Advertisement

ސިޓީ މެޗުގެ ކުރިން ޓުޗެލް އަށް ހަމަނިދި ވެސް ނުލިބޭ

11 އޭޕްރީލް 2023 - 14:24 0


ސިޓީ މެޗުގެ ކުރިން ޓުޗެލް އަށް ހަމަނިދި ވެސް ނުލިބޭ

11 އޭޕްރީލް 2023 - 14:24 0

މެންޗެސްޓާ (އޭޕްރީލް 11) - ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ބަޔާން މިއުނިކް ކުޅޭ މެޗުގެ ކުރިން ރަނގަޅަށް ހަމަނިދި ވެސް ނުލިބޭ ކަމަށް ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ސިޓީގެ ދަނޑުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ މި ދެ ޓީމު ކުރިމަތިލާއިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރި ފަހުން ޓުޗެލް އިންގްލެންޑަށް ދާ ފުރަތަމަ ފަހަރު އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކޯޗުކޮށްދޭ ކްލަބަކާ ދެކޮޅަށް މިހާތަނަށް 10 މެޗަށް ޓުޗެލް ނުކުމެފައިވާއިރު، އޭނާ އަށް ގާޑިއޯލާ ބަލިކުރެވިފައިވަނީ އެންމެ ތިން މެޗުންނެވެ.

މެޗުގެ ކުރިން މީޑިއާގެ ސުވާލަކަށް ޖަވާބު ދެމުން ޓުޗެލް ބުނީ މެޗާމެދު މާބޮޑަށް ވިސްނޭތީ އޭނާ އަށް ނިދަން ވެސް އުނދަގޫ ކަމަށެވެ.

"އެންމެ ރަނގަޅަށް ތައްޔާރުވެވޭނީ ނިދީމަ، އެކަމަކު، އަހަންނަށް ނިދަން ދަތިވޭ. ކަންތައްތަކާ މެދު ވިސްނޭއިރު، ނިދަން އުނދަގޫވޭ. މިއަދު، ވެސް ހެނދުނު އަހަންނަށް ވަރަށް އަވަހަށް ހޭލެވުނު. ދެން ވަގުތުން ޓްރެއިނިން ގްރައުންޑަށް އައީ. މި މެޗާމެދު އަބަދު މި ވިސްނެނީ،" ޓުޗެލް ބުންޏެވެ.

ގާޑިއޯލާ އަތުން ޓުޗެލް އެންމެ ފަހުން މޮޅުވީ 2021 ވަނަ އަހަރެވެ. ޓުޗެލް އިރުޝާދުގެ ދަށުން އެ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީން ހޯދީ ފައިނަލްގައި ގާޑިއޯލާގެ ކޯޗުކަމުގައި ކުޅުނު ސިޓީ ބަލިކުރުމަށް ފަހުއެވެ.

ޓުޗެލް ބުނީ ބަޔާންގެ އެންމެ މޮޅު ކުޅުން ނުދައްކައި، މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

"ގާޑިއޯލާ ކުޅުވަނީ ވަރަށް ތަފާތު ގޭމެއް. މީގެ ކުރިން ގާޑިއޯލާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުން މާބޮޑު ފައިދާއެއް ނުކުރާނެ،" ޓުޗެލް ބުންޏެެވެ.

ޓުޗެލް ކުޅުވާ ސްޓައިލަކީ ބަޔާން މިއުނިކާ ގުޅޭނެ ވައްޓަފާޅިއެއް ކަން ފާހަގަކޮށް ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިއީ ވިސްނުންތެރިކަމާ އެކު ކުޅެން ޖެހޭނެ މެޗެއް ކަމަށެވެ.

ބަޔާން އާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެެވެ.