Advertisement

މަނަދޫ މަރު: ޝައްކު ކުރެވޭ ކަންކަން ހުރުމުން ރަށަށް އަރާ ފައިބާ މީހުން މޮނިޓާކުރަނީ

7 އޭޕްރީލް 2023 - 21:39 0

ނިމާ ހަސަން

ނިމާ ހަސަން


މަނަދޫ މަރު: ޝައްކު ކުރެވޭ ކަންކަން ހުރުމުން ރަށަށް އަރާ ފައިބާ މީހުން މޮނިޓާކުރަނީ

7 އޭޕްރީލް 2023 - 21:39 0

ނ. މަނަދޫ ގެއެއްގައި މަރުވެފައި އޮއްވާ މީހަކު ފެނުނު މައްސަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން މޮނިޓާކުރަން ފަށައިފި އެވެ.

މަނަދޫގައި މިރޭ އިރާކޮޅު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ އެ ރަށު އަންނާރުމާގެ ނައީމާ މޫސާ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް އެންގުމުން، ފުލުހުން ގޮސް އޭނާގެ ކޮޓަރީގެ ދޮރުވައްޓާލައިގެން ވަނުމުންނެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސަބީހު "އަދަދު" އަށް ބުނީ، މަރުވި މީހާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އަދި އޭނާ މަސައްކަތަށް ނުނިކުމެ، އެއްވެސް މީހަކަށް ހަބަރެއް ނުވާތާ ދެ ދުވަސްވެފައިވާ ކަމަށެވެ.

"އިއްޔެ މަސައްކަތަށް ނައީމަ އެއްކޮށް އުޅޭމީހުން ގޮސް އެގޭގަ ޓަކި ޖެހީމަ ވެސް އެއްވެސް ހަބަރެއް ނުވޭ. ދެން ބަލީ ކަމަށް ހީކޮށް ތިބީ. އަނެއްކާ މިއަދު ނައީމަ ވެސް ޓަކި ޖެހީ. ހަބަރެއް ނުވީމަ އާއިލާއަށް ގުޅައިގެން ފުލުހުންނަށް އެންގީ،" އޭނާ ބުންޏެވެ.

އޭނާގެ މަރުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުންވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.

އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލަމުންދާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި މިކަން އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މަނަދޫއަށް ދާން ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ނައީމާ އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވާ ފެނުނުއިރު، އެގޭގައި ދިރިއުޅެނީ އޭނާ އެކަންޏެވެ.