ޖަހައިފަ އެވެ. ޕްރިމިއާ ލީގުގެ ކްލަބަކަށް ކުޅެމުން އެއް ސީޒަނެއްގެ ހުރިހާ މުބާރާތެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މިހާރު އޮތީ ހާލަންޑް އަތުގަ އެވެ.

ފުރަތަމަ ހާފަށް ފަހު ހާލަންޑް ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ލެސްޓާ އިންނެވެ. ދާދި ފަހުން ލެސްޓާއާ ހަވާލުވި ކޯޗު ޑީން ސްމިތުގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު މެޗުގައި ޓީމުގެ ހަމައެކަނި ގޯލު ޖެހީ ކުރިން ސިޓީ އަށް ކުޅުނު ނައިޖީރިއާގެ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ.

ލެސްޓާ އޮތީ 31 މެޗުން ލިބުނު 25 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގަ އެވެ.