Advertisement

ޓުޗެލް އަށް އެންމެ ކަމުދިޔައީ ބަޔާންގެ "ޑީއެންއޭ"

26 މާރިޗު 2023 - 05:50 0


ޓުޗެލް އަށް އެންމެ ކަމުދިޔައީ ބަޔާންގެ "ޑީއެންއޭ"

26 މާރިޗު 2023 - 05:50 0

މިއުނިކް (މާޗް 26) - ބަޔާން މިއުނިކްގެ ކޯޗަކަށް ވާން ފުރުސަތު ލިބުނީ ހީވެސް ނުކޮށް ހުއްޓައި ކަމަށާއި ކުޑަވަގުތު ކޮޅެއްގެ ތެރޭ ބަޔާންއާ ހަވާލުވާން ލިބުނު ފުރުސަތުގެ ބޭނުންހިފަން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ކްލަބްގެ "ޑީއެންއޭ" އާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭތީ ކަމަށް ބަޔާންގެ އާ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފަ އެވެ.

ބަޔާނުން ވަނީ އެ ޓީމުގެ ކޯޗުކަމުން ހޫލިއަން ނާގަލްސްމަން ވަކިކުރިތާ މާގިނައިރެއް ނުވެ، ޓުޗެލް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސިކަން އިއުލާނުކޮށްފަ އެވެ.

ބަޔާނާ އެކު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު، މީޑިއާގެ ސުވާލުތަކަށް ޖަވާބުދެމުން ޓުޗެލް ބުނީ ބަޔާނާ ހަވާލުވާން ހުށަހެޅުން ލިބުނު ވަގުތު ފުރަތަމަ އެކަން ގަބޫލުކުރަން ވެސް އުނދަގޫވި ކަމަށެވެ.

އެކަމަކު، މަޝްވަރާތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގޮސް، ކަންތައްތައް ނިމިގެންދިޔައީ ހީކުރި ވަރަށް ވުރެ ވެސް އަވަހަށް ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

"މީގެ އެންމެ ވިސްނާލަން އުނދަގޫވި ކަމަކީ، ބަޔާންގެ ކޯޗަކަށް ވުމުގެ މަޝްވަރާއެއް ކުރެވިފައި ވެސް ނުވެ ވަނިކޮށް މި އޮފާ އެހާ ކުރު މުއްދަތެއްގެ ތެރޭގައި ލިބުނީމަ،" މިދިޔަ ސެޕްޓެމްބަރު މަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރި ފަހުން ވަޒީފާއަކާ ހަވާލުނުވެ ހުރި ޓުޗެލް ބުންޏެވެ.

"ބަޔާންގެ ޑީއެންއޭ އެންމެނަށް ވެސް އެނގޭ، ނުކުންނަ ކޮންމެ މެޗަކުން ވެސް ބޭނުންވާނީ މޮޅެއް، ކުޅޭ ކޮންމެ މުބާރާތެއްގައި ވެސް ޓާގެޓަކީ ތަށި. މި ކަހަލަ ޓީމެއްގައި މަސައްކަތް ކުރުމަކީ ފުޓްބޯޅައިގެ ވިސްނުމުން ބަލާއިރު، ގަޔާވާނެ ކަމެއް، މި ސީޒަނުގައި ވެސް ބަޔާނަށް ހުރިހާ މުބާރާތެއް ކާމިޔާބު ކުރެވޭނެ،"

ބަޔާންގައި މިހާރު އޮތް ސްކޮޑަކީ ޔޫރަޕްގެ ވަރުގަދަ ކޮންމެ ލީގެއްގައި ވެސް ތަށްޓަށް ވާދަކުރެވޭނެ ފެންވަރު ހުރި ޓީމެއް ކަން ފާހަގަކޮށް، ޓުޗެލް ބުނީ ޔޫރަޕްގެ އެއްވެސް ޓީމަކުން ބަޔާނާ ދެކޮޅަށް ކުޅެން ޖެހުމަކީ "ފަސޭހަ ކަމެއް" ގެ ގޮތުގައި ނުނަގާނެ ކަމަށެވެ.

ޓުޗެލް، ބަޔާން ގޮވައިގެން ފުރަތަމަ މެޗަށް ނުކުންނާނީ ވެސް ހާއްސަ ކުރިމަތިލުމަކަށެވެ. އެ ގޮތުން، އިންޓަނޭޝަނަލް ބްރޭކަށް ފަހު ބަޔާން ކުޅޭ ފުރަތަމަ މެޗުގައި ކުޅޭނީ ޖަރުމަނު ލީގުގައި އެންމެ ފަހުން ޓުޗެލް ކޯޗުކޮށްދިން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ.

ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޓުޗެލް ވަނީ 2015-2017 އަށް ޑޯޓްމަންޑް ކޯޗުކޮށްދީފަ އެވެ. ޑޯޓްމަންޑް މި ވަގުތު އޮތީ ޖަރުމަނު .ލީގުގެ އެއް ވަނައިގަ އެވެ. ޓުޗެލް ބުނީ ބަޔާނާއި ޑޯޓްމަންޑްގެ ކުރިމަތިލުމަކީ ޖަރުމަނު ފުޓްބޯޅައިގައި އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ މެޗު ކަމަށެވެ.

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗް ބުނީ ޓުޗެލް ގެންނަން ނިންމިއިރު، ބަޔާނުން ނާގަލްސްމަން ވަކިކުރި ގޮތާ މެދު ތަފާތު ގޮތްތަކަށް މީޑިއާގައި ވާހަކަ ފެތުރޭ ކަމަށެވެ. އެކަމަކު، ހަގީގަތް އެނގެންޖެހޭ ފަރާތްތަކަށް މީގެ ކަންކަން ހިނގައިދިޔަ ގޮތް އެނގޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އަދި ނާގަލްސްމަންއާ އެކު ބަޔާނުން ހޭދަކުރި ދެ އަހަރެއްހާ ދުވަސްތެރޭ ރަނގަޅު ކަންކަން ވެސް ދިޔަކަން ފާހަގަކޮށް، ސަލިހަމްދްޒިޗް ބުނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާތަށް އައިސްފައިވާ ގޮތަށް ބަލާއިރު، މުސްތަގުބަލަށް ވިސްނައި، ބަޔާނުން އަވަހަށް ފިޔަވަޅު އެޅީ ޓުޗެލް ކަހަލަ ކޯޗެއް ހުސްކޮށް ހުރުމުން ކަމަށެވެ.