23 މާރިޗު 2023 - 13:05 0
23 މާރިޗު 2023 - 13:05 0
މިދިޔަ އަހަރު ދުނިޔޭގެ ރޭންކިންގެ ގަދަ 20 ގެ ތެރޭގައި ހިމެނިގެން، މިއާމީ އޯޕަންގައި ވާދަކޮށް، ސްޕެއިނުގެ ހުނަރުވެރި ތަރި، ކާލޯސް އަލްކަރާޒް ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތާ ކުރިމަތިލާއިރު، އުމުރުން 19 އަހަރުގެ އަލްކަރާޒް އަކީ ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެކަމަކު ވެސް އޭނާ ދެކޭގޮތުގައި މި އުމުރުގައި އޭނާ އަށް ޕްރެޝަރުގެ ވާހަކަ އަލެއް ނޫނެވެ. އެ އަށް ވުރެ ފޯކަސް ބަހައްޓައިގެން ނަތީޖާ އަށް ނުބަލައި ކުޅުމަކީ މި ހާލަތަށް ބަލާއިރު، އޭނާ އަށް އެންމެ ބުއްދިވެރި ގޮތެވެ.
ރަޝިއާގެ ޑަނީލް މެޑްވެޑޭވް ބަލިކޮށް، އާދިއްތަ ދުވަހު އަލްކަރާޒް ވަނީ އިންޑިއަން ވެލްސްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ކާމިޔާބީއާ އެކު އަލްކަރާޒް ވަނީ ސާބިއާގެ ލެޖެންޑަރީ ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް ފަހަތަށް ޖައްސާލައި ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އަރައިފަ އެވެ. އަލްކަރާޒް، އިންޑިއަން ވެލްސް ކާމިޔާބުކުރީ ސެޓެއް ވެސް ނުގެއްލި އެވެ.
"އަހަރެން ޔަގީނުންވެސް ޓެނިހުގައި ހާސިލްކުރަން ބޭނުންވި ކަންކަމުގެ ހުވަފެންތައް ހަގީގަތަކަށް މި ހަދަނީ ހީކުރި ވަރަށް ވުރެ މާ އަވަހަށް، ރޭންކިން އެއް ވަނަ ދެމެހެއްޓުމަކީ ޕްރެޝަރެއް. އެކަމަކު، މި ޕްރެޝަރަށް ވެސް އަހަރެން މާ ބޮޑަށް ވިސްނައި އާވެގެނެއް ނޫޅޭނަން. ބޭނުމަކީ ހަމަޖެހިލައިގެން ކެރިއަރު ކުރިއަށްގެންދެވޭނެ ކަމުގެ ކޮންފިޑެންސާ އެކު ހިތްހަމަޖެހޭ ކުޅުމެއް ދައްކަން،" އަލްކަރާޒް ބުންޏެވެ.
އަނިޔާގައި ހުރި ސްޕެއިނުގެ ތަރި، ރަފައެލް ނަޑާލް ވަނީ އެންމެ ފަހުން ނެރުނު ރޭންކިންގައި 2005 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިން ގަދަ 10 އަކުން ބޭރުވެފަ އެވެ. އަނެއްކޮޅުންް ކޮވިޑް ވެކްސިންގެ މައުލޫމާތު ފުރިހަމަނުވާތީ، މި ފަހަރު ވެސް އެމެރިކާގައި ކުޅޭ މުބާާރާތްތަކުގައި ޖޮކޮވިޗަށް ފުރުސަތެއް ނެތެވެ.
މިއާމީ އޯޕަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އަލްކަރާޒް ސުވާލުތަކަށް ޖަވާބު ދެނީ.
އަލްކަރާޒް ބުނީ ނަޑާލާއި ޖޮކޮވިޗް ނެތި ކުޅެން ޖެހުމަކީ މުބާރާތުގެ ފޯރި އަށް ވެސް އަސަރުކުރާ ކަމެއް ކަމަށާއި އެ ކުުޅުންތެރިން ނުލައި ކުޅެން ޖެހުމުގެ މާޔޫސްކަން އެބައޮތް ކަމަށެވެ.
"އަހަންނަކީ ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިއެއް. އަހަންނަކީ ޓެނިހުގެ ވަރަށް ބޮޑު ސަޕޯޓަރެއް. އަހަރެން އަބަދުވެސް ހާއްސަ ޝައުގުވެރިކަމެއް ހުރޭ ޓެނިހުގެ ތަރިން ކުޅޭ މެޗުތައް ބަލަން. އެ ތަރިންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވާނެ ދެ ކުޅުންތެރިން ރަފާ (ނަޑާލް) އާއި ނޮވަކް (ޖޮކޮވިޗް) އަކީ،" އަލްކަރާޒް ބުންޏެވެ.
މިއާމީ އޯޕަންގެ ތިން ވަނަ ބުރުގައި އަލްކަރާޒް އާއި ސްކޮޓްލެންޑްގެ ތަރި އެންޑީ މަރީއާ ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ. އަލްކަރާޒް ބުނީ މަރޭ އަކީ ދުނިޔޭގައި މި ވަގުތު ބެލިޔަސް އެންމެ ގަދަ ހަތަރު ކުޅުންތެރިންގެ ތެރެއިން އެކަކު ކަމަށާއި އެ ފަދަ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެން ލިބިއްޖެނަމަ ރަނގަޅު ކަންކަން ދަސްވާނެ ކަަމަށެވެ.
Comment