Advertisement

ރާމޯސް އާއި މެސީގެ ގޯލުތަކުން މޮޅުވެ ޕީއެސްޖީގެ ކޯޗު ގަލްޓިއޭގެ ޕްރެޝަރަށް ލުޔެއް

9 އޭޕްރީލް 2023 - 06:14 0

ލަނޑު ޖެހުމަށް ފަހު ޕީއެސްޖީ ކުޅުންތެރިން އުފާފާޅުކުރަނީ.


ރާމޯސް އާއި މެސީގެ ގޯލުތަކުން މޮޅުވެ ޕީއެސްޖީގެ ކޯޗު ގަލްޓިއޭގެ ޕްރެޝަރަށް ލުޔެއް

9 އޭޕްރީލް 2023 - 06:14 0

ޕެރިސް (އޭޕްރީލް 9) - ފްރެންޗް ލީގުގައި ރޭ ސާޖިއޯ ރާމޯސް އާއި ލިއޮނަލް މެސީގެ ގޯލުތަކުން 2-0 އިން ނީސް ބަލިކޮށް، ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ އަށް ކުރިމަތިވެފައި އޮތް ޕްރެޝަރަށް ލުޔެއް ލިބިއްޖެ އެވެ.

މި މެޗުން މޮޅުވެ، ޕީއެސްޖީން ވަނީ އަލުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ޕީއެސްޖީ އަށް 30 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލެންސް އަށް 30 މެޗުން ވަނީ 63 ޕޮއިންޓް ލިބިފަ އެވެ.

ނީސް ދަނޑުގައި ކުޅުނު މި މެޗުގެ ތިން ވަނަ މިނިޓްގައި، މެސީ، އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ޕީއެސްޖީން ލީޑުނެގީ 26 ވަނަ މިނިޓްގައި ނޫނޯ މެންޑޭޒް ނެގި ހުރަހަކުން މެސީ ޖެހި ގޯލުންނެވެ. މެސީ ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، ނީސްގެ ކީޕަރު، ޑެންމާކްގެ ކެޝްޕާ ޝްމައިކަލް އަށް އެ ބޯޅަ ހުއްޓުވަން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. މިއީ މި ފަހަރު ލީގުގައި މެސީ ޖެހި 14 ވަނަ ގޯލެވެ.

ނަތީޖާ ހަމަހަމަކުރަން ނީސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

ޕީއެސްޖީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 76 ވަނަ މިނިޓްގައި މެސީ ނެގި ކޯނަރަކުން ރާމޯސް ބޮލުންނެވެ.

މި މޮޅާ އެކު ޕީއެސްޖީ އަށް ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑު އަލުން ލިބުނުއިރު، އަންނަ ހަފްތާގައި ޕީއެސްޖީ ކުޅޭނީ ދެ ވަނައިގައި އޮތް ލެންސާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ރަނގަޅު ލީޑެއްގައި އޮންނަން ރޭ ލިބުނީ މުހިންމު ތިން ޕޮއިންޓް ކަމަށް ޕީއެސްޖީގެ ކޯޗު ގަލްޓިއޭ ވަނީ ރޭގެ މެޗަށް ފަހު ދިން އިންޓަވިއުގައި ބުނެފަ އެވެ.

މިދިޔަ ސީޒަނުގައި ނީސްގެ ކޯޗަކަށް ހުރި ގަލްޓިއޭ ބުނީ ޕްރެޝަރުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ކަމަށާއި އެކަމަކު، އޭނާގެ މަންމަ އަށް އަމާޒުކޮށް، ޒާތީ ގޮތުން ދިމާކޮށްލާ މޭރުމުން ދަނޑުގައި ބެނާ ދެމުމަކީ އެއްގޮތަކަށް ވެސް ފުޓްބޯޅައިގެ މާހައުލުގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.