Advertisement

ޗައިނާގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ހަނދުގައި މަރުކަޒެއް އެޅުން

13 އޭޕްރީލް 2023 - 06:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ރޮކެޓެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޗައިނާގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ހަނދުގައި މަރުކަޒެއް އެޅުން

13 އޭޕްރީލް 2023 - 06:10 0

ޗައިނާގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހަނދުގެ ވެލިން އުފައްދާ ގާ ބޭނުންކޮށްގެން ހަނދުގައި މަރުކަޒެއް އެޅުން ކަމަށް އެ ގައުމުގެ ސައިންސްވެރިން އިއުލާންކޮށްފި އެވެ.

ހުއާޒޯންގް ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސް ސައިންސްވެރިޔާ ޑިންގް ލިއެޔުން ނޫސްވެރިންނަށް ވިދާޅުވީ ހަނދުގެ ވެލިން އެންމެ ފުރަތަމަ ގާ ހަދާނީ 2028 ވަނަ އަހަރު ހަނދަށް ކުރާ "ޗަންގް އޭ 8" މިޝަންގައި ކަމަށެވެ.

ޗައިނާއިން މީގެ ކުރިން ބުނެފައި ވަނީ އެ ގައުމުން ހަނދުގައި އަޅާ މަރުކަޒަކަށް ހަކަތަ ހޯދާނޯ ނިޔުކްލިއާގެ އެހީގައި ކަމަށެވެ. އެ ތަނުގައި ރޮކެޓް ލޭންޑު ކުރާނެ ސަރަހައްދަކާއި، އޯބިޓާއެއް އަދި ރޯވާއެއް ވެސް ބަހައްޓަން ރާވާފައިވެ އެވެ.

"ދުނިޔޭގެ ބޭރުން އިންސާނުންނަށް ދިރިއުޅެވޭނެ ފަދަ ތަންތަން ގާއިމްކުރުމަކީ އިންސާނިއްޔަތަށް މުހިއްމު ކަމެއް އަދި ޖައްވު އިތުރަށް ދިރާސާ ކުރުމަށް ވެސް މުހިއްމު ކަމެއް. އޭގެ އިތުރުން ޖައްވީ ބާރެއްގެ ގޮތުގައި ޗައިނާއިން ސްޓްރެޓެޖިކް ގޮތުން ކުރަން ވެސް ޖެހޭ ކަމެއް،" ޑިންގް ވިދާޅުވި އެވެ.

ޗައިނާއިން މީގެ ކުރިން ވަނީ ހަނދުގައި ދިރާސާ ކުރުމަށް ރޮބޮޓުތައް ފޮނުވައިފަ އެވެ. އޭގެ އިތުރުން ހަމައެކަނި ޗައިނާއަށް ބޭނުންކުރެވޭ ޖައްވީ ސްޓޭޝަނެއް ވެސް ގާއިމްކޮށްފައިވާ އިރު، މާސްއާ ގުޅުން ހުރި މިޝަންތައް މިހާރު ދަނީ ރާވަމުންނެވެ.