Advertisement

އަލިބެގެ ދިރިއުޅުމުގައި ބަދަލުނުވި ތަރުބިއްޔަތާއި ތަރުތީބު

2 އޭޕްރީލް 2023 - 17:38 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


އަލިބެގެ ދިރިއުޅުމުގައި ބަދަލުނުވި ތަރުބިއްޔަތާއި ތަރުތީބު

2 އޭޕްރީލް 2023 - 17:38 0

މައިޒާން އަލިމަނިކު (އަލިބެ)ގެ އެންމެ ދުރު ހަނދާންތަކުގެ ތެރެއަށް ފީނާލާއިރު ކުލަވެގެން އެ އަންނަނީ ކުޅިވަރު ކުޅުމާއި ހެލިފެލިވެ އުޅުނު ދުވަސްތަކާއި އިނގިލިން ކޮއްޓި މިއުޒިކުގެ ރާގުތަކާއި ވިރުވައި އެޅި ލަވަތަކެވެ. އަދި އާއިލީ ތަރުބިއްޔަތުގައި ތަރުތީބުވެ، ބޯލަނބަން ޖެހުނު ހަމަތަކެވެ. މިއަދު އުމުރުން 78 އަހަރު ފުރިފައިވާ އަލިބެގެ ހަޔާތުގެ ކާމިޔާބަކީ ކުޑައިރުގެ އެ ބިންގަލެވެ.

"އަޅުގަނޑުމެން ކުޑައިރު ފަތިހު ތެދުވަން ޖެހޭނެ ހަތަރެއް ޖަހާއިރު. ތެދުވީމަ މަންމަ ހަދައިދޭނެ ކިރު ތައްޓެއް ނޫނީ ސައި ތައްޓެއް. އެއީ ނަމާދުކޮށްގެން ކިޔަވާ ނިމުނީމާާ އެ ބޯލަން ޖެހޭނީ. އެ ބޮއެގެން ދެން އޮންނާނީ ސްކޫލަށް ދިއުން. ސްކޫލަށް ދިއުމުގެ ކުރިން އޮންނާނެ ސްކޫލުން ދޭ ކަންތައްތަކެއް ފުރިހަމަކުރުން. އެއީ ކަސްރަތުކުރުން ނޫނީވިއްޔާ އެދުވަސްވަރެއްގަ ސްކޫލުން މުބާރާތް ބޭއްވުމަށް ދަސްކޮށްދޭ ކުޅިވަރުތަށް ގަޑިއަށް ދިއުން،" މީގެ 60 އަހަރަށްވުރެ ކުރީގެ ހަނދާންތައް ހިއްސާކުރި އެވެ.

މި އާދަތަކަށް ބަދަލެއް ނާދެ އެވެ. ހަށިގަނޑު ވަނީ އެކަންކަމަށް ހޭނިފަ އެވެ. މިހާރު ވެސް ދުވަސް ފަށަނީ ފަތިސް ނަމާދުންނެވެ. އަވަހަށް ނިދަ އެވެ. ކެއުން ބުއިމުގައި ހަމަތަކާއި މިންވަރުތަކެއް ބަހައްޓަ އެވެ. ގަޑިންގަޑިއަށް ކެއުމުގެ އާދަ ހިފަހައްޓަ އެވެ. ރޭނގަޅު ލަސްވަންދެން ނުކައި ނުހުރެެ އެވެ.

"މިކަހަލަ އޯޑަރަކަށް ކަންތައް ކުރުންވެސް އެއީ ފަސޭހަކަމެއް ނޫން އިނގޭ. އެކަމަކު ތިމާ އެގޮތަަށް މަސައްކަތްކޮށްގެން ނިކުތް ކަމަށް ވިއްޔާ އެގޮތަށް ހުންނާނީ ހޭނިފަ. އެހެންވީމާ އަލުން ތިމާ ކުރަން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ. އެގޮތަށް އަޅުގަނޑު މިއަދާ ހަމައަށް ވެސް މި މަސައްކަތް ކުރަނީ" މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު، އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަލިބެ ވިދާޅުވި އެވެ.

ހަމަތައް ނުހިފަހައްޓައިފި ނަމަ ފުރިހަމަ ސިއްހަތެއް ނުލިބޭނެ ކަމަށް އަލިބެ ގަބޫލުކުރައްވަ އެވެ.

އެންމެ ކުޑައިރުންސުރެ ކުޅިވަރުގައި

އަލިބެގެ ކުޅިވަރުގެ ހަޔާތް ފެށުނީ ގޭގެ ގޯތި ތެރެއިންނެވެ. އެއްބަނޑު އެއްބަފާ ކުދިންނާއި މާލެ ފައިބާ ތިބޭ އެއް ފުރައެއްގެ ކުދިން މައިޒާންދޮށުގޭގައި ދިރިއުޅުނެވެ. ސްކޫލަށް ދިއުމާއި ނަމާދާއި ފިލާވަޅުތައް ނިންމުމަށް ފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެވުނީ ކުޅިވަރާއި، ކުޑައިރުގެ ސަކަރާތް ޖެހުމުގަ އެވެ.

