13 އޭޕްރީލް 2023 - 06:09 0
13 އޭޕްރީލް 2023 - 06:09 0
މެންޗެސްޓާ (އޭޕްރީލް 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން އެވަޓަން އަތުން މޮޅުވި މެޗުގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އަށް އަނިޔާވެގެން ބަދަލުކުރިއިރު، އޭނާ ކުޅުމަށް އެނބުރި އާދެވޭނެ ތާރީހެއް ސީދާކޮށް ބުނަން ނޭނގޭ ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
އެވަޓަން އަތުން 2-0 އިން އަމިއްލަ ދަނޑުގައި ޔުނައިޓެޑް މޮޅުވި މެޗުގެ ފަހުކޮޅު، ރަޝްފޯޑް، 25، ވަނީ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ފައިބައިފަ އެވެ.
މީގެ ކުރިން ވެސް އެކި ސީޒަންތަކުގެ ފަހު ބައިގައި ރަޝްފޯޑަށް އުކުޅުވަޅުގެ އަނިޔާގެ މައްސަލަތައް ކުރިމަތިވެ، މެޗުތަކެއް ގެއްލިފައި އެބަހުއްޓެވެ.
ޔުރޮޕާ ލީގުގައި މިރޭ ސެވިއްޔާއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ރަޝްފޯޑަށް ނުކުޅެވޭނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. އަދި ރަޝްފޯޑަށް އަލުން ދަނޑަށް ނުކުމެވޭނެ ތާރީހެއް ބުނަން ވެސް މި ވަގުތު އުނދަގޫ ކަމަށް ޓެން ހާގް ބުނެފައިވެ އެވެ.
"އަހަރެމެންނަށް އެ އަނިޔާގެ ތަފްސީލެއް ނޭނގޭ. މި ވަގުތު މި ތިބީ އޭނާގެ ރިކަވަރީ ކަންކަން ދާ ގޮތް ބަލަން. ޔަގީނުން ވެސް މެޗުތަކެއް ގެއްލޭނެކަން މި ވަގުތަށް ބަލާއިރު ވެސް ޔަގީންވޭ،" ޓެން ހާގް ބުންޏެވެ.
މި ސީޒަނުގައި ޔުނައިޓެޑްގެ އެންމެ ފޯމުގައި ހުރި އެޓޭކަރަކީ ރަޝްފޯޑް އެވެ. އޭނާ ވަނީ ސީޒަނުގެ 47 މެޗުން އެ ޓީމަށް 28 ގޯލު ޖަހައިފަ އެވެ.
ފީފާ ވޯލްޑް ކަޕަށް ފަހު، އަލުން ކްލަބް ފުޓްބޯޅަ ސީޒަން ފެށި ފަހުން ރަޝްފޯޑްގެ ފޯމު ވަރަށް ބޮޑަށް ރަނގަޅުވި އެވެ. އެ ފަހުން، ކުޅުމަށް ބަލާއިރު، މުޅި ޔޫރަޕްގައި ވެސް އެންމެ ރެކޯޑް ރަނގަޅު ކުޅުންތެރިންގެ ލިސްޓުގެ ކުރިން ރަޝްފޯޑަށް ޖާގަ ލިބެ އެވެ.
ޓެން ހާގް ބުނީ ރަޝްފޯޑް ނުލައި ކުޅެން އުނދަގޫވާނެެ ކަމަށާއި އޭނާގެ ފަރާތުން ފެނުނު ތަފާތު ދައްކަން މިއީ ޔުނައިޓެޑްގެ އެހެން ކުޅުންތެރިންނަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށެވެ.
ޓެން ހާގް މި ދަނޑިވަޅުގައި އެންމެ ބޮޑު އުންމީދެއް ކުރާ ދެ ކުޅުންތެރިންނަކީ އެންޓޮނީ އާއި އެންތަނީ މާޝިއަލް އެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާގައި މިރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭއިރު، ޔޫރަޕްގައި ޔުނައިޓެޑަށް ސެވިއްޔާއާ ދެކޮޅަށް އޮތީ ރަނގަޅު ރެކޯޑެއް ނޫނެވެ.
Comment