Advertisement

ބަޔާނުން ޓުޗެލް އަށް ދިނީ ދެ އަހަރުގެ ކޮންޓްރެކްޓެއް

25 މާރިޗު 2023 - 05:46 0


ބަޔާނުން ޓުޗެލް އަށް ދިނީ ދެ އަހަރުގެ ކޮންޓްރެކްޓެއް

25 މާރިޗު 2023 - 05:46 0

މިއުނިކް (މާޗް 25) - ބަޔާން މިއުނިކްގެ ކޯޗަކަށް ހުރި ހޫލިއަން ނާގަލްސްމަން ވަކިކޮށް އެ މަގާމަށް ހަމަޖައްސަން ނިންމި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް އަށް ބަޔާނުން ދޭން ނިންމާފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް ކަމަށް އެ ކްލަބުން ހާމަކޮށްފި އެވެ.

ޓުޗެލް، ޖަރުމަނުގެ ޗެމްޕިއަން ބަޔާނާ އެކު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކޮށް، މިއަދު މީޑިއާ އަށް ތައާރަފްކުރުން އޮންނާނެ އެވެ. ބަޔާނުން ހާމަކުރާގޮތުގައި ޓުޗެލް ރަސްމީކޮށް އެ ކްލަބާ އެކު ފަރިތަކުރުންތައް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.

ބަޔާނުގެ ޗެއާމަން، ކުރީގެ މަޝްހޫރު ކީޕަރު އޮލިވާ ހާން ވިދާޅުވީ ބަޔާނުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 35 އަހަރުގެ ކޯޗު ނާގަލްސްމަން ގެނައީ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. އެކަމަކު، ފީފާ ވޯލްޑް ކަޕަށް ފަހު އަލުން ސީޒަން ފަށައިގެން، ބަޔާނަށް އެއް ފެންވަރެއްގައި މެޗުތަކުގައި ނުކުޅެވި ނަތީޖާ އަށް އަސަރުކުރަން ފެށުމާ އެކު ކްލަބަށް ބަދަލެއް އަންނަން ޖެހޭ ވަގުތު ކައިރިވަމުން ދިޔައީ ކަމަށް ހާންގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

ކްލަބްގެ ތެރޭގައި ހިނގާ ހުރިހާ ކަމަކަށާއި މުސްތަގުބަލަށް ބަަލައި، އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުން ބަޔާންގެ ބޯޑަށް ނިންމުނީ މިއީ ޓީމުގެ ކޯޗިން މަގާމަށް ބަދަލެއް އަންނަން ޖެހޭ ވަގުތުކަމުގެ ގޮތުގައި ކަމަށް ހާން ވަނީ ވިދާޅުވެފަ އެވެ.

ޗެލްސީ އާއި ޕީއެސްޖީ އަށް ކުރިން ކޯޗުކޮށްދިން ޓުޗެލް ވަނީ ޖަރުމަނު ލީގުގައި މައިންޒްގެ އިތުރުން ބަޔާންއާ އެންމެ ވާދަވެރި ޑޯޓްމަންޑަށް ކޯޗުކޮށްދީފަ އެވެ. ޓުޗެލް، ބަޔާނާ އެކު ނުކުންނަ ފުރަތަމަ މެޗަކީ އަންނަ މަހު އެއް ވަނަ ދުވަހު ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ވަގުތު ޖަރުމަނު ލީގު ލީޑުކުރަމުން ދަނީ ޑޯޓްމަންޑް އިންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރި ޓުޗެލް އަށް މިދިޔަ މަސްތަކުގައި އެހެން ކްލަބްތަކުގެ އޮފާ ލިބުނު ނަމަވެސް އޭނާ މަޑުކުރަމުން އައީ އެންމެ ރަނގަޅު ޕްރޮޖެކްޓަކަށެވެ. ބަޔާންގެ ހުށަހެޅުމަށް ޓުޗެލް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްބަސްވެފަ އެވެ.