"ކުޅިވަރަކީ އަޅުގަނޑަކަށް އާ އެއްޗެއް ނޫން އެހިސާބުން ފެށިގެންވެސް. ގޭތެރޭގަ ވެސް އޮންނާނެ އޭރު މުބާރާތް. ސިއްކަގޭ ކުދިންނާ، ފޭރުގަސްދޮށުގޭ ކުދިންނާ އެމީހުންނާ އެކުވެސް އޮންނާނެ އޭރު މުބާރާތް. ހަމަ ބައިބަޔަށް ބަހާލައިގެން ކުޅެނީ،" ކުޅިވަރުގެ ހަޔާތް ފެށިގެން އައި ގޮތް ހިއްސާކުރަމުން ތިން ދަރިން ތިބި އަލިބެ ކިޔައިދެއްވި އެވެ.

ފުޓްބޯޅަ، ކްރިކެޓް، ހޮކީ ކުޅުމުގައި ފައި ހިފެހެއްޓާލެވޭ މިންވަރަށް އެ ކުޅިވަރުތައް ރަނގަޅަށް ކުޅެމުން ދިޔަ އެވެ.

އަލިބެ ކުޅިވަރަށް ޖެހުނު ލޯބި ގައުމީ ލެވެލުންނާއި ބައިނަލްގުވާމީ ލެވެލްގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް) އިން އަލިބެގެ ހިދުމަތުގެ އަގު ވަޒަންކުރި އެވެ. އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ކުރިން ކުރެއްވި އަލިބެއަކީ ރާއްޖޭގެ އެތެލެޓިކްސްއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެތްލެޓިކްސްއިން ފުރަތަމަ މެޑަލެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަލިބެ އަދާކުރެއްވި އެވެ.

ކުޅިވަރަކީ އަލިބެ ވިދާޅުވާ ގޮތުގައި އޭނާއާ ގުޅި ލާމެހިފައިވާ އެއްޗެކެވެ.

މިހާރު ދަނޑުވެރިކަމުގައި

އަލިބެ މިހާރު ކުރަނީ ދަނޑުވެރި ކަމެވެ. ފައިސާ ހޯދުމަށް ކުރާ މަސައްކަތެއްގެ ބަދަލުގައި އަލިބެ ދެކެނީ އެއީ ނަފުސުގެ ހިތްހަމަ ޖެހުމަށް ކުރާ ކަމެއްގެ ގޮތުގަ އެވެ. އެހެންވެ، ލ. ގަމުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބިން ހޯދައި، އެ ބިމުގައި ފަތްކެޔޮލާއި، ބަރަބޯ، ތޮރާ، ބަށި ފަދަ ތަކެތި ހައްދަ އެވެ.

"އެކަމަކު ދަނޑުވެރިކަން މިކުރަނީ ހޮބީއެއްގެ ގޮތުގައި. ދަނޑު ހައްދައިގެން ކައި އިތުރުވާ އެއްޗެއް އަޅުގަނޑު ފޮނުވާލަނީ އެތާ ވިޔަފާރިކުރާ މީހުންނަށް."އަލިބެ ކިޔައިދެއްވި އެވެ.

އެންމެ ކުޑައިރުންސުރެ މިއަދާހަމައަށް ވެސްް އަލިބެ ގަބޫލުކުރަމުން އައީ އަމިއްލަ ދުޅަހެޔޮކަން ދެމެހެއްޓުމާއި އަމިއްލަ ނަފުސަށް އަޅާލުމަކީ މުހިންމު ކަމެއް ކަމުގަ އެވެ. އަދި ހަށިގަނޑަށް އަޅާނުލެވި ދޫކޮށްލެވުމަކީ މިހާރު ގިނަ ބަޔަކު އެކި ބަލިތައް ތަހައްމަލުކުރަން ޖެހޭ އެއް ސަބަބު ކަމުގައި ވެސް ފާހަގަކުރެ އެވެ. މިހާރު އަލިބެ ދުޅަހެޔޮކޮށް ހުންނަވާ ސަބަބަކީ ކުރިން މި ބުނެވުނު އާދަތަކާއެކު ކަސްރަތުކުރުން ގަވާއިދުން ކުރިއަށް ގެންދިއުމެވެ.

ޒުވާން ޖީލަށް ވެސް އަލިބެ ދެއްވާ ނަސޭހަތަކީ މިއެވެ. ނަފުސުގެ ކަންކަން ތަރުތީބަކުން ބެހެއްޓުމާއި، ކަސްރަތުކުރުމާއި ކެއުމުގެ ހަމަތައް ހިފެހެއްޓުމެވެ.