6 އޭޕްރީލް 2023 - 05:48 0
ބްރެންޓްފޯޑްގެ ހިކޭ (ވ) ޔުނައިޓެޑްގެ ރަޝްފޯޑް ކައިރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެއްޓިފައި.
6 އޭޕްރީލް 2023 - 05:48 0
ލަންޑަން (އޭޕްރީލް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި 5-1 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑް ލީގުގެ ތިން ވަނަ މަގާމު ދެމެހެއްޓިއިރު، ބްރެންޓްފޯޑްގެ މައްޗަށް 1-0 އިން ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑް އަލުން ހަތަރަކަށް ޖެހިލައިފި އެވެ.
ނިއުކާސަލް އާއި ޔުނައިޓެޑަށް ވެސް ވަނީ 28 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ކުރިން، ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ފަސް ވަނައިގައި އޮތީ 29 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެންޗެސްޓާ ޔުނައިޓެޑަށް ރޭގެ މެޗުގައި ހަަމައެކަނި ގޯލު ޖަހައިިދިނީ 27 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑް އެވެ. މިއީ އޭރިއާތެރެއިން މާސެލް ސަބިޓްޒާ ދިން ބޯޅައަކަށް އަރައި، ހަމަޖެހިލައިފައި ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ރަޝްފޯޑް ޖެހި ގޯލެކެވެ. މިއީ, މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ރަޝްފޯޑް ޖެހި 28 ވަނަ ގޯލެވެ.
އަނެއްކޮޅުން މިއީ، ލީގު ކަޕް ޗެމްޕިއަންކަން ހޯދުމަށް ފަހު ޔުނައިޓެޑްގެ ނަތީޖާތަށް ދަށްވެ، ލިބިފައިވާ މާުޔޫސްކަމުން އަރައިގަންނަން ބޭނުންހިފޭނެ ނަތީޖާ އެކެވެ.
ޔުނައިޓެޑްގެ އެންޓޮނީ ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި އެ ޓީމަށް އިތުރު ގޯލެއް ނުޖެހުނެވެ. މެޗުގައި ބްރެންޓްފޯޑަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ދެ ވަނަ ހާފުގައި ކެވިން ޝޭޑް އަށެެވެ. ހުސްކޮށް އޭރިއާތެެރެއަށް ބޯޅަ ހިފައިގެން ވަދެ، ޝޭޑް ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނިއުކާސަލް އިން ލީޑުނެގީ ކަލުމް ވިލްސަން ޖެހި ގޯލުންނެވެ. އޭގެ ފަހުން މާގިނައިރެ އްނުވެ، ނިއުކާސަލް އަށް ޖޮއެލިންޓަން ވަނީ ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާޓް ޒޫމާ ވަނީ ވެސްޓް ހޭމަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ.
ނިއުކާސަލް ހަމަޖެހިލައިގެން ކުޅެ ދެ ވަނަ ހާފުގައި އިތުރު ތިން ގޯލު ޖަހައި، ރަނގަޅު މޮޅެއް ހޯދި އެވެ. އެ ގޮތުން، ވިލްސަން އާއި ޖޮއެލިންޓަން ކޮންމެ ކުޅުންތެރިއަކު އިތުރު ގޯލެއް ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އަލެކްސަންޑަ އިސާކް އެވެ. އިސާކްގެ ގޯލަކީ ވެސްޓް ހޭމްގެ ކީޕަރު، ލޫކަސް ފަބިއާންސްކީ ހެދި ގޯހަކުން ޖެހި ގޯލެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment