Advertisement

ބެންޒެމާ، ކްރޫސް އަދި މޮޑްރިޗް ރެއާލްގައި މަޑުކުރާނެ

8 އޭޕްރީލް 2023 - 15:29 0


ބެންޒެމާ، ކްރޫސް އަދި މޮޑްރިޗް ރެއާލްގައި މަޑުކުރާނެ

8 އޭޕްރީލް 2023 - 15:29 0

މެޑްރިޑް (އޭޕްރީލް 8) - ރެއާލް މެޑްރިޑްގައި ތިބި އެންމެ ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ކެޕްޓަން ކަރީމް ބެންޒެމާ އާއި ޓޯނީ ކްރޫސް އަދި ލޫކަ މޮޑްރިޗް އަންނަ ސީޒަންގައި ވެސް އެ ކްލަބުގައި މަޑުކުރާނެ ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެެ.

ރެއާލްގައި ގިނަ އަހަރުތަކެއް ހޭދަކޮށް، އެ ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބެންޒެމާ، 35، އާއި ކްރޫސް، 33، އަދި މޮޑްރިޗް، 37، ރެއާލާ އެކު ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ.

އެކަމަކު ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ މި ތިން ކުޅުންތެރިން ވެސް ކޮންޓުރެކްޓް އާ ކުރުމަށް ކްލަބާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ކްލަބުން ދަނީ އެ ކުޅުންތެރިންނާ ވާހަކަދައްކަމުން. އަހަންނަށް ހީވަނީ ކޮންމެ ވެސް ރަނގަޅު ގޮތަކަށް މިކަން ނިމޭނެހެން،" އަންޗެލޮޓީ ބުންޏެވެ.

"އަހަރެން ގަބޫލްކުރަނީ މި ތިން ކުޅުންތެރިން ވެސް ކްލަބުގައި މަޑުކުރާނެ ކަމަށް. ކުޅުންތެރިންނާ މެދު ގޮތެއް ނިންމަންޖެހޭނީ އުމުރަށް ބަލާފައެއް ނޫން. ދަނޑުމަތީގައި އެ ކުޅުންތެރިން ކުރާ ކަންތަކަށް ބަލާފައި."

ބެންޒެމާ އާއި މޮޑްރިޗް ވަނީ ރެއާލާ އެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ކްރޫސް ވަނީ އެ ކްލަބާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މި ސީޒަންގައި މޮޑްރިޗާއި ކްރޫސް ކުޅެފައިވާ މެޗު މަދުވިޔަސް، ބެންޒެމާ އަކީ މި ސީޒަންގައި ވެސް ރެއާލަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.

އަންޗެލޮޓީ ބުނީ މި ތިން ކުޅުންތެރިން އުމުރުން ދޮށި ވިޔަސް، އަގުނުކުރެވޭފަދަ ކަންތައްތަކެއް އެ ކުޅުންތެރިންގެ ކިބައިން ފެންނަ ކަމަށެވެ.

"މިހާރު ޒުވާން ކުޅުންތެރިންނާ އެއްވަރަށް މި ކުޅުންތެރިންނަށް ނުކުޅެވިދާނެއޭ ހިތަށް އަރާފާނެ. އެކަމަކު، މި ކުޅުންތެރިންގެ ގޭމް މެނޭޖްމަންޓް ވަރަށް ތަފާތު. އެއީ ދުނިޔޭގެ އެއްވެސް ތާކުން ގަނެވޭނެ އެއްޗެއް ނޫން. އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް ބަދަލުތަކެއް އާދޭ. އެކަމަކު، އޭގެ ބަދަލުގައި އެމީހާ އަށް މުހިންމު ކަންތައްތަކެއް ލިބޭ،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ އަންނަ ސީޒަނުގައި ރެއާލުން ނުފެންނާނެ ކަމަށް ވެސް އަންނަނީ ވާހަކަ ދެކެވެމުންނެވެ. އެއީ ބްރެޒިލް ގައުމީ ޓީމުގެ ކޯޗުކަމާ އަންޗެލޮޓީ ހަވާލުވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑުގަދަވެފައިވާތީ އެވެ.